ސްޓޮކްހޯމް (1 ޖުލައި 2023): ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މުސްލިމުންނަށް ޖެއްސުންކޮށް އިސްލާމީ ޝިޢާރުތަކަށް އިހާނާތް ކުރުމަށް ޓަކައި ޔޫރަޕްގެ ގައުމެއްކަމަށްވާ ސްވިޑެންގައި ތަކުރާރުކޮށް ހިންގަމުން ގެންދާ ހަރުކަށި އަދި ނާތަހުޒީބު އަމަލުތަކާ ދެކޮޅަށް އިސްލާމީ އެތައް ގައުމެއްގައި މުޒާހަރާކުރަން ފަށައިފިއެވެ.

މިކަމާދެކޮޅަށް އިއްޔެ އެންމެ ވަރުގަދައަށް މުޒާހަރާކޮށްފައިވަނީ އީރާނާއި އިރާގުގައެވެ. ނަމަވެސް މިހާރުވަނީ އިންޑޮނީޝިއާ، ޕާކިސްތާނު ފަދަ އޭޝިއާގެ ގައުމުތަކާއި ސެނެގާލްފަދަ އެފްރިކާގެ އިސްލާމީ ގައުމުތަކުގައިވެސް މިކަމާދެކޮޅަށް އިހުތިޖާޖުކޮށް ސްވިޑެންއާ ގުޅުންތައް ކަނޑާލައި އެގައުމުގެ އުފެއްދުންތައް ބޮއިކަޓް ކުރަންގޮވާލުމުގެ ހަރަކާތްތަކެއް ފަށާފައެވެ.

ކީރިތި ގުރުއާނުގެ ހުރުމަތް ކަނޑައި، ގެއްލުންދީ، އޭގެ ކޮޕީތަކުގައި ހުޅުޖެހުމަކީ ތަހުޒީބު ކަމަށް ބަޔަކު ދެކޭ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ހިނގަމުންދާ ކަމެކެވެ. އަދި ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ޖޯކު ޖަހައި ކާޓޫނު ކުރެހުމަކީވެސް ފަރަންސޭސިވިލާތްފަދަ ބަލިކަށިވަމުންދާ ޔޫރަޕްގެ އިސްތިއުމާރީ ބާރުތަކުގައި ޚިޔާލު ފާޅުކުުރުމުގެ މިނިވަންކަމުގެ ނަމުގައި ތަކުރާރުކޮށް ހިންގަމުން ގެންދާ ނާތަހުޒީބު އަމަލުތަކެކެވެ. ނަމަވެސް ނަސާރާ ދީނުގެ ޝިއާރުތަކާ ދެކޮޅަށް އިހާނާތް ކުރުމަކީ ފަރަންސޭސިވިލާތުގައި މަނާކަމެކެވެ.

ނަމަވެސް ޔަހޫދީންނާ ދެކޮޅަށް ނާޒީ ޖަރުމަނުން ހިންގިކަމަށް ބުނާ ހޮލޮކޯސްޓާ ދެކޮޅަށް ޚިޔާލު ފާޅުކުރުުމުގެ ނަމުގައި ބަހެއް ބުނުމަކީވެސް ޔޫރަޕްގައި ޖަލަށްލެވޭ އަދި ބޮޑެތި އަދަބުތައް ދެވޭ ޖަރީމާއަކަށްވަނީ ހަދާފައެވެ.

ޔޫރަޕްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ބައެއް ކަންކަމުގައެވެ. އަނެއްބައި ކަންކަމުގައި ޚިޔާލު ފާޅުކުރުމަކީ މަނާކަމެކެވެ. ޖަރީމާއެކެވެ. މިގޮތުން ޔޫރަޕްގައި އިންޖީލު އެންދުމާއި އެއަށް އިހާނާތް ކުރުމަކީވެސް ޖަރީމާއެކެވެ. ނަމަވެސް ކީރިތި ގުރުއާނަށް އިހާނާތް ކުރުމާއި އެމުގައްދަސް ފޮތް އެންދުން ޔޫރަޕްގައި ދެކެނީ ހުއްޓުވެންނެތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައެވެ.

ސްވިޑެންގައި ހިންގި ކީރިތި ގުރުއާނުގެ މުސްހަފު އެންދުމުގެ ޖަރީމާއާ ދެކޮޅު ހެދުމުގެ ގޮތުން އިރާގުގެ ރައްޔިތުންވަނީ އެގައުމުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ސްވިޑެންގެ އެންބަސީއަށާއި އެންބަސީގެ ގޯތިތެރެއަށް ގަދަބާރުން ވަދެގަނެ އެކަމާދެކޮޅަށް އަޑުއުފުލައި ސްވިޑެންގެ ސަރުކާރަށް ވަރުގަދަ މެސެޖެއްދީފައެވެ.

އެމްބަސީއަށް ވަދެގަތުން ސްވިޑެންގެ ސަރުކާރުން ކުށްވެރި ކުރިނަމަވެސް އެކަމާދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ސްވިޑެން އަށް ހަމްދަރުދީ ލިބިފައެއް ނުވެއެވެ. އަދި ސްވިޑެންގެ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން މިއަދު އެގައުމުވަނީ ވަރަށް ބޮޑަށް އެކެހެރިވެފައެވެ.

ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ މައި މިސްކިތުގެ ކުރިމަތީގައި ކީރިތި ގުރުއާނުގެ ކޮޕީއަކަށް (މުޞްޙަފަކަށް) ގެއްލުންދީ، އެމުސްހަފުގައި ރޯކޮށްލާފައިވަނީ އެ ގައުމުއަށް އިރާގުން ހިޖުރަކޮށްގެން އުޅޭ އެއްވެސް ދީނެއް ގަބޫލުނުކުރާ މީހެކެވެ. އެތީސްޓެކެވެ. އޭނާގެ ނަމަކީ ސުލްވާން މުމީކެވެ.

ސުލްވާންއަށް މިކަން ކުރަން ހިއްވަރު ދިންކަމަށްވަނީ ސްވިޑްންގައި އުޅޭ އިސްލާމް ދީނަށް ނަފްރަތުކުރާ ބައެއްކަމަށް ވެއެވެ. ސުލްވާން އެ އަމަލު ހިންގާފައިވަނީ ސްވިޑެންގެ ފުލުހުން ހުއްދަދީގެންނެވެ. އޭނާގެ އެއަމަލު ފެންނަ ހާލަތުގައި ސްވިޑްންގެ ފުލުހުން ތިބިނަމަވެސް އެކަން ހުއްޓުވަން އެމީހުން މަސައްކަތް ކޮށްފައެއް ނުވެއެވެ.

މީގެކުރިންވެސް ދެފަހަރެއްގެ މަތިން ސްވިޑެންގެ ސަރުކާރުން ހުއްދަދީގެން ސްވިޑެންގައި ކީރިތި ގުރުއާނުގެ ކޮޕީތައް އަންދައި މުސްލިމުންނަށް ޖެއްސުންކޮށް އިސްލާމް ދީނަށް އިހަނާތް ކުރުމުގެ ނާތަހުޒީބު އަމަލުތައް ހިންގާފައިވެއެވެ. އެދެފަހަރު އެކަން ކޮށްފައިވަނީ ސްވިޑެންގެ ރައްޔިތުންނެވެ. އެދެފަހަރުވެސް އިސްލާމީ ދުނިޔޭގައި ސްވިޑެން އާ ދެކޮޅަށް ވަރުގަދަ އހުތިޖާޖުތަކެއް ކޮށްފައިވެއެވެ.

ސްވިޑެންއަށް ނޭޓޯއަށް ނުވަދެވިފައިވަނީ އެގައުމުގައި ހިންގާ މި ނާތަހުޒީބު އަމަލުތަކާ ގުޅިގެން ތުރުކީން އެގައުމަށް ޑިޕްލޮމެޓިކް ގޮތުން ދީފައިވާ އަދަބު ގެ ސަބަބުންނެވެ. މިފަހަރު ހިންގި މުސްހަފް އެންދި އަމަލުގެ ސަބަބުން ތުރުކީވަނީ އިތުރަށް ރުޅިގަދަވެފައެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާންވަނީ މުސްހަފް އެންދުމަށް ހުއްދަ ދިނުމުގެ ހިތިރަހަ ސްވިޑެން ސަރުކާރުގެ ކަރުބުޑުގައި އިތުރަށް ލައިގެންދާނެކަމަށް ވިދާޅުވެ ހަރުކަށި އިންޒާރެއް ދެއްވާފައެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނޫންކަމަށާ އެއީ ހުޅަނގުގެ ނާތަހުޒީބު އަމަލެއްކަން ސްވިޑެންގެ އިތުރުން އެގައުމުގެ ފަހަތުގައިވާ ހުޅަނގުގެ އެހެން ގައުމުތަކަށްވެސް ދައްކަވާނެ ކަމަށް އެރުދުޣާންވަނީ ވިދާޅުވެފައެވެ.

ތުރުކީގެ އިތުރުން އީރާނާއި އިރާގާއި ސަޢުދީ، މިސްރު އަދި މަޣްރިބުން ވަނީ އެގައުމުތަކުގައި ތިއްބަވާ ސްވިޑެންގެ ސަފީރުން މިމައްސަލައާ ގުޅިގެން އެގައުތަކުގެ ޚާރިޖީ ވުޒާރަތަކަށް ހާޒިރުކޮށް މި ޖަރީމާތައް ނުހުއްޓުވާނަމަ ސްވިޑެން އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް މުސްތަގްބަލްގައި އަޅަންޖެހިދާނެކަމުގެ އިންޒާރު ދޭ ލިޔުންތައް ސްވިޑެންގެ ސަފީރުންނާ ހަވާލުކޮށްފައެވެ.

އިރާގުން ވަނީ ޝަރީއަތް ހިންގުމަށްޓަކައި ކީރިތި ގުރުއާނުގެ ކޮޕީ އެންދި އިރާގުގެ އެތީސްޓް (މުލްހިދު) އިރާގާ ހަވާލުކުރުމަށް ސްވިޑެންގެ ކިބައިން ރަސްމީކޮށް އެދިފައެވެ. ނަމަވެސް ސްވިޑެން އިންވަނީ މިކަމަށް އިޖާބަ ދިނުމަށް ދެކޮޅު ހަދާފައެވެ.