29 Jun 2023, 12:52
ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މާތްވެގެންވާ މައްކާގެ މުގައްދަސް ބިންތަކަށް އެއްވެފައިވާ ހައްޖުވެރިން އަރަފާތާއި މުޒްދަލިފާގައި އަދާކުރަން ޖެހޭ އަޅުކަންތައް ފުރިހަމަ ކުރުމަށްފަހު އިއްޔެ ހެނދުނު ވަނީ މިނާއަށް ގޮސްފައެވެ.
މިނާގައި ހައްޖުވެރިން އީދު ފާހަގަކުރާނެއެވެ. އީދު ފާހަގަކުރާނީ ސަލާމް ގަލާންކޮށް ހައްޖުވެރިން އެއްބަޔަކު އަނެއް ބަޔަކަށް ތައާރަފުވެ އެކުގައި ކައިބޮއި ހަދައިގެންނެވެ. އެއަށްފަހު "ހަދްޔު" ކަތިލުން އޮންނާނެއެވެ. މިކަން ކުރިޔަށްގެންދާނީ ހައްޖުވެރިން ފައިސާ ދިނުމުން ސައޫދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުންނެވެ.
އީދުކޮށް "ހަދްޔު" ކަތިލުމަށްފަހު މިހާރު ކުރިޔަށް ގެންދަނީ ޖަމްރާތަކަށް ހިލައުކުމުގެ ކަންތަކެވެ. ޖަމްރާތަކަށް ހިލަ އުކުމުގެ ކަންތައް ކުރާނީ މިނާގައި ތިބެގެންނެވެ. ހައްޖުގެ އަޅުކަން ނިމޭނީ ޖަމްރާތަކަށް ހިލަ އުކުމަށް ފަހު އަލުން މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސައުޔު ކުރުމުންނެވެ.

ތިން ޖަމްރާ
ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ހައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަހު މިނާގައި މަޑުކުރާނެއެވެ. ޖަމްރަތުލްއަގަބާއަށް ހިލައުކުމަށް ފަހު ބޯބާލައި ނުވަތަ ކުރުކޮށް ބޯކޮށައި އިހްރާމް ކަނޑާނެއެވެ. ދެން މިނާގައި ތިބޭނީ އާދައިގެ ހެދުމުގައެވެ. އެއީ ޖަމްރާތަކަށް ހިލަ އުކުމަށްޓަކައެވެ. ނަމަވެސް އަވަހަށް ތަހައްލުލުވާން ބޭނުންވާ ހައްޖުވެރިން ހިލަ އުކުމަށްޓަކައި އީދުދުވަހާ އަދި ޖެހިގެން އަންނަ ދުވަހު މިނާގައި ތިބުމަށް ފަހު މައްކާއަށް ގޮސް ތަވާފުލްއިފާޟާކޮށް ސައުކޮށް ހައްޖުގެ ކަންތައް ނިންމާނެއެވެ.
"ހަދްޔު" އާއި "އުޟްޙިޔާ" ގެ ތަފާތު
ހައްޖުވެރިންވެސް އަޟްޙާ އީދުދުވަހު ބަކަރި ކަތިލާ ކަތިލުމަށް ކިޔަނީ "ހަދްޔު" އެވެ. އަދި ހައްޖަށް ނުދާ މުސްލިމުން އަޟްޙާ އީދުދުވަހު ބަކަރި ކަތިލާ ކަތިލުމަށް ކިޔަނީ "އުޟްހިޔާ" އެވެ. ހައްޖުވެރިންގެ "ހަދްޔު" ކަތިލުމުގެ ކަންތައް ހައްޖުވެރިންނަށް ކޮށްދޭނީ ކަމާބެހޭ ސައޫދީ އިދާރާތަކުންނެވެ.
އިބްރާހީމްގެފާނަށް އިބްލީސް ފެނުމާއި ޖަމްރާތަކަށް ހިލައުކުން
ހައްޖުވެރިން ޖަމްރާތަކަށް ހިލަ އުކަނީ ސަލާމްލެއްވި އިބްރާހީމްގެ ފާނަށް ތަބާވުމުގެ ގޮތުންނެވެ. އެކަލޭގެފާނު މައްކާގައި އުޅުއްވި ދުވަސްވަރު (މީލާދީގޮތުން މީގެ ގާތްގަނޑަކަށް ހަހާސް އަހަރުކުރިން) މާތް ﷲ (ސުބްޙާނަހޫ ވަތައާލާ)ގެ އަމުރުފުޅަށް އިސްމާއީލްގެފާނު ގުރްބާން ކުރައްވަން އެކަލޭގެފާނު ގޮވައިގެން އިބްރާހީމްގެފާނު ވަޑައިގެން އުޅުއްވީ މިނާގައެވެ. މިނާގެ ފަރުބަދަތަކުގެ ވާދީ ތެރޭގައެވެ. (އެއީ މިހާރު މިނާގައި ހައްޖުވެރިން ތިބުމަށް ފޭލިގެތައް ޖަހާފައިވާ ސަރަހައްދުތަކެވެ.) އިސްމާއީލްގެފާނު ގޮވައިގެން އެކަލޭގެފާނު ގުރްބާން ކުރައްވަން ކަނޑިއެއް ހިއްޕަވައިގެން އިބްރާހީމްގެފާނު އުޅުއްވަނިކޮށް އިންސާނެއްގެ ސިފައިގައި އިބްރާހީމްގެފާނަށް ކުއްލި ގޮތަކަށް އިބްލީސް ފެނިވަޑައިގަތެވެ.
އިންސާނެއްގެ ސިފާގައި ފެނުނީ އިބްލީސްކަން އިބްރާހީމްގެ ފާނަށް ކަށަވަރުވެވަޑައިގަތުން
އިބްލީސް އިބްރާހީމްގެ ފާނަށް ދެންނެވީ މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ އަމުރުފުޅާ އެއްގޮތަށް އިސްމާއީލްގެފާނު ގުރްބާން ނުކުރެއްވުމަށެވެ. އެއީ އިސްމާއީލްގެފާނަކީ އިބްރާހީމްގެ ފާނަށް ލިބިވަޑައިގެންފައިވާ ހަމައެކަނި ދަރިކަލުންކަމަށް ބުނެ މާތް ﷲ (ސުބްޙާނަހޫ ވަތައާލާ)ގެ އަމުރުފުޅަށް އަމަލު ނުކުރެއްވުމަށް އިބްލީސް އިބްރާހީމްގެފާނަށް ވަސްވާސް ދޭން ފެށިއެވެ.
އިބްލީސް ފައްސާލެއްވުން
ނަމަވެސް އިބްލީސްގެ ވާހަކަތައް ހުރިގޮތުން އެއީ މާތް ﷲ ސުބްޙާނަހޫ ވަތައާލާ ލަޢްނަތްލެއްވި އިބްލީސްކަން އިބްރާހީމްގެ ފާނަށް ކަށަވަރުވުމުން އިބްލީސް ފައްސާލުމަށް ޓަކައި ހިލަތަކެއް ހޮއްވަވައި އިބްލީސް އާ ދިމާއަށް ވަޑައިގެން އޭނާއާ ދެކޮޅަށް އިބްރާހީމްގެފާނު ހިލަ އުއްކެވިއެވެ.

ތިން ޖަމްރާ. ޖަމްރާތައް މިހާރު ހުންނަނީ ބޮޑު އިމާރާތެއްގެ ދަށުގައެވެ.
އެއްފަހަރު ހިލަ އުއްކެވުމުން އިބްލީސް ފިލައިގެންދިޔުމަށްފަހު އަނެއްކާވެސް ތަންކޮޅެއް ދުރުން އިބްލީސް ފާޅުވިއެވެ. ދެން އަނެއްކާ ވެސް އިބްލީސް ފައްސާލެއްވުމަށް ޓަކައި އެހެންތަނަކަށް ހިލަ އުއްކެވިއެވެ. އެއަށްފަހު އަނެއްކާ ވެސް ތަންކޮޅެއް ދުރުން ތިންވަނަ ފަހަރަށް ވަރަށް ބަލިކަށިގޮތަކަށް އިބްލީސް ފެނުނެވެ. ދެން އަނެއްކާ ވެސް އިބްލީސް އާ ދިމާއަށް އިބްރާހީމްގެފާނު ހިލަ އުއްކެވީ އެވެ. ތިން ވަނަ ފަހަރު ހިލަ އުއްކެވުމުން އިބްލީސް ފިލައި ރައްކާވެއްޖެ އެވެ. އެއަށް ފަހު އިބްރާހީމްގެފާނު މައްކާގައި ހުންނެވިހާ ދުވަސްތަކުގައި އިބްލީސްގެ އެއްވެސް އުނދަގުލެއް ނުވާކަމަށްވެ އެވެ.
ތިން ޖަމްރާއަކީ އިބްރާހީމްގެފާނު އިބްލީސް ފައްސާލުމަށްޓަކައި ހިލަ އުއްކެވި ތިންތަން
ޖަމްރާތަކަށް ހިލައުކުމަކީ ސަލާމްލެއްދި އިބްރާހީމްގެފާނު އިބްލީސް ފައްސާލުމަށް ހިލަ އުއްކެވުމުން އެކަން ހަނދާން ކުރުމުގެ ގޮތުން ކުރާކަމެކެވެ. ކީރިތި ރަސޫލާ މުހައްމަދު (ސޢވ) ކުރެއްވި ހައްޖު ކަމަށްވާ ހައްޖަތުލްވަދާއުގައި އެކަލޭގެފާނުވަނީ އިބްރާހީމްގެ ފާނަށް އިގްތިދާވުމުގެ ގޮތުން ތިން ފަހަރު ހިލަ އުއްކަވާފައެވެ.
މުސްލިމުން ޖަމްރާތަކަށް ހިލައުކަނީ ހައްޖަތުލްވަދާއުގައި ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އެކަން ކުރެއްވުމުންނެވެ. ތިން ޖަމްރާއަކީ އިބްރާހީމްގެފާނު އިބްލީސް ފައްސާލުމަށްޓަކައި ހިލަ އުއްކެވި ތިންތަނެވެ. އިބްލީސް ފެނުނު ތިންތަނަކީ ޖަމްރާތައް ހުރި ތިން ތަންތަނެވެ. އެއީ ޖަމްރަތުލްކުބްރާ އާއި ޖަމްރަތުލްވުސްތާ އާއި ޖަމްރަތުއްސުޣްރާ އެވެ. އެއީ މިނާގެ އަލްއަގަބާ ސަރަހައްދެވެ.
ޢީދު ދުވަހު ހައްޖުވެރިން ހިލަ އުކާނީ ހަމައެކަނި ޖަމްރަތުލް އަޤަބާ އަށް އެކަންޏެވެ. އީދު ދުވަހަށްފަހު ދެން އަންނަ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގައި ހައްޖުވެރިން ތިން ޖަމްރާއަށް ވެސް ހިލައުކާނެއެވެ. އެއީ ހައްޖަތުލްވަދާއުގައި ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އެކަން ކުރެއްވީ އެގޮތަށްކަމަށްވާތީއެވެ. ޖަމްރާތައް ހުންނަނީ މިނާގެ އަލްއަގަބާ ސަރަހައްދެވެ.
އިސްމާއީލްގެފާނު ގުރްބާން ކުރެއްވުމަށް މާތް ﷲ ސުބްޙާނަހޫ ވަތައާލާ ކުރެއްވި އަމުރުގެ ހަނދާންތައް
ދެން އިބްރާހީމްގެފާނު އިސްމާއީލްގެފާނު މާތް ﷲ އަށްޓަކައި ގުރްބާން ކުރެއްވުމަށް ޓަކައި އިސްމާއީލްގެފާނުގެ ކަރުފުޅުގައި ޚަންޖަރު ހިންގަވާލެއްވުމުން އިބްރާހީމްގެފާނަށް ފެނިވަޑައިގަތީ ކަންބަޅި ބަކަރިއެކެވެ. އިސްމާއީލްގެފާނުގެ ބަދަލުގައި އެބަކަރި ކަތިލެއްވުމަށް މާތްﷲ އިބްރާހީމްގެފާނަށް ނިދާ އިއްވެވި އެވެމިކަން ހަނދާންކުރުމުގެ ގޮތުން ހައްޖުވެރިން ވެސް އަޟްޙާ އީދު ދުވަހު ބަކަރި ކަތިލާ ކަތިލުމަށް ކިޔަނީ "ހަދްޔު" އެވެ. އަދި ހައްޖަށް ނުދާ އެ ނޫން މުސްލިމުން އަޟްޙާ އީދުދުވަހު ބަކަރި ކަތިލާ ކަތިލުމަށް ކިޔަނީ "އުޟްހިޔާ" އެވެ.