ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން އިދިކޮޅު ޕީޕިއެމުން އިއްޔެ ހަވީރު އެ ޕާޓީގެ އޮފީސް ކުރިމަތީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީީގެ މޫނުކޮޅު ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މާލީގެ ހަރަކާތަކީ ގަދަރުކުޑަކުރުމުގެ އަމަލެއްކަމަށް ސިފަކޮށް ސަރުކާރުން އެ ކަން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވަނީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ މޯދީ ރަމްޒުވާ ގޮތަށް މޯދީގެ މޫނުކޮޅު ބޭނުންކޮށްގެން ޕީޕީއެމުން ކުރިއަށް ގެންދިޔަ ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ސަރުކާރުން ބުނީ އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތަކީ ދޮގު މައުލޫމާތު ފެތުރުމުގެ ގޮތުން ހިންގާ ހަރަކާތެއްކަމަށެވެ.

އެގޮތުން އަޟްހާ ޢީދުގެ މުނާސަބާއަކީ އެއްބައިވަންތަކަމާއި އުފަލުގެ މުނާސަބާއަކަށްވީ ހިނދު އެ ފަދަ ދަށު ދަރަޖައިގެ އަމަލެއް ރާއްޖެއާ އެންމެ ގާތް އެއް ގައުމަށާއި އެ ގައުމުގެ ވެރިންނަށް ނިސްބަތްވާ ގޮތަށް ހިންގުމަކީ ދެ ގައުމުގެ ގުޅުން ހީނަރުކުރުމަށް ކުރިކަމެއްކަމަށް ސަރުކާރުން ބުންޏެވެ.

ރާއްޖެއާއި އިންޑިއާގެ ބަދަހި ގުޅުމަކީ ތާރީޚީ ގޮތުންނާއި ސަޤާފީ ގޮތުން ހުރި އެއް ގޮތް ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރަމުން ސަރުުކާރުން ބުނީ އިންޑިއާއަކީ ރާއްޖެއާ އަބަދުވެސް އެންމެ ގާތް، އެންމެ އިތުބާރު ހިފޭ ގައުމުކަމަށެވެ.

އެއާއެކު ފާއިތުވި ފަސް އަހަރުގެ ތެރޭ ދެ ގައުމުގެ ވެރިން ދެއްވެވި އެއްބާރުލުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަމަށް ވެސް ސަރުކާރުން ބުންޏެވެ.

"ދިވެހި ސަރުކާރުން އިންޑިއާގެ 'ނެއިބާހުޑް ފަސްޓް ޕޮލިސީ' ބަލައިގަންނަން. އަދި ރާއްޖެއިން ވެސް 'އިންޑިއާ ފަސްޓް ޕޮލިސީ' ދަމަހައްޓާނެކަމުގެ ޔަގީންކަން ތަކުރާރުކުރަން. އަދި އަބަދުވެސް އިންޑިއާއާއެކު ބާއްވަމުން އަންނަ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަށް މަސައްކަތްކުރާނެ،" ސަރުކާރުގެ ބަޔާނުގައިވެއެވެ.

އެއާއެކު ސަރުކާރުންވަނީ ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ގޮވައިލައިފައެވެ. އަދި ބޭރުގެ ގައުމުތަކާއެކު ސަރުކާރުން ބާއްވަމުން އަންނަ ގުޅުން ހީނަރުވެދާނެފަދަ ދޮގު މައުލޫމާތާއި ނަފްރަތު އުފެދޭފަދަ ހަރަކާތްތައް ނުހިންގުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާ އައުޓް ހަރަކާތާއެކު މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުވަނީ އެ ހަރަކާތް ހުއްޓުވުމަށް ޓަކައި ޤަރާރެއް ނެރުއްވައިފައެވެ.

އެ ޤަރާރުގައިވަނީ ވަކި ގައުމަކާމެދު ނަފްރަތު އުފެއްްދުމުގެ ގޮތުން ހިންގާ ހަރަކާތްތައް ހިންގުން މަނާކޮށް އެ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަންގަވައިިފައެވެ.