ހުސްވެފައިވާ އެމްޑީޕީގެ ރައީސް ކަމަށް ބޭފުޅަކު ހޮވާނީ ރިޔާސީ އިންތިހާބަށްފަހު ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ މިހާރު ހުސްވެފައިވާ ރައީސް ކަމުގެ މަގާމާއި، ނައިބު ރައީސް ކަމުގެ މަގާމަށް ބޭފުޅުން ހޮވާނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބު ނިމުމުން ކަމަށެވެ.

"މިވަގުތައް މި ޕާޓީއަށް އެންމެ މުހިންމީ ރިޔާސީ އިންތިހާބު. އިންތިހާބަށް ކުރިއަށް މިއޮތީ ދެމަހެއްހާ ދުވަސް،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ޗެއާޕާސަންކަމާ އޭނާ ހަވާލުވިއިރު، ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ހުރީ ވަރަށް ދޯދިޔާކޮށްކަމަށާއި، މަގާމާ ހަވާލުވެ، އެންމެ ފުރަތަމަވެސް ބެލީ ގޯސްކޮށް ހުރި ކަންކަން ރަނގަޅުކުރުމަށްކަމަށެވެ. އެގޮތުން މަޑުމަޑުން ކަންކަން ރަނގަޅުކުރަމުންދާކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާދެއްވުމުންނެވެ. އެމްޑީޕީގެ ނައިބު ރައީސް ކަމުގައި ހުންނެވި މުހައްމަދު ޝިފާޒް ވަނީ އެ ޕާޓީން ވަކިވެ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ.

ރައީސް ނަޝީދާއި، ޝިފާޒް އެމްޑީޕީގެ މަގާމުތަކަށް ހޮވިވަޑައިގެންފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުންނެވެ.