ފިލްމީ ދާއިރާގައި ކުރާ މަސައްކަތުގެތެރެއިން އެންމެ ޝައުޤުވެރިވާ މަސައްކަތަކީ ޑަބްކުރުމުގެ މަސައްކަތްކަމަށް ސުނިލް ޝެޓީ ބުނެފިއެވެ.

ފިލްމީ ދާއިރާގައި 35އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ އެކްޓަރު ބުނެފައިވަނީ، ފިލްމެއް އުފެދިގެން އަންނައިރު އެ ފިލްމެއް ޑަބްކުރުމަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ ވަރަށް މުހިއްމު ހަމައެއާއެކު ބުރަ މަސައްކަތެއް ކަމަށް ތަޖުރިބާކާރު އެކްޓަރު ވަނީ ސިފަކޮށްފައެވެ.

ނުވަދިހައިގެ އަހަރުތަކުގެތެރޭ އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު އެކްޓަރު ބުނީ ޓެކްނޮލޮޖީއާއެކު ޒަމާނަށް ބަދަލުތަކެއް އައިނަމަވެސް ފިލްމު އުފެއްދުމުގެ ވިޔަފާރިއަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ޓެކްނޮލިޖީއިން ގެނުވި ބަދަލާއެކު ފިލްމީ މަސައްކަތްތަކަށް ލުއި ފަސޭހަތަކެއް ލިބުނު ނަމަވެސް ފިލްމު ޑަބިންގްއަކީ އެކަމަށް ހާއްސަ ޑިސިޕްލިންއާއެކު ކުރެވޭނެ މަސައްކަތެއް ކަމަށް ސުނިލް ޝެޓީ ވަނީ ބުނެފައެވެ.

އެންމެ ފުރިހަމައަށް ބެލުންތެރިންނާ ހަމައަށް ފިލްމުގެ ސީންތައް ގެނެސްދިނުމަށް ސުނިލް ޝެޓީ ވަނީ ވަރަށް ކެތްތެރިކަމާއެކު ސްޓޫޑިއޯތަކުގައި ވަރަށް ގިނަ ވަގުތު ހޭދަކޮށްފައިކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު ޑަބްކުރާއިރު އަނދިރި ކޮޓަރިއެއްގެތެރޭގައި ހުރެ އެ އެކްޓަރެއްގެ ކެރެކްޓާއަކަށް މީހާގެ ވިސްނުން ގެންގޮސް އެކަމަށް ސަމާލުކަން ދިނުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު ޗެލެންޖެއްގެ ގޮތުގައި އެކްޓަރު ވަނީ ސިފަކޮށްފައެވެ. އަދި ޑަބްކުރުމުގެ މަސައްކަތަށް ޝައުޤުވެރިވަނީ ވެސް މިކަހަލަ އެތައް ސަބަބުތަކަކާހެދި ކަމަށް ސުނިލް ޝެޓީ ވަނީ ބުނެފައެވެ.

ސުނިލް ޝެޓީއަކީ، ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި ވިޔަފާރިވެސް ހިންގާ އެކްޓަރެކެވެ. އޭގެތެރޭގައި، މުމްބާއިގައި ހިންގާ ރެސްޓޯރެންޓް ވިޔަފާރިއާއި އަންހެނުން މާނާއާ ގުޅިގެން ހިންގާ ލަގްޒަރީ ފަރުނީޗަރު ވިޔަފާރި ހިމެނެއެވެ. މީގެ އިތުރުން ސުނިލް ޝެޓީއަކީ، އިންޑިއާގެ ސެލެބްރިޓީ ކްރިކެޓް ލީގުން އުފައްދާފައިވާ މުމްބާއި ހީރޯސް ކްރިކެޓް ޓީމްގެ ކެޕްޓަން ވެސްމެއެވެ.