މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ބަތޫލް އަހްމަދާއި އޭނާގެ ފިރިމީހާ މީކާއިލް މުހައްމަދުގެ އިތުރުން 23 ޒުވާނަކު މިއަދު އެމްޑީޕީއާ އަލަށް ގުޅިއްޖެއެވެ.

ލަވަކިޔުންތެރިޔާ ބަތޫލާއި އޭނާގެ ފިރިމީހާ މީކާއިލް އެމްޑީޕީއާ ގުޅުމުގެ ގޮތުން ފުރި ފޯމު ހަވާލުކުރީ ޅ. ހިންނަވަރުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއެވެ.

"ސަން"އާ ވާހަކަދައްކަވަމުން މި ވަގުތު ރައީސްގެ އަރިހުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެ މަނިކުފާނުގެ ކޮއްކޯފުޅު އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީ ދާނީ ކުރިއަށްކަމަށާއި ޕާޓީއާ ކުރިއަށް އޮތް ތަނުގައި ގިނަ އަދަދެއްގެ މީހުން ގުޅޭނެކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީ ބަލިކަށިކޮށްލުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ އެއްވެސް ވާހަކައަކާ ގުޅިގެން ޕާޓީގެ ހަރަކާތްތައް މަޑުނުޖެހޭނެ ކަމަށެވެ.

ބަތޫލާއި އޭނާގެ ފިރިމީހާ މީކާއިލް އެމްޑީޕީއާ ގުޅުމަށް ރައީސާ ފޯމު ހަވާލުކޮށް ސެލްފީއެއް ނަގަނީ -- ފޮޓޯ/ މެމްބަރު އަލީ ނިޔާޒު

"ވަރަށް ސާފު މަންޒަރެއް. ޒުވާނުން ވެސް އަދި މެދު އުމުރުގެ މީހުން ވެސް އަދި ދުވަސްވީ މީހުން ވެސް ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ސަރުކާރެއް އޮވެގެން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދީީ ޒުވާނުންނަށް ވެސް ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ކަންކަން ކޮށްދީފައިވަނީ،" ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަލަށް ގުޅުނު މެމްބަރުން އިސްވެ ވެސް ޒުވާނުންގެ މެދުގައި ޕާޓީގެ މަގުބޫލުކަން އިތުރުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށެވެ.

އެމްޑީޕީއިން އަންނަނީ އިންތިޚާބާ ދިމާކޮށް މެމްބަރުން އިތުރުކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.