30 Jun 2023, 17:54
ރައްޔިތުންގެ މަޖިލިސް ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ލީޑަރު މުޙައްމަދު ނަޝީދުގެ ނޫސްކަމަށްވާ 'އޯޝަން ވީކްލީ'ގައި، އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޫން އެެހެން ކެނޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނެރުމާމެދު ސުވާލު އުފައްދާ މޭރުމަކުން ޝާއިއުކުރި ލިޔުމަކާ ގުޅިގެން ޕީޕީއެމްގެ ލީޑާޝިޕްގެ މެމްބަރުން ނުރުހުން ފާޅުކޮށް ރައްދުދޭން ފަށައިފިއެވެ.
ރައީސް ނަޝީދުގެ އަރިސް މެމްބަރުން އިސްވެ އުފައްދަން މަސައްކަތްކުރާ ޑިމޮކްރެޓްސްއާއި ޕީޕީއެމުން އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށް ޓަކައި މަޝްވަރާތައް ކުރަމުންނެވެ.
މިހާރު ދެ ޕާޓީގެ ވެރިން އެކުވެ ދެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.
މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަދަލުކުރުމަށް އެކުގައި މަސައްކަތްކުރުންކަމަށާއި ދެ ޕާޓީން ވެސް އެއްބަސްވަނީ އެކަމަށް ކަމަށް ބުންޏެވެ.
އަދި ދެ ޕާޓީން ވެސް އިންތިޚާބުގައި ވާދަކުރާނީ ވަކިންކަމަށް މީގެ ކުރިން ބުނެފައިވެއެވެ.
އޯޝަން ވީކްލީގެ ލިޔުމުގައިވަނީ އިންތިޚާބުގައި ރައީސް ނަޝީދު ނުވަތަ ރައީސް ޔާމީނެއް ވެސް ވާދަނުކުރައްވާނެކަމަށާއި، ވާދަކުރާނީ ދެ ޕާޓީން ގުޅިގެން ނެރޭނެ ކެނޑިޑޭޓެއްކަމަށް ބުނެފައެވެ.
ނަމަވެސް އެ ލިޔުމާއެކު މިހާރު އިދިކޮޅު ޕީޕީއެމްގެ އިސްވެރިން އަންނަނީ އެއީ 'ހުވަފެނީ ވާހަކައެއް'ކަމަށާއި އެހެން ޕާޓީއަކުން ޕީޕިއެމްގެ ރިޔާސީ ކެނޑިޑޭޓަށް ވާނެ ގޮތަކާމެދު ބަސް ބުނުމުގެ ބޭނުމެއް ނެތްކަމަށް ބުނަމުންނެވެ.
"ޕީޕީއެމްގެ ރިޔާސީ ކެނޑީޑޭޓް ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީއަކުން 2023އަށް ދެއްކި ރިޔާސީ ކެނޑީޑޭޓް. އަދި 23 ޖުލައިގައި އެންމެ ފަރަތަމަ [އިލެކްޝަންސް ކޮމިޝަނަށް] ވަންނާނީ އެ މަނިކުފާނުގެ ކެނޑީޑެންސީ ފޯމް،" އޯޝަން ވީކްލީގެ ލިޔުމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓުގައިވެއެވެ.
މީގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަތީފްވަނީ "އެހެން ޕާޓީތަކަށް ޕީޕީއެމް، ޕީއެންސީން ރިޔާސީ ޓިކެޓުގެ ވާހަކަދައްކަން ޖެހޭ ސަބަބެއް މެދުވެރިފައި ނެތް"ކަމަށް ވިދާޅުވެފައެވެ.
މި ވަގުތު ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާއިރު ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނަށް ވާދަކުރެވިދާނެ ކަމުގެ ޔަގީންކަމެއް އަދި ނެތެވެ.
ނަމަވެސް ވާދަކުރެވޭނެ ކަމުގެ އުންމީދުގައި ޕީޕީއެމްގެ އެންމެ އިސްވެރިން ތަކުރާރުކޮށް ގެންދަވަނީ ރައީސް ޔާމީން ނޫން އިތުރު 'ޗޮއިސެއް' ނެތްކަމަށާއި އިތުރު އެހެން ގޮތަކާމެދު ނުވިސްނާކަމަށް ބުނަމުންނެވެ.