ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެމްޑީޕީން ވަކިވުމަށް ފަހު އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ، 'ދަ ޑިމޮކްރެޓްސް' އިން މުސްތަގުބަލުގައި ބާއްވާ ޖަލްސާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އެ ޕާޓީގެ މެނިފެސްޓޯ އެކުލަވައިލުމަށް ފުވައްމުލަކު ސިޓީގައި ބޭއްވި ސިލްސިލާ ބައްދަލުވުންތަކަށް ފަހު ބޭއްވެވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ހުއްދަ ލިބުމާއެކު، ހަރަކާތްތައް އިތުރަށް ފުޅާ ކުރާނެ ކަމަށެވެ. އެއާ އެކު އެ ޕާޓީގެ ހަރަކާތްތަކުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"އަޅުގަނޑުމެންނާ އެކީ އިރާދަ ކުރެއްވިއްޔާ ދެން އޮންނަ ޖަލްސާތަކުގައި ރައީސް ނަޝީދު ވެސް ބައިވެރި ވެވަޑައިގަންނަވާނެ." ހަސަން ލަތީފް ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންފައި ވާއިރު، ޕާޓީން ވަކިވުމުގެ ކުރިން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ދޫކޮށް ނުލައި ހުންނެވީ ޑިމޮކްރެޓްސްގެ ތެރެއަށް، މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގައި ކަމަށެވެ. އަދި، ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސް ޕާޓީއިން އެމްޑީޕީގެ ވޯޓުތައް "އެކަށީގެންވާ އަދަދަކަށް" ނަގާނެ ކަމަށާއި، އެއަށްފަހު އެމްޑީޕީގެ ކޮންޓްރޯލް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ނޯންނާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ވަކިވި ނަމަވެސް، އެމަނިކުފާނު އަދި އެއްވެސް ޕާޓީއަކަށް ސޮއި ކުރައްވާފައެއް ނުވެއެވެ. ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ކަން އެ ޕާޓީން އިއުލާން ކޮށްފައިވާއިރު، އެ ކެންޑިޑޭޓަކީ ރައީސް ނަޝީދަށް ވުން އެކަށީގެންވެއެވެ.

ޑިމޮކްރެޓްސް އުފައްދަން މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާއިރު، ޕާޓީ އުފެއްދުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އީދު ބަންދުގެ ކުރިން ބުނެފައިވެއެވެ.