29 Jun 2023, 23:40
އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅި 60 މިލިއަން ޕައުންޑް (76 މިލިއަން ޑޮލަރު)ގެ ބިޑަށް ޗެލްސީން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ޗެލްސީން އެއްބަސްވުމަކަށް އައިސްފައި މިވަނީ މައުންޓަށް ޔުނައިޓެޑުން ކުރިން ހުށަހެޅި ބިޑުތައް ގަބޫލުނުކޮށް ދޫކޮށްލުމަށްފަހުއެވެ. ޔުނައިޓެޑަށް މީގެ ކުރިން ވެސް މައުންޓަށް ދެ ބިޑެއް ކުރިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެންމެ ފަހުން ޔުނައިޓެޑުން ހުށަހަޅާފައިވަނީ ޗެލްސީން މައުންޓް ވިއްކާލުމަށް ކަނޑައަޅާފައިވާ އަގެވެ. ޔުނައިޓެޑުން ހުށަހެޅި 60 މިލިއަން ޕައުންޑުގެ ބިޑަށް މިހާރު ޗެލްސީން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗެލްސީން ދަނީ އެ ކްލަބުގެ ސްކޮޑުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަމުންނެވެ. އެގޮތުން ޗެލްސީން އާސެނަލަށް ކައި ހަވާޓްޒް ވިއްކާލާފައިވާ އިރު، ކަލިދޫ ކުލިބަލީ އާއި އެންގޯލޯ ކަންޓޭ އަދި ގޯލްކީޕަރު އެޑުއާޑް މެންޑީ ދެން ފެންނަނީ ސައުދީ އަރަބިއާގެ ކްލަބުތަކުންނެވެ. އޭގެ އިތުރުން ކްރޮއޭޝިއާ މިޑްފީލްޑަރު މަޓިއޯ ކޮވަސިޗް ވެސް ވަނީ ޗެލްސީ ދޫކޮށް، މެންޗެސްޓާ ސިޓީއާ ގުޅިފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި މައުންޓް ވެސް މިހާރު ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށެވެ.