އަކިއަލް ލަޔާލްގެ އަނގަމަތީގައި އަތްއަޅައި ބާރުކޮށްލިއެވެ. ލަޔާލަށް ނޭވާވެސް ނުލެވުނެވެ. ސަލާމަތުން އޮތް އަތުން އަކިއަލްގެ ގައިގައި އަތުން ތަޅާ ވަކިއަޅަމުން ދިޔައިރު، ލަޔާލްގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ.

އަކިއަލް އޭނާ ލައިގެން ހުރި ޓީޝާޓު ހަށިގަނޑާއި ވަކިކޮށްލުމަށްފަހު ހޫރާލިއެވެ. ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑާއިއެކު ދޮރު ހުޅުވިގެން ދިޔައީ ވިދާލި ވިދުވަރެއް ފަދައިން މުޅި ތަން އަލިކޮށްލުމަށްފަހުގައެވެ.

********

ލިބުނު ސިހުމުގައި ލަޔާލަށާއި އަކިއަލްއަށް ދޮރާއި ދިމާއަށް ބަލާލެވުނީ އެކުއެކީގައެވެ. ދޮރުމަތީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

"ކާކު؟..." އަކިއަލް ހަޅޭއްލަވައިގަތެވެ.

ކުއްލިއަކަށް ބާރު ވައިރޯޅިއެއް ޖެހިލާފައި ދޮރު ލެއްޕުނެވެ. މުޅި މާހައުލު ހަމަހިމޭންވެ ހޭދަވީ ފަޅި ސިކުންތުކޮޅެކެވެ.

ނޭނގޭ ބާރަކުން އަކިއަލް ދަމައިގަތް ކަހަލައެވެ. އޭނާގެ ބާރެއް ނެތި، މާ ދުރަށް ވިއްސައިގެން ދިޔައެވެ. ފާރުގައި ޖެހިފައި އަކިއަލް ތިރިއަށް ވެއްޓުނު މަންޒަރު ބަލަން ލަޔާލަށް އޮވެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އެއީ އާދަޔާ ހިލާފު މަންޒަރެކެވެ. އެތަނުގައި ލަޔާލާއި އަކިއަލް ނޫން އިތުރު މީހަކު ނެތެވެ. ވީއިރު، އަކިއަލްއަށް އެވީ ކިހިނެއް ހެއްޔެވެ؟

ގޮތް ނޭނގޭ ކަންތައްގަނޑެއް ހިނގާކަމަށް ލަޔާލްގެ ހަވަނަ ހިއްސު ބުނެދިނެވެ. ލަޔާލް އިނީ ބިރުން ސިހިސިހިއެވެ. އަކިއަލްގެ ބޯ ފަޅައިގެން ގޮސް ލޭގެ ކޯރެއް ހެދެމުން ދިޔައެވެ. އޮތް ތަނުން ތެދުވަން އަކިއަލް މަސައްކަތް ކުރިއެވެ. އެހެނަސް ގިނައިރެއްނުވެ، އޭނާގެ ހަބަރު ހުސްވެ، އޮތްތަނަށް ދެމުނެވެ.

"ލަޔާ!..." ފިޒާލްގެ އަޑު އިވުނީ ކޮން ދިމާއަކުން ކަމެއްވެސް ލަޔާލަކަށް ނޭނގުނެވެ.

ލަޔާލްގެ ނަޒަރު އަކިއަލްގެ ހަށިގަނޑުން ވަތްކެއް ނުވިއެވެ. ހެދެމުންދިޔަ ލޭގެ ކޯރު ފެނި، ލަޔާލަށް އެސްފިޔަ ޖަހާލުންވެސް ވީ އުނދަގޫ ކަމަކަށެވެ.

"ލަޔާ....." ފިޒާލް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ލަޔާލްގެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ.

ލަޔާލްގެ ހިއްސުތައް ރަނގަޅަށް މަސައްކަތް ކުރަންފެށީ، ފިޒާލްގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ލިބުނު ކަމުގެ އިހުސާސް ކުރެވުމުންނެވެ. ލަޔާލްގެ އަނގައިން ނުކުތް ވޭނީ އާހުގެ އަޑާއިއެކު، އޭނާއަށް ގިސްލާފައި ރޮވެން ފެށުނެވެ.

"ޝްޝްޝް... ޑޯންޓް ވޮރީ.... އައިއޭމް ހިއަރ...." ފިޒާލް އޯގާތެރި ރާގަކަށް ބުންޏެވެ.

"ސުބުހާނަﷲ.... މަގޭ ދަރި...." ފިޒާލްގެ ފަހަތުން އެތެރެއަށް ވަން އޭނާގެ ބައްޕައަށް ފެނުނު މަންޒަރުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

އޭނާ ދުވެފައި ގޮސް ލޯބިވާ ދަރިފުޅުގެ ކައިރިއަށް ތިރިވިއެވެ. އަކިއަލްގެ ބޯ ނަގާ އުނގުމަތީ ބާއްވާލިއެވެ.

"ދަރިފުޅާ!... އޭރުވެސް ބައްޕަ ބުނީމެއްނު... ބުނީމެއްނު މީ ވަރަށް ނުރައްކާތެރި ކަމެކޭ..." ފިޒާލްގެ ބައްޕަ މުޙައްމަދު ރޮއެރޮއެފައި ވާހަކަ ދައްކަމުން ދިޔައެވެ.

މޮޔަވެފައިވާ މީހަކު ފަދައިން މުޙައްމަދު އޭނާގެ އަމިއްލަ ބޮލުގައި އަތުން ތަޅަމުން ދިޔައެވެ. ވަށައިގެންވި މާހައުލަށް އޭނާ ނަޒަރު ހިންގަމުންދިޔަ ގޮތުން ލަޔާލްގެ ހިތް ރޫރޫ އަޅައިގަތެވެ. އަކިއަލްއަށް ވީގޮތް ފެނިފައިވާތީ، ފިޒާލްގެ ބައްޕަގެ ހިތުގައިވީ ކޮންކަހަލަ ޝައްކެއްކަން ލަޔާލަށް އެނގުނެވެ.

ލަޔާލްގެ ދެފައިން ވާގިދޫވާން ފެށިއެވެ. މޫނުމައްޗަށް އަނދިރިވެގެން އޭނާ ދެމުނީ ފިޒާލްގެ އަތުގެ ތެރެއަށެވެ. ފިޒާލް ހުށިޔާރުކަމާއިއެކު ލަޔާލް އޭނާގެ އަތްދަނޑި މައްޗަށް އުފުލާލިއެވެ.

********

"ނޭދެމޭ ވަކިވުމެއް.... ހާދަހާ ލޯބިވޭ.... އަބަދަށް އެކީގާ ވުމަށޭ ބޭނުމީ..."

ލަޔާލްގެ ހަށިގަނޑުގައި ބީހިލި ފިނިފިނި ވައިރޯޅި އާއިއެކު ކަހަލަ ގޮތަކަށް އިވިގެން ދިޔައީ އަކިއަލްގެ އަޑެވެ. ލަސްލަހުން އެސްފިޔަތައް ތަޅުވައިލުމަށްފަހު ލަޔާލް ލޯ ހުޅުވައިލިއެވެ.

ހުވަފެނީ އާލަމަކުން ލިބުނު ފޮނިކަމާއިއެކު ލޯ ހުޅުވާލި ނަމަވެސް ލަޔާލްގެ އުފާވެރިކަން ގެއްލުނެވެ. ހިނގައިދިޔަ ހާދިސާ އޭނާގެ ލޯކުރިމަތީ ސިފަވާން ފެށިއެވެ. އޮވެވުނީ ލަޔާލްގެ ގޭގައި އޭނާގެ ކޮޓަރީގައެވެ. މަޑު ތަންމައްޗެކެވެ. އެކަމަކު، ލަޔާލަކަށް އަރާމެއް ނުވިއެވެ. ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

ލަޔާލް ފުންމައިގެން ތެދުވިއެވެ. ސޯފާގައި އިނދެފައި ފިޒާލް ކޮޅަށް ތެދުވިއެވެ. ފިޒާލް ހުރީ ކުށްވެރިއަކު ފަދައިންނެވެ. ލަޔާލާއި ހަތަރުކަޅި ހަމަކުރާކަށްވެސް އޭނާއަށް ފަސޭހައެއް ނުވިއެވެ.

"އަކިއަލްވީ ހޮސްޕިޓަލުގަ... ހާލު ރަނގަޅު..." ފިޒާލް ތަފްސީލް ދިނީ ލަޔާލް އެނގެން ބޭނުންވެފައި ހުރެދާނެތީއެވެ.

"ގެއަށް ދާން ބޭނުން..." ލަޔާލް ހުރީ ދޮރުން ނުކުންނަންވެސް ނުކެރިފައެވެ.

"އައިމް ސޯ ސޮރީ..." ފިޒާލް އިސްޖަހައިލިއެވެ.

ފިޒާލްގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނުވެއެވެ. ލަޔާލް އެއްޗެއް ނުބުނެ ކޮޓަރިން ނުކުތެވެ.

********

ލަޔާލް އޮތް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ފުލުހުންގެ ދެމީހެކެވެ. އެމީހުންނާއިއެކު ފިޒާލްވެސް އެތެރެއަށް ވަނެވެ. ލަޔާލް ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލިއެވެ. ފިޒާލް އިނީ ލަޔާލްގެ އަތުގައި ހިފާލައިގެންނެވެ.

"އައްސަލާމް އަލައިކުމް..... އަޅުގަނޑުގެ ނަމަކީ ރިވާން....... ދެން މިހުރީ ޔާނާ....." ފުލުހުންގެ ޓީމުގެ ތައާރަފެއް ދެމުން ރިވާން ގޮނޑީގައި އިށީނެވެ.

"އަދިވެސް އެނބުރުން އަރާތަ؟...." ޔާނާ ސުވާލުކުރީ ގާތްގޮތަކަށެވެ.

ލަޔާލް ބޯ ހޫރައިލިއެވެ.

"ހާސްނުވޭ..... އަޅުގަނޑު ބޭނުމެއް ނޫން ތިބޭފުޅާ ބިރު ގަންނުވާކަށް..... އަޅުގަނޑުމެންގެ މަގުސަދަކީ އިންސާފު ލިބެންވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުން..... އަޅުގަނޑުމެން މިއައީ މިއަދު ހިނގައިދިޔަ ހާދިސާގަ ތިބޭފުޅާގެ ބަޔާނަށް ބޭނުންވާ ބައެއް ސުވާލުތައް ކޮށްލަން..... ކުށްވެރިން ހޯދާ އެމީހުންނަށް ހައްގު އަދަބު ދިނުމަށް އަޅުގަނޑުމެންނަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އުއްމީދު ކުރަން....." ރިވާން ތަފްސީލް ދިނެވެ.

ތަހުގީގަށް ބޭނުންވާ ސުވާލުތައް ކުރުމަށްފަހު، ފުލުހުން ދިޔައެވެ. ލަޔާލްގެ ބޮލުގައި ގަދަޔަށް ރިއްސަން ފެށިއެވެ. ފުލުހުންގެ ސުވާލުތައް ހުރިގޮތުން، ހީވަނީ ލަޔާލަކީ ކުށްވެރިއެއް ހެންނެވެ. އަދި އަކިއަލްއަށް ދިމާވި ކަންތަކަކީ، އޭނާ އަކިއަލްއަށް ދިން ގެއްލުމެއް ހެންނެވެ.

"މަންމަ ކައިރިއަށް ގޮސްލާނަންތަ؟..." ފިޒާލް ވަރަށް ލޯބިން ސުވާލުކުރިއެވެ.

ގެއަށް ދެވުނު ނަމަވެސް ލަޔާލަކަށް ހަމަޖެހުމެއް ނުލިބުނެވެ. ބޮލުގެ ރިހުމަކަށް ބަދަލެއް ނައެވެ. ކުއްލި ގޮތަކަށް ލަޔާލްގެ ބައްޕަ މާލެ ފުރައިގެން ދިޔަ ހަބަރުވެސް ވީ ލަޔާލްގެ ސިކުނޑި އިތުރަށް ނުތަނަވަސް ކުރުވި ހަބަރަކަށެވެ.

"މަންމަ އަންނާނަން ދަރިފުޅަށް ބޯއެއްޗެއް ހިފައިގެން..." ސަކީނާ ތެދުވިއެވެ. "މާ ބޮޑަށް އެކަމާ ނުވިސްނައްޗޭ..."

ސަކީނާ ނުކުމެ، ދޮރު ލައްޕައިލުމުން، ލަޔާލް ތެދުވިއެވެ. އޭނާ ގޮސް ކޮޓަރީގެ ކުޑަދޮރު ހުޅުވާލިއެވެ. މާހައުލަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ގޯތިތެރެ ފެންނަން އޮތީ އަނދިރިކޮށެވެ. ކުއްލިއަކަށް ލަޔާލްގެ ހަނދާނަށް އައީ އަކިއަލްއަށް ދިމާވި ހާދިސާއެވެ. އަކިއަލް ވިއްސައިގެން ގޮސް ފާރުގައި ޖެހުނު މަންޒަރު އޭނާގެ ލޯ ކުރިމަތީގައި ސިފަވިއެވެ.

ލަޔާލް އަވަސް އަވަހަށް ކުޑަދޮރު ލެއްޕިއެވެ.

********

"ކަލޭ ބުނި ވަރަށް އަހަރެން ފައިސާ ދިނިން..." ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ވާހަކަ ދައްކަމުންދިޔަ މެދު އުމުރުގެ މީހާގެ މޫނުން ފެނުނީ ރުޅިވެރިކަމެވެ. "ކަލޭ އަހަންނަށް ދޮގުހެދީ ކީއްވެ؟..."

ފޯނުގެ އަނެއްކޮޅުން މުސްކުޅިއަކު ބަލި އަޑަކުން ކެއްސައިލިއެވެ.

"ހާސްނުވޭ... އޭނަ ހުރީ އަހަރެންގެ ބެލުމުގެ ދަށުގަ... ފާޑުފާޑެއް ނުކުރެވޭނ..." މުސްކުޅި މީހާ ބުންޏެވެ.

"ކަލޭކައިރީ އަހަރެން ބުނީ އޭނަ ނައްތާލަން..." މުސްކުޅި މީހާގެ ވާހަކަ ނުނިމެނީސް ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކަން ފެށިއެވެ.

"ކަލޭމެން ހާދަ ކެތްތެރިކަން ކުޑައޭ...." މުސްކުޅި މީހާ ހީނގަތެވެ.

"ކިހާވަރެއް ބޭނުންވަނީ؟...." ފޯނުގެ އަނެއްކޮޅުން ބުންޏެވެ. "އަހަރެން ބޭނުންވަނީ އޭނަ ނެތިކޮށްލަން.... ކިހާ ވަރަކަށް އެކަން ވާނީ؟..."

(ނުނިމޭ)