ގޫގުލްގެ ރިސާޗް ލެބް ޑީޕްމައިންޑްއިން އުފައްދާ ޗެޓްބޮޓްއަކީ، މިހާރު އެންމެ މަޝްހޫރު ޗެޓްބޮޓް ކަމަށްވާ ޗެޓްޖީޕީޓީއަށް ވުރެ މޮޅު އުފެއްދުމަކަށް ވާނެ ކަމަށް ޑީޕްމައިންޑްއިން ބުނެފިއެވެ.

ޑީޕްމައިންޑްއިން ބުނާ ގޮތުގައި އެ ކުންފުނިން ނެރުމަށް ތައްޔާރުވަމުން އަންނަ ޗެޓްބޮޓް "ޖެމިނައި"އަކީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީއާ ހުރިހާ ގޮތަކުން ވެސް ވާދަކުރެވޭ ވަރުގެ ގާބިލްކަން ލިބިފައިވާނެ އުފެއްދުމެކެވެ.

ޖެމިނައިގެ އަމާޒަކީ ބަހުގެ މުއްސަނދިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލްކަން ގުޅުވައިގެން ޗެޓްބޮޓްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނައުން ކަމުގައި ޑީޕްމައިންޑްއިން ބުނެއެވެ.

ޓެކް ރިޕޯޓްތައް ބުނާ ގޮތުގައި މިހާރުގެ ބަހުގެ މޮޑެލްތަކުން ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ހައްލު ކުރުމަށް ޖެމިނައިއިން ބޭނުންކުރާނީ 'ރީއިންފޯސްމަންޓް ލާނިން'އެވެ. ރީއިންފޯސްމަންޓް ލާނިންއަކީ އޭއައި ސިސްޓަމްއަށް ރަނގަޅު ގޮތްތަކާއި ނުބައި ގޮތްތައް ދަސްކޮށްދިނުމަށްޓަކައި، ރަނގަޅު ކަމެއް ކުރުމުން "ހަދިޔާ ދިނުމާއީ" ނުބައި ކަމެއް ކުރުމުން "އަދަބު" ދިނުމެވެ.

ޑީޕްމައިންޑްގެ ސީއީއޯ ޑެމިސް ހަސަބިސް ބުނީ ޖެމިނައިއަށް ކަންތައްތައް ރާވައި، މައްސަލަތައް ހައްލުކޮށް، ޓެކްސްޓް ތަހުލީލުކުރުމުގެ ގާބިލްކަން ލިބިދީފައިވާނެ ކަމަށެވެ.

ޖެމިނައި ވާނީ ބަހުގެ މޮޑެލް ދާއިރާއިން މިހާތަނަށް އުފައްދާ އެންމެ ބޮޑު އެންމެ ވަރުގަދަ ނިޒާމަށް ކަމަށް ޑީޕްމައިންޑްއިން ބުނާއިރު، މިއީ އެކުންފުނީގެ މިފަދަ ފުރަތަމަ އުފެއްދުމެއް ނޫނެވެ. މިދިޔަ އަހަރު ޑީޕްމައިންޑްއިން ވަނީ ރައްކާތެރި އަދި އެކަށީގެންވާ ޖަވާބުތައް ދިނުމަށް ފަރުމާކޮށްފައިވާ ޗެޓްބޮޓެއް ކަމަށްވާ ސްޕަރޯވެސް ތައާރަފުކޮށްފައެވެ.

މިއަހަރު ސްޕަރޯގެ ބީޓާ ރިލީޒް ކުރުމަށް އެކުންފުނިން ރާވާފައިވީ ނަމަވެސް އެކަން އަދި ހަޤީޤަތަކަށް ނުވެއެވެ.

މި މަޝްރޫއުގައި ގޫގުލްގެ މަތީ ފެންވަރުގެ ވެރިން ވެސް ބައިވެރިވެފައިވާ އިރު އޭގެ ތެރޭގައި ކުންފުނީގެ ސީނިއާ އޭއައި ރިސާޗް އެގްޒެކެޓިވް ޖެފް ޑީން ހިމެނެއެވެ.

ޑީޕްމައިންޑްގެ ޖެމިނައި ތައާރަފު ކުރަން ތައްޔާރުވަމުންދާއިރު، މިދާއިރާގެ އެހެން ކުންފުނިތަކުގެ އުފެއްދުންތައްވެސް އަންނަނީ ތަރައްގީކޮށް މާކެޓްގައި ވާދަވެރި މާހައުލެއް އުފެއްދުމަށް އަމާޒު ހިފަމުންނެވެ. އެގޮތުން އޯޕަން އޭއައިގެ ޗެޓްޖީޕީޓީއާ އެންމެ ގާތުން ވާދަކުރަނީ މައިކްރޯސޮފްޓްގެ ބިންގް އޭއައި ޗެޓްބޮޓްއެވެ.