ހީނާމާގޭ ޕާކިން ޒޯން ކުރިމަތީ ހުންނަ ސުލްތާން އާދިލް މިސްކިތުން ބުދަ ދުވަހުގެ ފަތިހު ފައިބައިގެން ހިނގާފައިދަނިކޮށް އެކްސިޑެންޓުވި ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރާ އަލީ ހަފީޒްގެ ހާލު އަދިވެސް ވަރަށް ސީރިއަސްކަމަށް އޭނާގެ ވަރަށް ގާތް މީހަކު ބުނެފިއެވެ.

ސަން އާ ވާހަކަދައްކަމުން ހަފީޒު އާ އެއް އޮފީހެއްގައި މަސައްކަތްކުރާ މީހަކު ބުނީ އެކްސިޑެންޓުގައި ހަފީޒަށް ލިބިފައިވަނީ ކުރިން ހީވެސް ނުކުރާފަދަ ސީރިއަސް އަނިޔާތަކެއް ކަމަށެވެ. އެ ގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ހަށިގަނޑުގެ އެތެރެއިން އަދިވެސް ލޭ މަނާ ނުވާތީވެ، އޮޕަރޭޝަން ނުކުރެވި އޮތްއޮތުންކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މިހާތަނަށް ޑޮކްޓަރު ބެލި ބެލުމުން ކަނާތު ފައިގެ އިތުރުން ކޯތާފަތުގެ ކަށިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. މީގެ އިތުރުން ބޮލަށްވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މިކަމާ ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހަފީޒް ކަފިހިހުރަހުން މަގު ހުރަސްކުރަނިކޮށް ދުއްވާފައި އައި ސައިކަލަކުން ޖެހިގެންނެވެ. އެ ވަގުތު ސައިކަލް އައިލެއް ބާރުކަމުން ޖެހުމާއެކު އޭނާ ދިޔައީ ވިއްސައިގެންނެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 22 އަހަރުގެ ޒުވާނާގެ އަތުގައި ލައިސަންސް ނެތްކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ. ހަފީޒް މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.