މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަޑުއުފުލާ އެމްޑީޕީން މިއަދު ހަވީރު ފެށި ހިނގާލުން މެދުޒިޔާރަތް ކުރިމައްޗަށް މަޑުކޮށް އެ ސަރަހައްދުގައި އެމްޑީޕީގެ ޖަލްސާއެއް ފަށައިފި އެވެ.

މިއަދު ހަވީރު 4:30ގައި އުސްފަސްގަނޑުން ފެށި ހިނގާލުން މާލޭގެ މަގު މަގުތަކުން ގޮސް މެދުޒިޔާރަތް މަގުން ޝަހީދުއަބްދުﷲ ޒުހައިރު ހިނގުމުން ދާން އުޅުމުން ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅައި މަގު ބަންދު ކުރުމަށް ބެރިކޭޑްތައް ޖަހައިފަ އެވެ. ނަމަވެސް މެދިޒިޔާރަތް މަގުން ހުނޅަގު ފަރާތުން ދެވެން އޮތެވެ. ނަމަވެސް ހިނގާލުމުގެ ބައިވެރިން ބޭނުންވީ ޝަހީދުއަބްދުﷲ ޒުހައިރު ހިނގުމުން ގޮސް ބޮޑުތަކުރުފާނު މަގަށް ނުކުތުމަށެވެ. ފުލުހުން ބުނީ އެ ސަރަހައްދަކީ "ގްރީން ޒޯނަކަށް" ވުމުން ޝަހީދުއަބްދުﷲ ޒުހައިރު ހިނގުމުން ބޮޑުތަކުރުފާނު މަގަކަށް ނުނުކުމެވޭނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ވަޒީރުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ބައިވެރިވި ހިނގާލުމަށް ފުލުހުން ހުރަސްއެޅުމުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިއެވެ. އެ ހަމަނުޖެހުންތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ހިނގާލުމުގެ ބައިވެރިންތަކެއް ހައްޔަރު ކުރުމުން، ރަޔަޓް ގިޔަރުގައި ތިބި ފުލުހުންނާއި ސިފައިނާއި މުޒާޙާރާގެ ބައިވެރިންނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުވެ، ހިނގާލުން މުޒާހަރާއަކަށް ބަދަލުވި އެވެ. އެންމެފަހުން ވަނީ ރައީސް މުހައްމަދު ވަހީދުގެ އިސްތިއުފާއަށް ވެސް ގޮވައިފަ އެވެ. އަދި ފުލުހުންނާއި ސިފައިންނަށް "ބާޣީ" އަށް ގޮވާފައިވެ އެވެ.

މެދިޒިޔާރަތް ކުރިމަތީގައި މިހާރު ކުރިއަށްދާ ޖަލްސާގައި ކުރީގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ވާހަކަފުޅު ދައްކަވަމުން އެބަގެންދަވަ އެވެ. އަދި މިއަދު ހަވީރުން ފެށިގެން ރައީސް ނަޝީދު މެދުޒިޔާރަތް ކުރިމަތީގައި މުޒާހަރާގެ ބައިވެރިންނާ އެކު އެބަހުންނެވި އެވެ.

މުޒާހަރާގައި ހިނގާފާނެ ހަމަނުޖެހުމަށް ޓަކައި ފުލުހުން ވަނީ މުޒާހަރާއަށް ފެން ޖެހުމައްތައްޔާރުކޮށް، ޕަންޕުތައް މޫދަށް ގުޅާފަ އެވެ.