ވޮޝިންގޓަން (މޭ 1): އަލްޤާއިދާގެ ލީޑަރު އުސާމާ ބިންލާދިން އަވާހާރަކޮށްލިކަމަށް އެމެރިކާ ބުނިތާ އެއް އަހަރުފުރުނު މުނާސާބަތާ ގުޅުވައިގެން އެކަމުގެ ސިޔާސީ ފައިދާ ނަންގަވަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފައްޓަވައިފި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔުޝިހީކޯ ނޮޑާ އާ ވައިޓް ހައުސްގައި ބައްދަލުކުރައްވަމުން ވިދާޅުވީ އުސާމާ އަވަހާރަކޮށްލައި އޭނާގެ ދުވަސް ދުއްވާލުމުގައި އެމެރިކާގެ މިހާރުގެ ސަރުކާރުން އަދާކުރި ކާމިޔާބު ދައުރުގެމަތިން އެމެރިކާގެ އެއްވެސް ރައްޔިތަކު ހަނދާން ނުނެތޭނެ ކަމުގަ އެވެ. އުސާމާއަކީ ސެޕްޓެމްބަރ 11ގެ ޙަމަލާތަކުގެ ފަހަތުގައި ހުންނެވި ފަރާތްކަމަށް ވިދާޅުވެ އުސާމާގެ ރޭވުމުގެ ދަށުން އެމެރިކާގެ ތިން ހާސް މީހުން އެއްފަހަރާ މަރާލާފައިވާ ކަމަށް އޮބާމާ ތުހުމަތު ކުރެއްވިއެވެ.

މިފަދަ ބޮޑު ޖަރީމާތަކެއް ހިންގި މީހަކު މަރާލެވުމަކީ ފަހުގެ ތާރީޚުގައި އެމެރިކާއަށް ލިބުނު އެންމެ ބޮޑު ޝަރަފް ކަމަށް ސިފަކުރައްވައި މިކަންކުރި އެމެރިކާގެ ސިފައިންނަށް ޝުކުރު ޙައްޤުވާ ކަމަށް އޮބާމާ ވިދާޅުވި އެވެ. އުސާމާ ބިންލާދިން ޕާކިސްތާނުގެ އަބޫތު އާބާދުގައި އުޅުއްވަނިކޮށް އެމެރިކާގެ ޚާއްސަ ފައުޖަކުން އޭނާ އަވަހާރަކޮށްލިކަމަށް އެމެރިކާ ބުުނީ 2011 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް މީގެކުރިން އުސާމާ އަވަހާރަވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އުސާމާ އަވަހާރަކޮށްލި ކަމަށް ބުނި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެތް އެމެރިކާ އަށް ދެއްކިފައި ނުވުމުން އުސާމާ އަވަހާރަކޮށްލި ކަމަށް ބުނެ އެމެރިކާ ދެއްކި ވާހަކަތަކުގެ ސައްޙަ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަށް ފަހު އެމެރިކާވަނީ އަފްޣާނިސްތާނަށާއި ޢިރާޤަށް އަރައިގަނެ އެދެޤައުމުން އެތަށްލައްކަ ބަޔަކު މަރައި އެދެޤައުމު މުޅިން ސުންނާފަތިކޮށްލާފައެވެ. މިއީ އެމެރިކާގެ އިސްވެރިން ހަނގުރާމައިގެ މުޖްރިމުންގެ ގޮތުގައި ބައިނަލްއަޤްވާމީ ކޯޓަށް ޙާޒިރުކޮށް ޝަރީއަތް ހިންގަންޖެހޭވަރުގެ ބޮޑު ޖަރީމާތަކެއް ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެމްނެސްޓީފަދަ ޖަމާއަތްތަކުންވަނީ ސިފަކޮށްފައެވެ.

ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަށްފަހު އެމެރިކާ އިޢްލާންކުރި ޓެރަރިޒަމާއިދިކޮޅު ހަނގުރާމައިގާވެސް އެމެރިކާވަނީ މުސްލިމުންނާދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އެތަށް ޖަރީމާތަކެއް ހިންގައި ޕާކިސްތާނާއި ސޮމާލިޔާ ފަދަ ޤައުމުތަކުންވެސް އެތަށްބަޔަކު ޝަރީޢަތަކާނުލާ މަރާފައެވެ.

އަދި ބައިނަލްއަޤްވާމީ ޤާނޫނަށް ގޮންޖެހުމަށްފަހު އެމެރިކާވަނީ ގުއަންޓެނާމޯ ޖަލުގެ އިތުރުން ދުނިޔޭގެ ކަންކޮޅުތަކުގައި ސިއްރު ޖަލުތައްހަދައި އަނޔާވެރިކަމާއި ލާއިންސާނިއްޔަތުގެ ޢަމަލުތަކެއް މުޅިދުނިޔޭގައި ޢާންމުކޮށް ދުނިޔޭގެ ޤައުމުތަކަށް ބިރުދައްކައި ޓެރަރިޒަމްގެ ޢަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގާފައި ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)