ޖެނެޓިކް ޑިސްއޯޑާއެއްގެ ސަބަބުން މަދުން ނޫނީ ނުފެންނަ ބައްޔެއްކަމަށްވާ ހައިޕާ އައިޖީޑީ ސިންޑްރޯމް ތަހައްމަލުކުރަމުން އަންނަ އުމުރުން އެންމެ ހަތަރު އަހަރުގެ ދިވެހި ކުއްޖަކަށް އިންޑިއާގެ ހޮސްޕިޓަލަކުން މުޅިން އާ ފަރުވާއެއް ދީފިއެވެ.

މި ކަމާ ގުޅިގެން އިންޑިއާގެ 'ދަ ހިންދޫ'ގައި ރިޕޯޓުކޮށްފައިިވާ ގޮތުން އޭނާއަށް ދިން ފަރުވާއަކީ 'ކަނަކިނުމަބް' ނަމަކަށް ކިޔާ އެންޓި މޮނޯކްލޯނަލް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު އިތުރަށް ވަރުގަދަކޮށްދޭ ބޭހަކުން ދިން ފަރުވާއެކެވެ.

މިއީ އެ ގައުމުގައި ފުރަތަމަ ފަހަރަށް އެ ބޭސް ބޭނުންކޮށްގެން ދިން ފަރުވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ދަ ހިންދޫގައި ރިޕޯޓުކޮށްފައިވެއެވެ.

މި ސިންޑްރޯމް ތަހައްމަލުކުރާނަމަ އާންމު ގޮތެއްގައި ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމާއި ބަނޑަށް ތަދުވުން ހިމެނެއެވެ. މީގެ އިތުރުން ހަމުގައި ގޮށްލުން ވެސް ހިމެނެއެވެ.

ހަތަރު އަހަރުގެ އެ ކުއްޖާއަށް ފަރުވާދީފައިވަނީ އިންޑިއާގެ ޕްރައިވެޓް ހޮސްޕިޓަލެއްކަމަށްވާ 'ރެއިންބޯ ޗިލްޑްރެންސް ހޮސްޕިޓަލް'ގައެވެ. އެއާއެކު އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިއީ މި ބަލި ތަހައްމަލުކުރަމުން އަންނަ އެެހެން މީހުންނަށް ފަރުވާއެއް ލިބުމުގައި ލިބުނު އުންމީދެއްކަމަށް ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ކުއްޖާގެ ކިބައިގައި އެ ބަލި ހަ މަހުން ފެށިގެން ހުރިކަން ވަނީ ދެނެގަނެވިފައެވެ. ނަމަވެސް މިއަދާ ހަމައަށް އައިރު ވެސް އަސްލު ބަލީގެ ބަދަލުގައި ހީކުރެވިފައި އޮތީ އެއީ އާދައިގެ ރޯގާއެއްގެ ގޮތުގައިކަމަށް ބުންޏެވެ. އެހެންވެ އެތައް ފަހަރެއްގެ މަތިން އެންޓިބައޮޓިކްގެ ފަރުވާ ދީފައިވާކަމަށް ބުނެފައިވެއެވެ.

"އެ އަންހެން ކުއްޖާއަށްވަނީ ހުން ވަރަށް ބޮޑަށް ތަހައްމަލުކުރަން ޖެހިފައި. އަދި ލޭގައި ހިމެނޭ މާއްދާއެއްކަމަށްވާ ހެމޯގްލޯބިންގެ ނޯމަލް ރޭންޖަކީ 12ކަމަށްވާއިރު ތިނެއް ނުވަތަ ހަތަރަކާ ހަމައަށް ވަރަށް ބޮޑަށް ދަށްވެފައި. ޕްލޭޓްލެޓް ކައުންޓު ވެސް 20،000 އާއި 30،000 އާ ދެމެދަށް ދަށްވެފައި،" ޑޮކްޓަރާ ހަވާލާދީ ދަ ހިންދޫގައި ލިޔެފައިވެއެވެ.

އަލަށް ތަޖުރިބާކުރި މި ފަރުވާއާއެކު އެ ކުއްޖާގެ ހާލު ރަނގަޅުވެ ވަރަށް ބޮޑަށް ކުރިއެރުން ލިބިފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ކުރީގެ ހާލަތަށް ވުރެ ބޮޑު ފަސޭހައެއް ލިބިފައިވާކަމަށް ބުންޏެވެ.