01 Jul 2023, 09:11
ފިލްމީ ޢާއިލާއަކަށް ނިސްބަތްވާ ދެ ޒުވާނުން ރަޝާ ތަޑާނީއާއި އާމަން ދޭވްގަން ބޮލީވުޑަށް ތަޢާރަފުވާ ފިލްމު ރިލީޒްކުރުން އަންނަ އަހަރަށް ތާވަލުކޮށްފިއެވެ.
ކާމިޔާބު ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާއާއެކު ބޮލީވުޑަށް ނުކުންނަށް ތައްޔާރުވެފައިވަނީ އެކްޓަރު އަޖޭ ދޭވްގަންއަށް ބޮޑު ބޭބެކިޔާ އާމަން ދޭވްގަންއެވެ. މި ދެ ޒުވާނުން ހިންދީ ސިނަމާއަށް ތަޢާރަފުކުރުމުގެ ޒިންމާއާ ހަވާލުވެފައިވަނީ ކާމިޔާބު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބީޝޭކް ކަޕޫރެވެ.
އަބީޝެކް ކަޕޫރު ޑައިރެކްޓްކޮށް އަންހެނުން ޕްރަގްޔާ ކަޕޫރު އަދި ރޮނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ މިފިލްމަކީ، ވަކި ނަމެއް ހަމަޖެހިފައިނުވާ ނަމަވެސް ބޮޑު ބަޖެޓަކުން އުފައްދަން ނިންމާފައިވާ ފިލްމެކެވެ. ފިލްމާބެހޭ ތަފްސީލުތައް ސިއްރުކުރެވިފައިވީ ނަމަވެސް ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ނިންމާފައިވަނީ ކުރިޔަށް އޮތް އަހަރުގެ ފެބްރުއަރީ މަހުގެ ނުވައެއްގައެވެ.
ފެބްރުއަރީ މަހު ބޭރު ދުނިޔޭގެ ޤައުމުތަކުގައި ފާހަގަކުރާ ލޯބިވެރިންގެ ހަފުތާގައި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާއިރު މިފިލްމަކީ، ލޯބީގެ ހާދިސާތަކެއް އެކުލެވޭ ފިލްމެއްކަމުގެ ސިގުނަލް ލިބިފައިވާކަމަށް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ. ރަޝާއާއި އާމަންގެ އިތުރުން މިފިލްމަކީ، ޓެލެވިޒަން އެކްޓަރު މޯހިތު މަލިކުވެސް މީގެކުރިން ނުފެންނަފަދަ ރޯލަކުން ހިންދީ ސިނަމާއަށް ތަޢާރަފުވާނެ ފިލްމުވެސްމެއެވެ.
ފިލްމު އުފެއްދުމުގެ ދާއިރާގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ އަބީޝެކް ކަޕޫރަކީ، ހުނަރުވެރި އެކްޓަރުންތަކެއް ހިންދީ ސިނަމާއަށް ތަޢާރަފުކޮށްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެތެރޭގައި، ކުރީގެ ތަރި ސުޝާންތު ސިންގް ރާޖްޕުތު، ފަރްޚާން އަޚްތަރު، ރާޖް ކުމާރު ރާއޯ އަދި ބަތަލާ ސާރާ ޢަލީ ޚާން ހިމެނެއެވެ.
ރަވީނާގެ އަންހެން ދަރިފުޅުގެ ފުރަތަމަ ފިލްމު އަޖޭގެ އާއިލާގެ ޒުވާނަކާއެކު ކުޅެން ނިންމާފައިވާއިރު ރަވީނާއާއި އަޖޭއަކީ އެކީގައި ވަރަށް ގިނަ ފިލްމުތަކުން ފެނިފައިވާ ދެ ތަރިންނެވެ. އޭގެތެރޭގައި ފިލްމު "ދިލްވާލޭ"އަކީ ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމެކެވެ.