28 Jun 2023, 17:15
ޗެލްސީގެ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓިއޯ ކޮވަސިޗް، އިނގިރޭސި އަދި ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.
ހަތަރު ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އުމުރުން 29 އަހަރުގެ ކޮވިސިޗް ސިޓީއަށް ސޮއިކޮށްފައިވާކަން އެ ކްލަބުން ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ. އޭނާ އެ ކްލަބަށް ސޮއިކޮށްފައިވަނީ 2027 ގެ ނިޔަލަށް 25 މިލިއަން ޕައުންޑް (31.8 މިލިއަން ޑޮލަރު)ގެ އަގަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސިޓީއާ ގުޅުމަށްފަހު ކޮވަސިޗް ބުނީ އެއީ އޭނާއަށް ވަރަށް މުހިންމު ޓްރާންސްފާއެއް ކަމަށާއި އެ ކްލަބާއެކު މަސައްކަތްކުރުމަށް ކެތްމަދުވެފައިވާ ކަމަށެވެ. އަދި ކޯޗު ޕެޕް ގާޑިއޯލާއާއެކު ސިޓީގެ ފެންވަރު އެންމެންނަށް ވެސް ފެނިފައިވާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެންނަށް ސިޓީއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު. މި ކްލަބުން ހޯދި ޓްރޮފީތަކުން ވެސް އެކަން ސާބިތުވާނެ. އެންމެ ރަނގަޅު ފުޓުބޯޅަައެއް ކުޅޭ ޓީމަކީ ވެސް ސިޓީ،" އޭނާ ބުންޏެވެ.
ސިޓީގެ މިޑްފީލްޑް ވަރުގަދަކުރުމަށް ކޮވަސިޗްގެ އިތުރުން ވެސްޓް ހާމްގެ ކެޕްޓަން ޑެކަލަން ރައިސް ހޯދުމަށް ވެސް ސިޓީން ދަނީ މަސައްކަތްކުރަމުންނެވެ. އޭނާ ހޯދުމަށް ސިޓީގެ ވާދަވެރި އާސެނަލުން ވެސް ދަނީ ކެނޑިނޭޅި މަސައްކަތްތައް ކުރަމުންނެވެ. ވެސްޓް ހާމުން ރައިސް ވިއްކާލުމަށް ނިންމާފައިވީ ނަމަވެސް، މިހާތަނަށް އެ ކްލަބުން އެއްވެސް ހުށަހެޅުމެއް ގަބޫލުކޮށްފައެއް ނުވެއެވެ.