އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރާ ޖީއެމްއާރުން ސަރުކާރަށް ދައްކާ ފައިސާ އިން އޭޑީސީގެ 25 ޑޮލަރާއި އިންޝުއަރެންސް ސާޗާޖް ކަނޑަން ކުރީގެ ސަރުކާރުން އެއްބަސްވެފައިވާ ނިންމުން ބާތިލުކޮށް، ޖީއެމްއާރަށް ތަކުރާރުކޮށް ސިޓީ ފޮނުވާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އެމްޑީ މުހަންމަދު އިބްރާހިމް ސަން އޮންލައިން އަށް މިއަދު ވިދާޅުވީ ކުރީގެ ސަރުކާރުގެ ނިންމުން ބާތިލުކޮށް އޭޑީސީ އާއި އިންޝުއަރެންސް ސާޗާޖްގެ ފައިސާ ވެސް ހިމަނައިގެން ސަރުކާރަށް ފައިސާ ދައްކަން ތަކުރާރުކޮށް ޖީއެމްއާރަށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް ޖީއެމްއާރުން އެ ސިޓީއަށް އިޖާބަ ދީފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން ދެކެނީ އެ ފައިސާ ލިބެން ޖެހޭނެ ކަމަށް. އެހެންވެ އަޅުގަނޑުމެން އިއްޔެވެސް ވަރަށް ސާފުކޮށް އެ މައުލޫމާތުތައް އާންމުވެސް ކުރީ، އެބޭފުޅުން ނަށް އަޅުގަނޑުމެން އެއް ސިޓީ އަށް ވުރެ ގިނަ ސިޓީ ވަނީ ފޮނުވިފައި. އެކަމަކު އެބޭފުޅުން ފައިސާ އެ ދެއްކެވީ ހަމަ ކުރިން ވެސް އޮތް ގޮތަށް އުނިކޮށްފައި،" މުހަންމަދު އިބްރާހިމް ވިދާޅުވި އެވެ.

މި ދިޔަ ތިން މަސް ދުވަހަށް ޖީއެމްއާރުން އެއާޕޯޓަށް ދައްކަން ޖެހެނީ 8.7 މިލިއަން ޑޮލަރެވެ. ނަމަވެސް އެ ފައިސާ އިއްޔެ ދެއްކި އިރު އޭޑީސީގެ 25 ޑޮލަރާއި އިންޝުއަރެންސްގެ ދެ ޑޮލަރު ނުނެގޭ ކަމަށް ބުނެ އެ ފައިސާ އުނިކުރުމަށް ފަހު ދެއްކީ އެންމެ 525355 ޑޮލަރެވެ. އޭޑީސީގެ 25 ޑޮލަރާއި އިންޝުއަރެންސް ފައިސާ ޖީއެމްއާރަށް ނުނެގެނީ މިދިޔަ އަހަރުގެ ފަހު ކޮޅު އެ ފައިސާ ނުނެގޭނެ ކަމަށް ބުނެ ސިވިލް ކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ.

އޭނާ މިއަދު ވިދާޅުވީ ކޮންސެޝަންފީން އެ ފައިސާ އުނިކުރާ މައްސަލައިގައި ޖީއެމްއާރުން މަޝްވަރާ ކުރުމަށް ވެސް އެދިފައިނުވާ ކަމަށާއި އެމްއޭސީއެލް އަށް އެކަނި އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި ސަރުކާރާއި ވާހަކަ ދައްކައިގެން ކަންތައްތައް ކުރެވޭނެ ގޮތަކާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ވެސް ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް. އަޅުގަނޑުމެން ޖެހޭނީ މި ކަމުގެ [ސަރުކާރާ] މަޝްވަރާކުރަން، އެ ގޮތުން އެ ޕްރޮސެސް މި ދަނީ،" މުހަންމަދު އިބްރާހިމް ވިދާޅުވި އެވެ.

އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް އެއާޕޯޓް ކުއްޔަށްދިނީ 2010 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ޖީއެމްއާރަށް އެންމެ ރަނގަޅު ފައިދާއެއް ލިބޭ އެއާޕޯޓަކީ މާލޭ އެއާޕޯޓެވެ. އެގޮތުން އެއާޕޯޓުން ޖީއެމްއާރަށް މިދިޔަ ތިން މަހުވެސް ވަނީ އާމްދަނީގެ ގޮތުގައި 49.1 މިލިއަން ޑޮލަރުގެ ލިބި ފައިދާއަށް 4.6 މިލިއަން ޑޮލަރު ލިބިފަ އެވެ.