29 Jun 2023, 10:05
އެމޭޒަން ޕްރައިމްގެ ފުރަތަމަ ހިންދީ ބިރުވެރި ވެބް ސީރީސް ޕްރިމިއާ ކުރަން ތައްޔާރުވެއްޖެއެވެ.
މި ފެށޭ ޖުލައި މަހުގެ ހަތް ވަނަ ދުވަހު ޕްރިމިއާކުރުމަށް ތައްޔާރުވެފައިވާ ވެބް ސީރީސްގެ ނަމަކީ، "އަދޫރާ"އެވެ. ޕްރައިމްގެ ފުރަތަމަ ހިންދީ ބިރުވެރި ސީރީސްއަކީ، އަނަންޔާ ބެނާޖީ ލިޔެ ތައްޔާރުކޮށް ގޯރަވް ކޭ ޗާވްލާ އަދި ބެނަޖީ ޑައިރެކްޓްކުރާ ސީރީސްއެކެވެ.
ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ އެމްމޭ އެންޓަޓެއިންމަންޓްއިން އެމޭޒަން ޕްރައިމްއަށް އުފައްދާ މި ވެބް ސީރީސްއަކީ ހަތް އެޕިސޯޑުގެ ސީރީސްއެކެވެ.
ބޮޑު ކާސްޓެއް ހިމެނޭ "އަދޫރާ" ވެބް ސީރީސް އިންޑިއާގެ އިތުރުން 240 ޤައުމެއްގައި ޕްރައިމް މެދުވެރިކޮށް ޕްރިމިއަކުރުމަށް ވަނީ ނިންމާފައެވެ. މި ވެބް ސީރީސްގެ ކާސްޓުންގެތެރޭގައި، ރަސިކާ ދުގަލް، އިޝްވާކް ސިންގް، ރާހުލް ދޭވް، ޒޯއާ މޮރާނީ އަދި ޖައިމިނީ، ރޯހިތު ޗެތުރީ އަދި އަކާންކްޝާ ހިމެނެއެވެ. އެމްމޭ އެންޓަޓެއިންއިން އުފައްދާފައިވާ ކާމިޔާބު ފިލްމުތަކުގެތެރޭގައި، "ސަތުޔަމޭވަ ޖަޔަތޭ"، "ބަޓްލާ ހައުސް" އަދި "އެއަލިފްޓް" ހިމެނެއެވެ.
އެމޭޒަން ޕްރައިމްއިން ބުނެފައިވަނީ މި ވެބް ސީރީސްއަކީ، ހިތްތަކަށް ބިރުވެރިކަން ގެނުވައިދޭނެ އަދި ބެލުންތެރިން ސިހިގެންދާފަދަ ހާދިސާތަކެއް ދައްކުވައިދޭނެ ސީރިސްއެއް ކަމަށެވެ.
މި ވެބް ސީރީސްގެތެރެއިން ބަދަލުހިފުންތަކަކާއެކު އެބަދަލުހިފުންތަކާއެކު ފަހުންކުރާ ހިތާމައިގެ ސިލްސިލާއެއް ފެންނާނެކަމަށް ޕްރައިމްއިން ވަނީ ބުނެފައެވެ. ބޯޑިންގް ސްކޫލެއްގައި ހިނގާ ޙާދިސާތަކެއްގެ މައްޗަށް "އަދޫރާ" ވެބް ސީރީސްގެ ވާހަކަތައް ބިނާކޮށްފައިވާއިރު ވާހަކަ ދެ ބައިކޮށްފައިވަނީ 2007ވަނަ އަހަރާއި 2022ވަނަ އަހަރު ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށެވެ.
މިއީ މި ޖޯންރާގެ ފުރަތަމަ ހިންދީ ވެބް ސީރީސްކަމުން މިއީ ބިރުވެރި ވާހަކަތަކެއް ބެލުންތެރިންނަށް ގެނެސްދިނުމުގެ ފެށުންކަމަށް އެމޭޒަން ޕްރައިމްއިން ވަނީ ބުނެފައެވެ. މީގެ ކުރިން އެމްމޭ އެންޓަޓެއިންއިން އެމޭޒަން ޕްރައިމްއަށް އުފެއްދި "މުމްބާއި ޑައިރީސް"އަކީވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ޑްރާމާ ސީރީސްއެކެވެ.