ކުރީގެ ފިލްމީ ބަތަލާ އާސިންގެ ދެމަފިރިންގެ ކައިވެނި ރޫޅިފައިވާކަމަށް ޚަބަރު ފެތުރިނަމަވެސް އެއީ ދޮގު ޚަބަރެއްކަމަށް އާސިން ބުނެފިއެވެ.

އާސިންއާއި ފިރިމީހާ ރާހުލް ޝަރުމާގެ ކައިވެނި ރޫޅުނު ކަމުގެ ޚަބަރުތައް މީސް މީޑިއާއިން ފަތުރާފައިވާއިރު ދެ މަފިރިންތިބީ ހޫނު މޫސުމުގެ ޗުއްޓީ އެކީގައި ހޭދަކުރުމުގައެވެ. އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް މި ޚަބަރުތައް ދޮގުކުރަމުން އާސިން ބުނެފައިވަނީ ޗުއްޓީގެ ދުވަސްތައް ދެމަފިރިން އެކީގައި ގުނަމުންދާއިރު މި ޚަބަރާއެކު ދުވަހުގެ ފަސް މިނެޓް ބޭކާރުވެގެންގޮސްފި ކަމަށެވެ. އަދި މިއީ ވަރަށް ތާކުން ތާކު ނުޖެހޭ އެއްވެސް ޙަޤީޤަތެއް ނެތް ޚަބަރެއްކަމަށް އާސިން ވަނީ ސިފަކޮށްފައެވެ.

ކައިވެންޏަށް ހަތް އަހަރުވެފައިވާއިރު މިފަދަ ޚަބަރެއް އެންމެ ފުރަތަމަ ފެންމަތިވީ ދެ މީހުންގެ ކައިވެނީގެ ކަންތައްތައް ކުރިޔަށް ދިޔަ ދުވަސްވަރު ކަމަށާއި މި ޚަބަރާއެކު އެ ހަނދާންތައް އާވެއްޖެކަމަށް އާސިން ވަނީ ބުނެފައެވެ. އަދި ނޫސްވެރިން ޚަބަރު ފަތުރާއިރު މިއަށްވުރެ ޒިންމާދާރުވާންޖެހޭކަމަށް ކުރީގެ ބަތަލާ ވަނީ ބުނެފައެވެ.

އާސިންއާއި ފިރިމީހާ ރާހުލް ޝަރުމާގެ ކައިވެނި ރޫޅުނުކަމުގެ ޚަބަރުތައް ފެތުރެން ފެށީ ދާދިފަހުން އާސިންގެ އަމިއްލަ އިންސްޓަގްރާމްއިން ފިރިމީހާގެ ފޮޓޯތަކެއް ނެގުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން އެނގުނުގޮތުގައި މިއީ އާސިންގެ ދެމަފިރިންވެސް އެކި ފަހަރުމަތިން ކުރާ ކަމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ގަޖުނީ"އިން 2008ވަނަ އަހަރު ބޮލީވުޑަށް ނުކުތް ބަތަލާއަކީ ތަމަޅަ އަދި ތެލުގޫ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ބަތަލާއެކެވެ. ފިލްމު "ރެޑީ"، "ހައުސްފުލް2"، "ބޯލް ބައްޗަން"، "ކިލާޅީ 786" އަދި "ލަންޑަން ޑްރީމްސް"އަކީ އާސިން ކުޅުނު ފާހަގަކޮށްލެވޭ ހިންދީ ފިލްމުތަކެވެ. އާސިން ހިންދީ ސިނަމާއަށް ތަޢާރަފްވުމާއެކު ބަތަލާގެ ބޮލީވުޑް ކެރިއަރ ވަރަށް އުޖާލާވާނެކަމަށް ބެލުންތެރިންގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި ގިނަ ފިލްމުތަކުން އާސިން ފެންނާނެކަމަށް ބެލުންތެރިން އުއްމީދުކުރިނަމަވެސް ކައިވެންޏަށް ފަހު އާސިން ވަނީ ފިލްމީ ދާއިރާއިން އަމިއްލައަށް ރިޓަޔަރ ވެފައެވެ.

އިންޑިއާގެ މަލްޓިނެޝަނަލް ކުންފުނި މައިކްރޯމެކްސްގެ ވެރިޔާ ރާހުލް ޝަރުމާއާ އާސިންގެ ކައިވެނި ކުރެވުނީ 2017ވަނަ އަހަރުއެވެ. ރާހުލް ޝަރުމާއާ އާސިން ގުޅުވުމުގެ އެންމެ އިސް ރޯލެއް އަދާކުރީ އެކްޓަރު އަކްޝޭ ކުމާރެވެ. މި ދެމަފިރިންނަށް 2017ވަނަ އަހަރުވަނީ އަރީން ނަމަކަށްކިޔާ އަންހެންކުއްޖަކު ލިބިފައެވެ.