30 Jun 2023, 10:25
މި އަހަރުގެ އޭޕްރިލް މަހުތެރޭ ޖިއޯ ސްޓޫޑިއޯސްއިން އިޢުލާނުކުރި ފިލްމު "ސްތްރީ2"ގެ މަސައްކަތް ކުރިޔަށްއޮތް ޖުލައި މަހު ފަށަން ތައްޔާރުކަމަށް އެ ސްޓޫޑިއޯއިން ބުނެފިއެވެ.
ފިލްމު "ސްތްރީ"އަކީ 2018ވަނަ އަހަރު ރިލީޒްވި ހެއްވާ މަޖާ ބިރުވެރި ފިލްމެކެވެ. ފިލްމުގެ ދެވަނަ ބައިން ވެސް ފުރަތަ ފިލްމުގައި ފެނުނު ކާސްޓުން ފެންނާނެ ކަމަށް ޖިއޯ ސްޓޫޑިއޯއިން ވަނީ ބުނެފައެވެ. އޭގެތެރޭގައި ލީޑް ރޯލް ކުޅޭ ބަތަލާ ޝްރަދާ ކަޕޫރު، ރާޖް ކުމާރު ރާއޯ، ޕަންކަޖް ތްރިޕާތީ، އަޕަރްޝަކްތީ ކުރާނާ އަދި އަބީޝެކް ބެނަޖީ ހިމެނެއެވެ.
ފިލްމު "ސްތްރީ2"ގެ މަސައްކަތް ޖުލައިމަހު ފެށުމަށް ތައްޔާރުވެފައިވާއިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ކުރިޔަށް އޮތް އަހަރުއެވެ. ފިލްމުގެ ދެވަނަ ބައިވެސް ޝޫޓްކުރުމަށް ނިންމާފައިވާ ފުރަތަމަ ފިލްމުގެ ޝޫޓިންގް ކުރިޔަށްދިޔަ ޗަނދޭރީ ޓައުންގައެވެ. އިންޑިއާގެ މަދްޔާ ޕްރަދޭޝްގެ މި ޓައުންގައި ފިލްމުގެ ޝޫޓިންގް ކުރިޔަށްގެންދަން ނިންމާފައިވުމުން "ސްތްރީ2"ގެ ވާހަކަ ބިނާކޮށްފައިވަނީ ފުރަތަމަ ބަޔާ ގުޅުވައިގެން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ، ފުރަތަމަ ފިލްމުގެވެސް ޑައިރެކްޓަރު އަމަރު ކޯޝިކްއެވެ. އަމަރު ކޯޝިކްއަކީ ދާދިފަހުން ރިލީޒްވި ފިލްމު "ބޭޅިޔާ"ގެ ޑައިރެކްޓަރެވެ. މީގެ އިތުރުން ނެޓްފްލިކްސްއިން މި އަހަރު ޕްރިމިއަކުރި "ޗޯރު ނިކަލް ކޭ ބާގާ"ގެ ޕްރޮޑިއުސަރަކީ ވެސް އަމަރު ކޯޝިކްއެވެ. ފިލްމު "ސްތްރީ"އަކީ ދީނަޝް ވީޖަން އަދި ތަޖުރިބާކާރު ރާޖްއާއި ޑީކޭ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
ޖިއޯ ސްޓޫޑިއޯގެ އެންމެ ކާމިޔާބު ފިލްމުކަމަށްވާ "ސްތްރީ"ގެ ސީކުއަލް ސިނަމާތަކަށް އަންނަނީ ފުރަތަމަ ފިލްމު ރިލީޒްކުރިތާ ހަ އަހަރު ފަހުންނެވެ. މި ފިލްމާއެކު ޖިއޯ ސްޓޫޑިއޯއިން ވަނީ މި އަހަރާއެކު ކުރިޔަށްއޮތް 2024ވަނަ އަހަރު އެ ސްޓޫޑިއޯއިން އުފައްދަން ނިންމާފައިވާ ފިލްމުތައް އިޢުލާނުކޮށްފައެވެ. އޭގެތެރޭގައި ވަރުން ދަވަންއާއި ކްރިތީ ސެނޮންގެ ފިލްމު "ބޭޅިޔާ2" އަދި އަމީތާބް ބައްޗަން މުހިއްމު ރޯލް ކުޅޭ ފިލްމު "ސެކްޝަން84" ހިމެނެއެވެ. ޖިއޯ ސްޓޫޑިއޯއިން ބުނެފައިވަނީ، ފިލްމު "ސްތްރީ2" ރިލީޒްކުރުމަށް ތާވަލުކުރެވިފައިވަނީ ކުރިޔަށް އޮތް އަހަރުގެ އޮގަސްޓް 31ގައި ކަމަށެވެ.