ލައިސެންސް ނެތް ޒުވާނަކު ދުއްވި ސައިކަލަކުން ޖެހި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވީ އެމްއެންޔޫގެ ލެކްޗަރާއަކަށްކަން އެނގިއްޖެއެވެ.

އެކްސިޑެންޓުގައި އަނިޔާވީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)ގެ ލެކްޗަރާ އަލީ ހަފީޒް، 50 އެވެ.

މި އެކްސިޑެންޓު ހިނގައިފައިވަނީ ރޭ ފަތިހުއެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތަށް އަރައި ފަތިސް ނަމާދުކޮށް ފައިބައިގެން ދަނިކޮށްނެވެ.

“މަޖީދީ މަގު ކަފިހި ހުރަހުން ހުރަސްކުރަނިކޮށް ބާރަށް ދުއްވައިފައި އައި ސައިކަލެއްގައި ޖެހިފައި ވިއްސައިގެން ދަނީ،” ކަންވީ ގޮތް އެނގޭ މީހަކު ކިޔައިދިނެވެ.

ލެކްޗަރާ އަލީ ހަފީޒް

އެކްސިޑެންޓުގައި ހަފީޒްގެ ބޮލަށާއި މޫނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އޭޑީކޭގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސްކަމަށް ވެސް މައުލޫމާތު ލިބެއެވެ.

"އަދިވެސް ލޭ މަނައެއް ނުވޭ. ލޭގެ ޕްރެޝަރު ވެސް ރަނގަޅެއް ނޫން،" ހަފީޒްގެ އެކުވެރިއަކު ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ރޭ 5 ޖަހާކަންހާއިރު މަޖީދީމަގު ރެޑްވޭވް ކައިރިން ކަމަށެވެ. ލައިސެންސް ނެތް 22 އަހަރުގެ ޒުވާނަކު ދުއްވި ސައިކަލް ޖެހުނީ ހިނގާފައި ދިޔަ 50 އަހަރުގެ ދިވެއްސެއްގެ ގައިގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.