މިދިޔަ އަހަރާ އަޅާ ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 13.9 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ، 904،980 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 794،853 ފަތުރުވެރިންނެވެ.

ތަފާސްހިސާބަށް ބަލާއިރު، ކުރިއަށްއޮތް ދެމަހުގެ ތެރޭގައި 95،020 ފަތުރުވެރިން އައި ނަމަވެސް އެއް މިލިއަން ފަތުރުވެރިން ހަމަވާނެއެވެ.

ކުރިއަށް މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ދަށް ދުވަސްވަރެވެ. މިހިނގާ ޖޫންމަހު އެކަނިވެސް މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 95،736 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެހެންކަމުން ކުރިއަށްއޮތް ދެމަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް އަރާނޭކަމަށް ބެލެވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ދެ ފަތުރުވެރިއަކު ވީއައިއޭގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެއަށްފަހު، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:

  • އިންޑިއާ: 107،117

  • ރަޝިއާ: 106،851
  • އިނގިރޭސިވިލާތް: 79،021
  • ޖަރުމަނުވިލާތް: 65،186
  • އިޓަލީވިލާތް: 63،494

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިދުވަސްވަރު ދަށްވިނަމަވެސް، މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ބައެއް ކުންފުނިތަކުން މަންޒިލެގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެމްއެމްޕީއާރުސީން ދެކުނު ކޮރެއާގައި ރާއްޖެ އިސްތިހާރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން--- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

މިގޮތުން އެންމެފަހުން ދެކުނު ކޮރެއާގައި މިމަހުގެ 24 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ރޯޑް ޝޯތަކުގައި ރާއްޖެއިން ބައިވެރިވެފައިވާއިރު، ކޮމަންވެލްތު އޮފް އިންޑެޕެންޑެންޓް ސްޓޭޓްސް ނުވަތަ ސީއައިއެސްގެ މާކެޓަށް އަމާޒުކޮށްވެސް ދަނީ މާކެޓިން ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.

ދެކުނު ކޮރެއާގައި ބޭއްވި ރޯޑް ޝޯތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ދިވެހި ޓްރެވަލް އޭޖެންޓުންގެ ޖަމިއްޔާގެ ރައީސް ޢަބްދުﷲ ގިޔާސް ސަން އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެ ޖަމިއްޔާގެ ފަރާތުން ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި ގުޅޭ ސާވޭއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިކަމުން ފާހަގަވި ކަންކަން ވަރަށް އަވަހަށް ހާމަކުރާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރިސޯޓެއްގައި ދެ ފަތުރުވެރިއަކު ސަންސެޓް ބަލާލުމަށް މަޑުކޮށްލައިގެން--- ސަން ފޮޓޯ/ ޢަބްދުﷲ ހުސައިން

މިދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށަށްގޮސްފައިވާއިރު، ޗައިނާ ކޮރެއާ، ޖަޕާނަށް ނިސްބަތްވާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެމެރިކާ މާކެޓަށް ބަރޯސާވާކަމަށް ބައެއް ޓްރެވަލް އޭޖެންޓުން ފާހަގަކުރެއެވެ. ސަބަބެއްކަމަށް ޓްރެވަލް އޭޖެންޓުން ބުނަނީ ރާއްޖޭގެ ރޭޓްތައް މަތިވުން ކަމަށެވެ.