ވޮޝިންގޓަން (މޭ 1): އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ފުރުސަތު މިހާރު ކުޑަވެއްޖެ ކަމަށް މުޙައްލިލުންނާއި ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ.

ބައިނަލްއަޤްވާމީ މުޙައްލިލުންނާއި ސްޓްރެޓީޖިކް ދިރާސާތަކާ ޙަވާލާދީ ނިއުޔޯކް ޓައިމްސް ބުނިގޮތުގައި އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ފުރުސަތު ކުޑަވެފައި ވަނީ އެތައް ސަބަބުތަކަކާ ގުޅިގެންނެވެ. މީގެތެރޭން ފުރަތަމަ ސަބަބަކީ އީރާނަށް އިސްވެ ޙަމަލާދިނަސް އެޤައުމުގެ ނިއުކްލިޔާ ހުރިހާ މަރުކަޒުތަކެއް ހަލާކުކޮށް ނިއުކްލިޔާ ޕްރޮގްރާމް މުޅިން ހުއްޓުވާލެވޭނެ ކަމުގެ ޔަގީންކަން މިދެޤައުމަށް ނެތުމެވެ.

އީރާނުގެ ނިއުކްލިޔާ ހުރިހާ މަރުކަޒުތަކެއް ހަލާކުކޮށްލެވޭނެކަމުގެ ޔަގީންކަން ނެތި އީރާނަށް ޙަމަލާދީފި ނަމަ ފާޅުގައި އީރާނުން ނިއުކްލިޔާ ހަތިޔާރު ހަދާނެ ކަމަށާއި މިފަދަ ޙާލަތެއްގައި ދުނިޔޭގެ ހަމްދަރްދީ އީރާނަށް ލިބި އެމެރިކާއާއި އިސްރާއީލުގެ ސިޔާސަތުތައް ފޭލްވެގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

ދެވަނަ ސަބަބަކީ ޔޫރޭނިޔަމް ފައްކާކުރުުމުގެ ކަންތައް ކުރިޔަށް ގެންގޮސް މަދަނީ ނިއުކްލިޔާ ޓެކްނޮލޮޖީ އީރާނުން ތަރައްޤީ ކުރަމުންގެންދިޔަނަމަވެސް ނިއުކްލިޔާ ހަތިޔާރު އުފައްދަން އީރާން އަދި ބޭނުންނުވުމެވެ. މިހާރު ޙާލަތުއޮތްގޮތުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ނިންމުމެއް އީރާން ނުނިންމާނެކަން އެމެރިކާއާއި އިސްރާއީލުގެ މަސްއޫލުވެރިންނަށް ކަށަވަރުވެވަޑައިގަންނަވާ ކަމަށްވެސް މިނޫސް ބުނެ އެވެ.

އިސްރާއީލުގެ ސިފައިންގެ ވެރިޔާ ދާދިފަހުން ވަނީ އީރާނުގެ ނިއުކްލިޔަރ ސިޔާސަތަކީ ވަރަށް ބުއްދިވެރި ސިޔާސަތެއް ކަމަށް ސިފަކުރައްވައި މިސަޔާސަތު ބިނާކޮށްފައިވަނީ ނިއުކްލިޔަރ ބޮންއުފެއްދުމުގެ ޤާބިލްކަން ހޯދިނަމަވެސް ނިއުކްލިޔަރ ބޮމް ނުއުފެއްދުމުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ. މިފަދަ ޙާލަތެއްގައި އީރާނަށް ޙަމަލާދީ ބޮޑު ހަނގުރާމައަކަށް ދިޔުމަށް އެމެރިކާއާއި އިސްރާއީލުގެ ރައްޔިތުން ދެކޮޅުހަދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ނިންމުމެއް ނުނިންމާ ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކާއި ހުޅަނގުގެ އެހެން ޤައުމުތަކުގެ ޖާސޫސީ ރިޕޯޓްތައްވެސް ބުނެފައިވެ އެވެ. އަދި އީރާނުން ވެސް ވަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަކީ އެޤައުމުގެ ސިޔާސަތެއްނޫންކަން އެތަށްފަހަރަކު ހާމަކޮށްފަ އެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދިނުމުގެ ފުރުސަތު ކުޑަވުމުގެ އަނެއް ސަބަބަކީ މިމައްސަލާގައި އިސްރާއީލުގެ އިސްމަސްއޫލުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމާއި އަދި ހަނގުރާމައާ ދުރަށް ދިޔުމުގެ ސިޔާސަތެއް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގެންގުޅުއްވުމެވެ. އީރާނަށް ޙަމަލާދިނުމުގެ މައްސަލާގައި އިސްރާއީލުގެ ޢަސްކަރީ އަދި ޖާސޫސީ އިސް މަސްއޫލުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައި ވަނީ މިފަދަ ޢަމަލެއް އިސްރާއީލުން ހިންގައިފި ނަމަ އެކަމުގެ ނުރައްކަލާ އިސްރާއީލު ކުރިމަތިލާންޖެހިދާނެ މިންވަރުގެ ބޮޑުކަމުންނާއި މިފަދަ ޙަމަލާތަކަކުން އިސްރާއީލު ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން ނެތުންނެވެ.

މީގެއިތުރުން ނިއުކްލިޔަރ މައްސަލާގައި ވާހަކަ ދެއްކުމުގެ އުސޫލު އީރާނުން ކުރިޔަށް ނެރުމާއި އީރާނަށް ޙަމަލާދީފި ނަމަ ހުރުމުޒް ކަނޑުއޮޅިން ތެޔޮބޭރުކުރުމަށް ދަތިވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މައްޗަށްގޮސް އެކަމުގެ ސަބަބުން އެމެރިކާގެ އިޤްތިސާދު އިތުރަށް އިނދަޖެހޭނެ ކަމުގެ ބިރަކީ ވެސް އީރާނަށް ޙަމަލާދިނުމުގެ ފުރްސަތު ކުޑަވެގެންދާ ސަބަބެއްކަމަށް ވެސް ނިޔުޔޯކް ޓައިމްސް ބުނެ އެވެ.