29 Jun 2023, 11:24
އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ތިން ހަފުތާ ތެރޭގައި މަރަދޫ އަދި މަރަދޫ-ފޭދޫ ބިން ހިއްކާ ނިންމައިފިއެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއެވެ.
މިހާރު މިވަނީ މަރަދޫ އަދި މަރަދޫ-ފޭދޫ ގެ ދެ އަވަށުގެ ބިމަށް 76 ހެކްޓަރުގެ ބިން ހިއްކާ އިތުރުކޮށްފައެވެ.
މީގެއިތުރުން މަރަދޫފޭދޫ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކަން ވަނީ ހަމަޖެހިފައެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރަން ހަމަޖެހިފައިވާއިރު، ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ. މަރަދޫ އަދި މަރަދޫފޭދޫ ބިން ހިއްކާ ނިމުމާއެކު ހިތަދޫ ޒޯން ދޭއްގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ސަރަހައްދުން 40 ހެކްޓަރު ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފަށްޓަވައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް
ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކައި އެ ރަށުގެ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ފަސް ހެކްޓަރުގެ ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.
މަޝްރޫއު ފެށުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އަންނަ އޯގަސްޓް މަހު އެ ބިން ބޭނުން ކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭނެއް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރީން މަރަދު އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ބިން ބޭނުން ކުރުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުން ހުށަހެޅުމަށް ހުޅުވާލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެހީގައި އައްޑޫގައި ހިންގާ މި މަޝްރޫއުގެ ދަށުން ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެއެ.