30 Jun 2023, 16:46
ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގްއަށް 100 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ލިބުނު ނަމަވެސް، އެ ހުށަހެޅުން ގަބޫލުނުކުރުމުން ފައިދާތަކެއް ކުރި ކަމަށް އެ ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.
މި ސީޒަނުގައި ޑި ޔޮންގް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ބޮޑު މަސައްކަތެއް ކޮށްފައިވާ އިރު، އޭނާއަށް 100 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ލިބުނު ކަމަށް ލަޕޯޓާ ވަނީ ފާހަގަކުރައްވައިފައެވެ. އެހާ ބޮޑު އަގެއް ހުށަހެޅި ނަމަވެސް، އެ ހުށަހެޅުން ގަބޫލުނުކުރުން ވެގެންދިޔައީ ވަރަށް ރަނގަޅު ކަމަކަށް ކަމަށް ވެސް އޭނާ ދެކެއެވެ.
"އަހަރެމެންނަށް ޑި ޔޮންގްއަށް 100 މިލިއަން ޕައުންޑްގެ ހުށަހެޅުމެއް ލިބުނު. އެކަމަކު އަހަރެމެން އޭނާ ވިއްކުމަށް އެއްބަސްވެފައެއް ނުވާނެ. އެކަމުން އަހަރެމެންނަށް ފައިދާތަކެއް ކުރި. ކްލަބުތަކުގައި ވިއްކަން ނުޖެހޭނެ ކުޅުންތެރިން ވެސް ތިބޭނެ،" ލަޕޯޓާ ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.
މިސީޒަނުގައި ޔުނައިޓެޑުން ހޯދަން މަސައްކަތްކުރި މިޑްފީލްޑަރުންގެ ތެރޭގައި ޑި ޔޮންގް ހިމެނުނު އިރު، ބާސާ ދޫކޮށް ދާން ބޭނުން ނުވާ ކަމަށް އޭނާ ވެސް ވަނީ ބުނެފައެވެ. ބާސާ އިން ޔުނައިޓެޑުގެ ހުށަހެޅުން ގަބޫލުނުކުރުމުން ޔުނައިޓެޑުން މިސީޒަނަށް ހޯދާފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯއެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސާ އިން ކޭމްޕުކުރުމަށް ނިންމާފައިވަނީ އެމެރިކާގައެވެ. އެ ދަތުރުގައި ބާސާ އިން ޔުވެންޓަސް އާއި އާސެނަލާއި ރެއާލް މެޑްރިޑް އަދި އޭސީ މިލާނާ ދެކޮޅަށް މެޗުތަކެއް ކުޅޭނެއެވެ.