ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ކާމިޔާބު ފްރެންޗައިސް "ހައުސްފުލް5" އަންނަ އަހަރު ގެނެސްދޭނެކަން އިޢުލާނުކޮށްފިއެވެ.

މިފިލްމަކީ، ހިންދީ ސިނަމާއިން މިހާތަނަށް އުފައްދާ ފަސް އިންސްޓޯލްމެންޓެ ހިމެނޭ ހަމައެކަނި ފިލްމެވެ. އަކްޝޭ ކުމާރު އަދި ރިތޭޝް ދޭޝްމުކްއާއެކު ޗަންކޭ ޕާންޑޭ މުހިއްމު ރޯލްތައް ކުޅެފައިވާ މިފިލްމަކީ، ކޮމެޑީ ޑްރާމާއެކެވެ.

ސާޖިދު ނަދިއަދުވާލާގެ ނަދިއަދުވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓްއިން ގެނެސްދޭ މި ސިލްސިލާގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައިވަނީ، 2010ވަނަ އަހަރުއެވެ. އޭގެފަހުން ރިލީޒްކުރި ދެވަނަ ބައިގެ ޑައިރެކްޓަރަކީ، ސާޖިދު ޚާންއެވެ. އެއަށްފަހު ރިލީޒްކުރި ދެ ފިލްމުގެ ޑައިރެކްޓަރަކީ، ފަރުހާދު ސަމްޖީއެވެ.

ފިލްމު "ހައުސްފުލް5" އިޢުލާނުކުރަމުން އަކްޝޭ ކުމާރު ބުނެފައިވަނީ މިފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ކުރިޔަށްއޮތް އަހަރުގެ ދިވާލީ ފެސްޓިވަލާ ދިމާކޮށްކަމަށެވެ. ނަމަވެސް އެއީ ކޮން ތާރީޚެއްކަމެއް އަކްޝޭގެ ޕޯސްޓުގައި ބުނެފައެއް ނެތެވެ. އަދި މިފަހަރުގެ ފިލްމުގެ ޑައިރެކްޓަރަކީ، ފިލްމު "ދޯސްތާނާ" އަދި "ޑްރައިވް"ގެ ޑައިރެކްޓަރު ތަރުން މަންސުކާނީކަމަށް އަކްޝޭގެ ޕޯސްޓުގައިވަނީ ބުނެފައެވެ. އަކްޝޭ ކުމާރުއާއެކު ރިތޭޝް ދޭޝްމުކް "ހައުސްފުލް5"އިން ފެންނާނެކަން ކަށަވަރުވެފައިވާއިރު ފިލްމުގެ ކާސްޓުންގެތެރޭ ހިމެނޭ އެހެން ތަރިންގެ މަޢުލޫމާތު އަދި ހާމައެއް ނުކުރެއެވެ.

ސާޖިދު ނަދިއަދްވާލާގެ ފިލްމު ކުންފުނިން އުފެއްދި ފިލްމު "ސަތުޔަ ޕްރޭމްކީ ކަތާ" މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކޮށްފައިވާއިރު މިފިލްމަށް ލިބިފައިވަނީ މެދުމިނެއްގެ ރިވިއުތަކެކެވެ. ކްރިޓިކުން ފިލްމަށް ފަސް ތަރީގެ ގިންތިން 3.5 ދީފައިވާއިރު ކާތިކްއާއި ކިއާރާ ފިލްމުގައި ދައްކުވައިދިން އެކްޓިންގްއަށްވަނީ ތަޢުރީފުކޮށްފައެވެ.

ސާޖިދުގެ ފިލްމު ކުންފުނީގެ ފިލްމެއް އެންމެ އަވަހަށް ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ އޮކްޓޯބަރު ހަޔެއްގައެވެ. އެއީ ވަރުން ދަވަންއާއި ޖާންވީ ކަޕޫރު އެކީގައި ފެންނަ ފިލްމު "ބަވާލް"އެވެ.