ކާތިކް އާރްޔަންގެ ކޮންމެ ހިޓު ފިލްމަކަށް ޕްރޮޑިއުސަރުގެ ފަރާތުން ކާރެއް ހަދިޔާއަކަށް ލިބޭކަމަށް ބަތަލާ ކިއާރާ އަދް ވާނީ ބުނެފިއެވެ.

އެގޮތުން ފިލްމު "ބޫލް ބުލައްޔާ2"އަށް ބޮކްސް އޮފީހުގައި ލިބުނު ކާމިޔާބީއާއެކު ޕްރޮޑިއުސަރު ބޫޝަން ކުމާރު ވަނީ މެކްލެރެން ޖީޓީ ކާރެއް އާރްޔަންއަށް ހަދިޔާކޮށްފައިކަމަށް ކާތިކް ވަނީ ބުނެފައެވެ.

ކިއާރާއާއި ކާތިކް އެކީގައި ފެންނަ ފިލްމު "ސަތުޔަ ޕްރޭމްކީ ކަތާ"ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަ ދައްކަމުން ކިއާރާ ބުނެފައި ވަނީ ކޮންމެ ހިޓު ފިލްމަކަށް ކާރެއް ލިބޭއިރު އެ ސަޤާފަތް ދެމެހެއްޓުމަށް އެކްޓަރު ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ. ކިއާރާ މި މޭރުމުން ވާހަކަ ދެއްކުމުން އެކަމަށް ރައްދު ދެމުން ކާތިކް ބުނީ އެ ސަޤާފަތަކީ ކާތިކް ނަން (Cartik- Karthik) އާއި ގުޅުވައިގެން އާލާވިކަމެއް ކަމަށެވެ. އަދި ފިލްމު "ސަތްޔަ ޕްރޭމް ކީ ކަތާ"އަށްފަހު އެފަދަ އިތުރު ހަދިޔާއަކަށް އިންތިޒާރު ކުރާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ސަތުޔަ ޕްރޭމްކީ ކަތާ" އިއްޔެ ސިނާމާތަކުގައި އަޅުވާފައިވާއިރު ކިއާރާއާއި ކާތިކްގެ ޖޯޑަކީ ބެލުންތެރިން ވަރަށް ގަޔާވާ އޮން ސްކްރީން ޖޯޑެކެވެ. މި ދެ ތަރިންގެ ފުރަތަމަ ފިލްމު "ބޫލް ބުލައްޔާ2"ގެ ކާމިޔާބީއަށްފަހު މިއީ ދެ ތަރިން އެކީގައި ބެލުންތެރިންނާ ބައްދަލުކުރާ ދެވަނަ ފިލްމެވެ. ބޮލީވުޑްގެ 90އިގެ އަހަރުތަކެއް ހަނދާންތައް އާކުރުވައިދޭނެކަމަށް ބުނެފައިވާ މި ފިލްމަކީ، ވަރަށް ރީތި ލޯބީގެ ފިލްމެކެވެ.

މި ދެ ތަރިން ވަނީ ފިލްމު "ބޫލް ބުލައްޔާގެ3"ވަނަ ބައިގައި މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް އަދި ރަސްމީކޮށް އިޢުލާނު ނުކުރެއެވެ.