އެމްޑީޕީގެ އިންތިހާބީ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) އާއި ނާއިބް ރައީސް އަލްހާން ފަހުމީ އެ ބޭފުޅުންގެ މަގާމުން ދުރުކޮށްފައި ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށްތޯ ބައްލަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުއާދު މިއަދު ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ އިއްޔެ އެމްޑީޕީ އިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގެ އަޣުލަބިއްޔަތުން އެ ޕާޓީގެ ރައީސާއި ނާއިބް ރައީސް މަގާމުން ދުރުކުރިކަން އެނގިވަޑައިގެންނެވީ އޮފީސް ބަންދުކުރި ފަހުން ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުން މަގާމުން ވަކިކޮށްފައި ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިންތޯ އެ ކޮމިޝަނުން ބެއްލެވުމަށް ފަހު އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ނަމަވެސް އެކަންތައްތައް ހިނގާފައި ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަކަށް ކަމުގައިވާ ނަމަ ދެން އެކަމާ މެދު ބުނާނެ އެއްޗެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ޖެހޭނީ ކޮމިޝަންގެ މެންބަރުންނާ މަޝްވަރާކޮށް، އެމްޑީޕީގެ އަސާސީ ގަވާއިދު އޮތް ގޮތެއް ބަލަން. ބަލާފައި އެނގޭނީ ރައީސް އާއި ނައިބު ރައީސް މަގާމުން ދުރުކޮށްފައި ވަނީ އަސާސީ ގަވާއިދާ އެއްގޮތަށްތޯ ނުވަތަ ނޫން ކަނޑައަޅަން ވެސް،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދުގެ ދަށުން އިންތިހާބުކުރާ ނުވަތަ އައްޔަން ކުރާ އެއްވެސް މަގާމަކުން އިސްތިއުފާ ދެއްވިޔަސް އަދި މަގާމަކުން ބޭފުޅަކު ވަކިކުރިޔަސް، ސިޔާސީ ޕާޓީތަކާ ބެހޭ ގަވާއިދުގެ ދަށުން އެކަން އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށާއި އެކަންތައް ކުރުމަށް ވެސް ވަކިމުއްދަތެއް ދީފައި އޮންނަ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާ އަކުން ފާސްކޮށްގެން އަލްހާނާއި ޑރ. ޑީޑީ ވަކިކުރި މައްސަލާގައި އަދި މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށަހަޅައިފައި ނުވާ ކަމަށާއި އާއްމުކޮށް ކޮމިޝަނުން އެފަދަ މައްސަލަތައް ބަލާ އުސޫލަކީ އެ ޕާޓީއަކުން އެކަންތައް ހިންގާފައިވާ ގޮތުގެ ޔައުމިއްޔާއާ އެކު އެ ކޮމިޝަނަށް ހުށަހެޅުމުން ކަމަށް ފުއާދު ވިދާޅުވި އެވެ. ނަމަވެސް އޭގެ ކުރިން ވެސް އެކަމާ ގުޅޭ ޝަކުވާއެއް ހުށަހަޅައިފި ނަމަ ކޮމިޝަނުން އެކަންތައް ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން މިފަދަ ކަންތައްތައް ހިންގާފައިވާ ގޮތް އަޅުގަނޑުމެން ބަލަނީ، އެ ޖަލްސާގެ ޔައުމިއްޔާ ލިބުމުން. ޕާޓީގެ އަސާސީ ގަވާއިދާއި ޔައުމިއްޔާއާ ދިމާވޭތޯ ބެލުމަށް ފަހު. ނަމަވެސް އޭގެކުރިން ވެސް މިސާލަކަށް އަލްހާން ނުވަތަ ޑރ. ޑީޑީ ވެސް މައްސަލައެއް ހުށަހެޅުއްވައިފި ނަމަ ކޮމިޝަނުން އެޕާޓީއަކާ ސުވާލުކޮށްގެން އެކަންތައް ހިނގާފައިވާ ގޮތް ބަލާނެ،" ފުއާދު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ހުށަހެޅުއްވި މައްސަލާގައި ޑީޑީ އާއި އަލްހާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓްނަގާފައި ވަނީ ވަކިވަކިންނެވެ. ގައުމީ މަޖިލީހަށް ހާޒިރުވި 73 މެންބަރުންގެ ތެރެއިން އެ ދެ ބޭފުޅުންނަށް އިތުބާރުއޮތްތޯ ބެލުމަށް ނެގި ވޯޓް ފާސްވީ ގައުމީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.