ޒަކާތުފަންޑުން ކިޔަވާކުދިންނަށް ދޭން ކަނޑައަޅާފައިވާ 20 މިލިއަން ރުފިޔާގެ ސުކީމް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށް އިސްލާމިކު މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ ރާއްޖެ އިން ބޭރުގައި އެކިއެކި ސްކޯލާޝިޕްތަކުގައި ކިޔަވާ ކުދިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަން ހަމަޖައްސާނީ އެޑިޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށާއި ރާއްޖޭގައި ތިބެގެން ޔުނިވަސިޓީ، ކޮލެޖުތަކުގައި ކިޔަވާ ކުދިންގެ އެހީގެ ފައިސާ ހަވާލުކޮށްދެނީ އިސްލާމިކް މިނިސްޓްރީ އިން ކަމަށެވެ.

"... ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ފައިސާގެ ކަންކަން ހަމަޖައްސާނީ އެޑިޔުކެޝަން މިނިސްޓްރީ އިން. ރާއްޖޭގައި ތިބެގެން ޔުނިވަސިޓީ ޕްރައިވެޓް ކޮލެޖު ކުއްލިއްޔާގައި ކިޔަވާ ކުދިންނަށް އެހީ ފޯރުކޮށްދޭނީ އިސްލާމިކް މިނިސްޓްރީން އިން،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކިޔަވަމުން އަންނަ، ތަނަވަސްކަން ކުޑަކުދިންނަށް ޒަކާތުގެ ފައިސާ އިން އެއް އަހަރުގެ ފީ އެ ކުއްޖަކު ކިޔަވާ ތަނަކަށް ދައްކައިދޭނެ ކަމަށާއި 500 އަށް ވުރެ ގިނަ ދަރިވަރުންނަށް އެހީ ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ޒަކާތުގެ ފައިސާގެ އެހީ ހަމައެކަނި ނުލިބޭނީ ފޮޓޯ އާއި ވީޑިއޯގްރަފީ ފަދަ ދައިރާތަކުން ކިޔަވާ ކުދިންނަށް ކަމަށެވެ.

މިދިޔަ މާޗް މަހު ވަޒީރުންގެ މަޖިލިހުން ނިންމާފައި ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ކުދިންނަށް، ޒަކާތު ފަންޑުން 20 މިލިއަން ރުފިޔާ، ހަރަދު ކުރުމަށް ނިންމައިފަ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުން އެގޮތަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ކުދިންގެ ތެރެއިން އެ ފުރުޞަތު ލިބިފައިނުވާ ކުދިންނަށް ޒަކާތު ފަންޑުން އެ ފުރުޞަތު ތަނަވަސްކޮށްދިނުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީ އިން ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ މައްޗަށް ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.