އެމްޑީޕީގެ އާއްމު މެންބަރުންގެ ފުރިހަމަ ތާއީދާ އެކު އެޕްޑީޕީގެ ރައީސް އާއި ނައިބް ރައީސް ކަމަށް ހޮވިވަޑައިގެންފައިވާ އިބްރާހިމް ދީދީ (ޑީޑީ) އާއި އަލްހާން ފަހުމީ އެޕާޓީގެ ގައުމީ މަޖިލީހުން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ވަނީ މަގާމުން ދުރުކޮށްފަ އެވެ. އަލްހާނާއި ޑީޑީ ވެސް ސިފަކުރައްވަނީ އެ ދެބޭފުޅުން ޕާޓީން ވަކިކޮށްފައިވަނީ ގާނޫނީ ނިޒާމުގެ ތެރެއިން ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގަ އެވެ.

އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި އަލްހާނާއި ޑރ. ޑީޑީ މަގާމުން ވަކިކުރުމަށް އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާއިރު އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ އެޕާޓީގެ ވަގުތީ ޗެއާޕާޝަނަންގެ މަގާމުގައި ހުންނެވި ރީކޯ މޫސާ މަނިކެވެ.

ޑރ. ޑީޑީ ވިދާޅުވި ގޮތުގައި އަލްހާނާއި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގައި އެ ދެބޭފުޅުން މަގާމުން ދުރުކުރުމަށް ވޯޓް ނެގި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި އެޕާޓީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ރީކޯ މޫސާ މަނިކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދެ އެވެ.

ޑރ. ޑީޑީ ރީކޯ މޫސާ މަނިކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލުއުފައްދާފައިވާއިރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓިގެން ދިއުމަށްފަހު އެޕާޓީން ލޮނުޒިޔާރަތްކޮޅުގައި ކުރަމުންދިޔަ މުޒާހަރާ ސަލާމަތީ ބާރުތަކުން ވަދެ ރޫޅާލި އެސަރަހައްދު ހިފި މައްސަލަ، ބަލައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ވެސް އެކޯޓުން ބޭރުކޮށްލީ، ވެސް އެ ފޯމްގައި ސޮއިކުރެއްވި ބޭފުޅަކީ އެޕާޓީގެ މިހާރު ވަގުތީ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ރީކޯ މޫސާ މަނިކު ގާނޫނީ ހައިސިއްޔަތެއް ނެތިގެނެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހެއް ބާއްވައި އެ ޕާޓީގެ ރައީސާއި ނައިބް ރައީސް ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންތޯ ބައްލަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެޕާޓީގެ ވަގުތީ ޗެއާޕާސަން ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވިކަން އެކޮމިޝަނަށް ވެސް ފާހަގަކުރެވުނު ކަމަށާއި އެމްޑީޕީން އެޕާޓީގެ ގައުމީ ޗެއާޕާސަން ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެއް އެމާގާމުގައި ހުންނަވާނީ ރީކޯ މޫސަކަން އަންގަވައި ސިޓީއެއް ވެސް އެކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިއްޔެގެ މަޖިލީހުގެ އެ ނިންމުމާ ގުޅިގެން އެ ކޮމިޝަނަށް އެއްވެސް ޝަކުވާއެއް އަދި ލިބިފައިނުވާ ކަމަށެވެ.

"އޮފީސް ބަންދުކުރި ފަހުން އެޚަބަރު ލިބުނީ. އެމްޑީޕީގެ އަސާސީ ގަވާއިދުގައި އޮތް ގޮތެއް ބަލާފައި އެނގޭނީ ވަގުތީ ޗެއާޕާސަން އަށް އަދި ގައުމީ މަޖިލީހަށް އޮތީ ކިހާވަރެއްގެ ބާރެއްތޯ ދަންނަވަން، މިއީ ކުރެވިދާނެ ކަމެއްތޯ ވެސް، ކޮމިޝަންގެ ލީގަލް ޓީމާ މަޝްވަރާކުރުމަށް ފަހު ކަނޑައަޅަން އެނގޭނީ މިއީ ކުރެވިދާނެ ކަމެއްތޯ ވެސް،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އަމަލުކުރަމުން ގެންދަނީ ޕާޓީތަކުގެ އަސާސީ ގަވާއިދާ އެއްގޮތަށްތޯ އެކޮމިޝަނުން ބައްލަވާނެ ކަމަށާއި އެއާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް ޕާޓީއަކުން ކުރާ ނަމަ އަދި ކޮށްފައިވާ ނަމަ އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅުތަކެއް އެކޮމިޝަނުން އަޅާނެ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއް ކަމުގައިވާ ހިސާން ހުސެއިން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ރީކޯ މޫސާ މަނިކުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި މޫސަ އެމަގާމަށް އައްޔަން ކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ ދަށުން ގައުމީ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

"ޕާޓީގެ އަސާސީ ގަވާއިދުގެ 124 ވަނަ މާއްދާގެ ދަށުން ގައުމީ މަޖިލީހުން ވަގުތީ ޗެއާޕާސަންގެ މަގާމަށް މޫސަ ހަމަޖައްސާފައިވާތީ އެމަގާމުގެ ހައިސިއްޔަތާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް،" ހިސާން ވިދާޅުވި އެވެ.

އަސާސީގެ ގަވާއިދުގެ 124 ވަނަ މާއްދާގައިވާ ގޮތުގައި އެގަވާއިދުގެ ދަށުން އިންތިހާބް ކުރަންޖެހޭ މެންބަރަކު އިންތިހާބް ނުކުރެވި ހުރުމުގެ ސަބަބުން އެމާމުގައި ހުންނަ ބޭފުޅަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެތަންތަން ދޫބެއްދުމުގެ ބާރު ގައުމީ މަޖިލީހަށް ލިބިގެންވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެޕާޓީގެ ކޮންގްރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ އެޕާޓީގެ ގައުމީ ޗެއާޕާޝަން ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އަދި އެމަގާމު ހުސްވެއްޖެނަމަ އެމަގާމަށް ބޭފުޅަކު އިންތިހާބް ކުރާނީ ގައުމީ މަޖިލީހުގެ އާދަޔާހިލާފު ބައްދަލުވުމެއްގަ އެވެ. ރީކޯ މޫސާ މަނިކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމަށް އައްޔަންކޮށްފައި ވަނީ އެޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހަކަށްފަހު އެމާގާމަށް ބޭފުޅަކު އިންތިހާބު ކުރެވެންދެއް ގައުމީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.