ޗެލްސީގެ ޖަރުމަން މިޑްފީލްޑަރު ކައި ހަވާޓްޒް، 65 މިލިއަން ޕައުންޑް (82 މިލިއަން ޑޮލަރު)ގެ އަގަކަށް އާސެނަލަށް ސޮއިކޮށްފިއެވެ.

ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއްގެ ދަށުން ހަވާޓްޒް، އާސެނަލަށް ސޮއިކޮށްފައިވާކަން އެ ކްލަބުން ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ. އޭނާގެ އިތުރުން އާސެނަލުން ވަނީ ވެސްޓް ހާމްގެ ކެޕްޓަން ޑެކްލަން ރައިސްގެ ސޮއި ހޯދުމާ ގާތަށް ވެސް ޖެހިފައެވެ.

އަންނަ ސީޒަނަށް އާސެނަލްގެ ސްކޮޑު ވަރުގަދަކުރުމަށް އެ ކްލަބުގެ ކޯޗު މިކެލް އާޓެޓާ ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދުމަށް މަސައްކަތްކުރި އެއް ކުޅުންތެރިޔަކީ ހަވާޓްޒްއެވެ. ޗެލްސީގައި ހަވާޓްޒް ހޭދަކުރި ތިން އަހަރުގެ ތެރޭގައި އޭނާ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ. ޗެލްސީގައި އޭނާ އެންމެ ފާހަގަކޮށްލެވުނީ ވެސް 2021ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ ކޮޅަށް ޖެހި ގޯލުންނެވެ.

"ހަވާޓްޒް އަކީ ވަރަށް މޮޅު ކުޅުންތެރިއެއް، ވަރަށް ވިސްނުން ތޫނު ކުޅުންތެރިއެއް. ޓީމާ އޭނާ ގުޅުމުން މިޑްފީލްޑަށް އިތުރު ވަރުގަދަކަމެއް ލިބިގެންދާނެ. ހަވާޓްޒްއަށް އާސެނަލަށް މަރުހަބާ ކިޔަން،" އާސެނަލްގެ ކޯޗު އާޓެޓާ ބުންޏެވެ.

އެމެރިކާއަށް އާސެނަލުން ކުރާ ޕްރީ ސީޒަން ދަތުރުގައި ހަވާޓްޒް ބައިވެރިވާނެއެވެ.