ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުންދާ ސައުދީ އަރަބިއާގެ އަލް ނަސްރުގެ ކޯޗުކަމާ ހަވާލުވުމަށް ލުއިސް ކާސްޓްރޯ އެއްބަސްވެއްޖެއެވެ.

އަލް ނަސްރާ ހަވާލުވުމަށް ކާސްޓްރޯ ނިންމާފައިވަނީ ބްރެޒިލްގެ ކްލަބު، ބޮޓަފޮގޯގެ ކޯޗުކަމުގެ މަގާމު ދޫކޮށްލުމަށްފަހުއެވެ. މީގެ ކުރިން ޔޫކްރެއިންގެ ކާމިޔާބު ކްލަބު ޝަޚްތާރު ޑޮނެސްކަށް ވެސް އިރުޝާދުދީފައިވާ ކަސްޓްރޯ، އަލް ނަސްރާ ހަވާލުވިކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި ރޮނާލްޑޯއާއެކު އަލް ނަސްރުން ސައުދީ ޕްރޯ ލީގު ނިންމާލާފައިވަނީ ދެވަނައިގައެވެ. އެ ލީގުގެ ޗެމްޕިއަންކަން ހޯދީ އަލް އިއްތިހާދުންނެވެ. ސީޒަނުގައި އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވުމުން އަލް ނަސްރުގެ ކޯޗުކަމުގައި ހުރި ރުޑި ގާސިއާ ވަނީ މިދިޔަ އޭޕްރީލް މަހު މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު ހެޑް ކޯޗުގެ މަގާމަށް އަލް ނަސްރުން ކޯޗަކު އައްޔަންކޮށްފައެއް ނުވެއެވެ.

އަލް ނަސްރާ ހަވާލުވުމަށް އެއްބަސްވެފައިވާ ކާސްޓްރޯ މިހާރު އިރުޝާދުދެމުންދާ ބޮޓަފޮގޯ މިވަގުތު އޮތީ ބްރެޒިލް ލީގު ތާވަލުގެ އެއްވަނައިގައެވެ. ދެވަނަައިގައި އޮތް ގްރެމިއޯއާ ހަތް ޕޮއިންޓުގެ ލީޑެއްގައި އޮތް ނަމަވެސް، ކާސްޓްރޯ ބޭނުންވަނީ އެ ކްލަބު ދޫކޮށް ސައުދީގެ ޕްރޮޖެކްޓާ ހަވާލުވާށެވެ.

ކާސްޓްރޯގެ އިރުޝާދުގެ ދަށުން ބޮޓަފޮގޯ ކުޅޭ އެންމެ ފަހު މެޗަކަށް ވެގެންދާނީ ކޮޕާ ސުޑަމެރިކާނާގައި މިއަދު މަގަލަނޭސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށްފަހު ރަސްމީކޮށް އޭނާ އަލް ނަސްރާ ހަވާލުވާނެއެވެ.