ދާދި ފަހުން ސަރުކާރުން އާއްމު ކުރި މާލޭ ރަށްވެހިންނަށް ގޯތި ލިބޭ ލިސްޓްގައި، މިފަހުން ދިވެހި ރައްޔިތަކަށްވި އިންޑިއާގެ ކުރީގެ ރައްޔިތެއްގެ ނަން އޮތީ އޮޅުމަކުން ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ސަރުކާރަށް އިއްޔެ ފާޑުކިޔުން އަމާޒުވީ 2019 ވަނަ އަހަރު ދިވެހި ރައްޔިތުކަން ލިބުނު، ހަބީބު ރަހިމާން މުހައްމަދު ހަނީފާ، ކިޔާ މީހަކަށް 62 ޕޮއިންޓް ލިބިފައިވާތީ އިތުރު މީހަކާ ބައިވެރިވެއްޖެ ނަމަ އޭނާއަށް މާލެއިން ގޯތި ލިބޭނެ ކަމަށް ލިސްޓްގައި އޮތުމުންނެވެ. ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ހަބީބުގެ ރަޖިސްޓްރީ މިހާރު އޮންނަނީ މއ. މަލިކުވިއު، ގައެވެ. އޭނާއަށް ރައްޔިތުންކަން ލިބުމާއެކު ދިވެހި ޕާސްޕޯޓާއި އައިޑީކާޑް ވެސް ވަނީ ލިބިފައެވެ.

ދާދިފަހުން ދިވެއްސަކަށްވި މީހަކަށް މާލެއިން ހިލޭ ބިން ލިބޭ ލިސްޓްގައި އޮތުމުން ސޯޝަލް މީޑިއާގައި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "ސަން" އަށް ވިދާޅުވީ އެ މީހާގެ ނަން ލިސްޓްގައި ހިމެނިފައި ވަނީ އޮޅުމަކުން ކަމަށާއި ދާއިމީ ލިސްޓް އާއްމު ކުރާއިރު އެކަން އިސްލާހު ކުރާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ ދާއިމީ ލިސްޓް އާއްމު ކުރާއިރު މިހާރު އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓަށް އިސްލާހުތައް ގެންނާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް 15،164 ފޯމު ހުށަހެޅިއެވެ. އެއީ، 23،801 މީހުންނެވެ. އޭގެ ތެރެއިން، 12،794 ފޯމު ނުވަތަ 19،857 މީހުންގެ ޝަރުތު ހަމަވެއެވެ. ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ.

ސަރުކާރުން، މާލޭ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަ ފޫޓެވެ. އަދި، އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާ ފޯމުތަކަށް، އިތުރުވާ ކޮންމެ މީހަކަށް 400 އަކަ ފޫޓު ބިމަށް އިތުރު ވާނެއެވެ. އެއް އެޕްލިކޭޝަންގައި ހަތް މީހުންނަށް ވުރެ ގިނަ މީހުން ހިމެނޭ ނަމަ ލިބޭނީ ޖުމުލަ 4،000 އަކަ ފޫޓުގެ ގޯއްޗެވެ.