ބ. ދަރަވަންދޫން ޝާނިހާ ޝަރީފް

ބިދަބިންގެ ބޮޑުބެރާއި ސަގާފީ ކުޅިވަރުތަކާއެކު ބ. ދަރަވަންދޫގައި ޢީދުގެ ފޯރި އަންނަނީ ގަދަވަމުންނެވެ.

ޢީދުގެ ކުޅިވަރުތައް ހައްޖު ދުވަހުގެ ރޭ ވަނީ ދަރަވަންދޫގައި ފަށާފައެވެ. އެގޮތުން ހަވާ އެރުވުމާއި ޢީދު ހުޅުޖެހުން ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޢީދުގެ ހަރަކާތްތައް ދަރަވަންދޫގައި ފެށީ ޢީދު ނަމާދަށް ފަހު ރަށުގެ ހުރިހާ ރައްޔިތުން ބައިވެރިވި ޢީދު ސަޔަށް ފަހުއެވެ. އެއަށްފަހު ދަރަވަންދޫގެ މަގުތައް ހަލަބޮލިވީ ހުދު ކުލައިގެ ޓީޝާޓާއި ހެދުން ލައިގެން ފެންކުޅި ކުޅެން ނިކުތް އެކި އުމުރުފުރާގެ ކުޑަކުދިންނާއި ބޮޑެތި މީހުންނާއެކީގައެވެ. މަގުމަތިން ދިޔަ އެއްވެސް މީހަކު ސަލާމަތުން ނުދެވި ވަނީ ކުލަ ޖަހާފައެވެ.

ބ. ދަރަވަންދޫގެ 1444 ވަނަ އަހަރުގެ އަޟްހާ ޢީދު ނަމާދުގެ ތެރެއިން --- ސަން ފޮޓޯ

ރާއްޖޭގައި ޢީދު ޢީދަކަށް ވާ އެންމެ މުހިންމު ކުޅިވަރަކީ ފެންކުޅިއެވެ. ކުލަ ޖަހާނުލައި ޢީދުގެ ފޯރި އެއްވެސް ރަށެއްގައި ނުފެށެއެވެ.

ކޮންމެ ރަށެއްގައިވެސް ފެންކުޅި ކުޅުމުގެ ސަގާފަތްތަކެއް އޮވެއެވެ. އެގޮތުން ދަރަވަންދޫގައި ވެސް އޮންނަނީ ވަރަށް ތަފާތު ސަގާފަތެކެވެ. އަންހެންވެރިން ކުލަ ޖަހާނީ ފިރިހެނުން ގަޔަށެވެ. އަދި ފިރިހެންވެރިން ކުލަ ޖަހާނީ އަންހެންވެރިން ގަޔަށެވެ. މެންދުރާ ގާތްވިއިރު ދަރަވަންދޫގެ މަގުތައް މަތި ވަނީ އެކި ކުލަތަކުން ފެވިފައެވެ. މީހުންގެ މޫނުމަތިން ފެނުނީ އުފާވެރި މަންޒަރެވެ. ކުޑަކުދިން ވެސް ފޯރި ހިފާލައި މަގުތައްމަތީ ދުވެދުވެ އުޅުނީ އެކި މީހުންގެ ގަޔަށް ކުލަޖެހުމަށެވެ.

ދަރަވަންދޫގައި ފެންކުޅީގެ ފޯރިއަށްފަހު ވަނީ ފިރިހެނުންގެ މާލި ކުރިއަށް ގެންގޮސްފައެވެ. މާލި ނެރެ ރަށުގައި ކަނޑައަޅާފައިވާ އެކި ސްޕޮޓްތަކަށް މަޑުކުރުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ހަދިޔާ އަރުވާފައެވެ. ރަށުގެ މަގުތަކުން މާލި ގޮސްފައި ވަނީ ބޮޑުބެރާ އެކުއެވެ. އަދި މި ހަރަކާތުގައި ރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ވަނީ ބައިވެރިވެފައެވެ.

ބޮޑު ޢީދަށް ބިދަބިން ބޮޑުބެރު ގްރޫޕް ބ. ދަރަވަންދޫގައި -- ފޮޓޯ/ ބިދަބިން ބޮޑުބެރު

ޢީދު ދުވަހުގެ އެންމެ ފޯރިގަދަ ހަރަކާތްތައް ހުށަހަޅައިދިނުމަށް ބިދަބިން ބޮޑުބެރު ގްރޫޕުން މިއަދު ވަނީ ދަރަވަންދޫއަށް ޒިޔާރާތްކޮށްފައެވެ.

ބިދަބިން ގްރޫޕުން ވަނީ ސަގާފީ އެކި ކުޅިވަރުތައް ހަވީރުގެ ވަގުތު ގެނެސްދީފައެވެ. އޭގެ ތެރޭގައި ބޮޑުބެރާއި، ދަނޑި ޖެހުން ފަދަ އައިޓަމްތައް ހިމެނެއެވެ. އޭގެ އިތުރުން ބިދަބިންގެ މަޝްހޫރު އަންހެން ނެށުންތެރިން ވެސް ވަނީ ހުށަހެޅުންތައް ހުށަހަޅައިދީފައެވެ.

މީގެ އިތުރުން މިރޭ ދަރަވަންދޫގައި ބިދަބިންގެ ފޯރިގަދަ ޝޯއެއް އޮންނާނެއެވެ.

ދަރަވަންދޫގައި ޢީދު ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތައް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.