28 Jun 2023, 18:34
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯތި ދޫކުރުމަށް ޓަކައި ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ ދެ މަޝްރޫއުގެ އަމަލީ މަސައްކަތާ ގުޅޭ މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ދެ މަޝްރޫއުގެ ވެސް އަމަލީ މަސައްކަތް ކުރަމުން އަންނަނީ ބޮސްކާލިސްއިން ކަމަށެވެ.
މިހާރު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަމަށާއި އަމާޒަކީ ވީ އެންމެ އަވަހަކަށް ބިން ހިއްކައި ނިންމުން ކަމަށް އަކްރަމް ވިދާޅުވިއެވެ.
ގުޅީފަޅު ހިއްކުުމުގެ މަސައްކަތަށް ބަލާއިރު މިހާރު ގުޅީފަޅުގެ ދެކުނު ފަރާތުގައި ބަންޑު ޖަހައި ވަނީ ނިންމައިފައެވެ. އެއާއެކު މި ފެށޭ ޖުލައި މަހުގެ ތެރޭ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ބަލާއިރު، އެ ފަޅުގައި ވެސް ބަންޑު ޖަހައި ޑްރެޖަރުވަނީ މޮބިލައިޒްކޮށްފައެވެ. އަންނަ މަހު މަސައްކަތް ފެށޭނެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މިހާރު ފެންނަ ބައެއް ފޯޓޯތަކުން ފެންނަ ގޮތުގައި ކޮންމެވެސް މިންވަރަކަށް ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތްވަނީ ފެށިފައެވެ.
ގިރާވަރު ފަޅު ހިއްކައިގެން ރެސިޑެންޝަލް ސިޓީއެއް އެ ތަނުގައި ތަރައްގީކުރާއިރު އެ ފަޅުން 2،000 ގޯތި ދޫކުރާނެއެވެ.
ސަރުކާރުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު މި ލިސްޓުގައި ގޯތި ލިބޭކަމަށް ކަނޑައަޅައިފައި ތިބި މީހުންނަށް ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިން އަލަށް ހިއްކާ ސަރަހައްދުންނާއި ގުޅީފަަޅާއި ގިރާވަރު ފަޅުންނެވެ.
މި މަސައްކަތާ ގުޅިިގެން ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނު ވިދާޅުވީ ގިރާވަރު ފަޅާއި ގުޅީފަޅު ހިއްކުމުން ހުޅުމާލެ ފަދައިން ކުރިއަށް އޮތް މުސްތަގުބަލުގައި އެ ދެ ތަން ތަރައްގީވެ ބޮޑު ސިޓީތަކަކަށް ވާނެކަމަށެވެ.