30 Jun 2023, 13:27
ބ. ދަރަވަންދޫން ޝާނިހާ ޝަރީފް
ބ. ދަރަވަންދޫގައި ރައްޔިތުން ޕިކްނިކްދާނެ ސަރަހައްދެއް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
"ސަން"އާ ވާހަކަދައްކަވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވީ ޕިކްނިކް ދާނެ ސަރަހައްދެއް ތަރައްގީކުރަނީ އެރަށުގެ ހުޅަނގު ކޮޅުގައި ކަމަށެވެ.
ޕިކްނިކް ދާނެ ސަރަހައްދު ތަރައްގީކުރަނީ އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީސީން ހިއްކާފައިވާ ބޮޑު ބިމުގައެވެ.
"މި ސަރަހައްދަކީ ރަށުގެ ހުޅަނގުކޮޅު މީހުން ނޫޅޭ ސަރަހައްދަކަށް ވުމުން މި ސަރަހައްދަށް އައިސް ޕިކްނިކް ހަދާލަން ލިބޭއިރުގަ މިއީ ރަށެކޭ އިހުސާސެއް ނުއެއް ކުރެވޭނެ. ފަޅު ރަށަކަށް އައިސްގެން އުޅޭ ކަހަލަ އިހުސާސް އެބަޔަކަށް ކުރެވޭނެ،" ސަމީހު ވިދާޅުވިއެވެ.

ދަރަވަންދޫ ކައުންސިލް ރައީސް އަލީ ސަމީހު 'ސަން' އާ ވާހަކަދައްވަނީ -- ސަން ފޮޓޯ
ސަމީހު ވިދާޅުވީ ކައުންސިލުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް އެ މަސައްކަތް ނިންމަން ކަމަށެވެ. އީދުގެ ކުރިން ކައުންސިލުން ވަނީ އެ ސަރަހައްދުގައި ބައެއް މަސައްކަތްތައް ކުރުމަށް ބަޔަކާ ހަވާލުކޮށްފައެވެ.
މިހާރު ކުރިއަށްދަނީ އެ ސަހައްދުގައި ވަޅު ބެހެއްޓުމާއި ގޮނޑިތަކާއި ކާ މޭޒުތައް ހެދުމުގެ މަސައްކަތެވެ.

ދަރަވަންދޫ ރައްޔިތުން ޕިކްނިކް ދިޔުމަށް ތަރައްގީކުރާ ސަރަހައްދު -- ސަން ފޮޓޯ
ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި އެ މަޝްރޫއު ނިމޭއިރު އެ ސަރަހައްދުން ފެން ލިބޭނެ އިންތިޒާމާއި ފެންވެރޭނެ ގޮތް ހަމަޖެހޭނެއެވެ. އަދި ބާބަކިއު ހެދޭނެ 10 ވަރަކަށް ތަން ހުންނާނެއެވެ. ކެއްކޭނެ ގޮތް ވެސް ހަމަޖައްސާނެއެވެ. އަދި ފާޚާނާ ގާއިމްކުރަން ވެސް ނިންމާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ މިތަނަށް ބާބަކިއު ހަދާލައި ޕިކްނިކް ހަދާލަން އަންނަ ކޮންމެ މީހަކަށް ވެސް ބޭނުންވާނެ ހުރިހާ އިންތިޒާމްތަކާއެކު އެންމެ ފުރިހަމައަށް މިތަން ތަރައްގީ ކުރާނަން،" ސަމީހު ވިދާޅުވިއެވެ.
ޕިކްނިކް ދާނެ ސަރަހައްދު ތަރައްގީކުރުމުގައި ގައުމީ ބޭންކު، ބީއެމްއެލްގެ އެހީ ލިބިފައިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ އެހީގެ ދަށުން އެ ސަރަހައްދު ޒީނަތްތެރިކުރުމަށް ގިޑިގެއެއް ގާއިމްކޮށް، އިށީނދެ ތިބޭނެ ތަންތަން ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ.
އެގާރަ ސަތޭކަ މީހުންގެ އާބާދީއެއް އޮންނަ ދަރަވަންދޫ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ލަސްތަކެއް ނުވެ ހައްލު ލިބޭނެ ކަމުގެ ޔަގީންކަން އެރަށު ކައުންސިލުންދެއެވެ.