ސިވިލް ސާވިސްގެ މުވައްޒަފުން ގައުމާއި ރައްޔިތުންނަށް ދޭ ޚިދުމަތުގެ އަގު ވަޒަންކޮށް މުސާރައާ އިނާޔަތުގެ ހަމަހަމަކަން ގެނެވޭނެ މަގެއް ފަހިކޮށް ދިނުމަށް ދައުލަތުގެ ކަމާބެހޭ މުއުއައްސަސާތަކަށް ސިވިލްސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ގޮވާލައްވައިފި އެވެ.

ފަހުމީ މިކަމަށް ގޮވާލެއްވީ މިއަދަކީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާއި ރާއްޖޭގެ ސިވިލްސާވިސްގެ ދުވަސް ކަމަށްވާތީ ދެ މުނާސަބަތާ ގުޅުވައިގެން ދެއްވެވި ޚިތާބެއްގަ އެވެ.

ފަހުމީ ވިދާޅުވީ ސިވިލްސާވިސް މުވައްޒަފުންނަށް މުސާރައާ އިނާޔަތުގެ ހަމަހަމަކަން ގެނެވޭނެ މަގެއް ފަހިކޮށްދިނުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ހުންނަންޖެހޭ އަސާސީ އާލާތްތައް ފޯރުކޮށްދީ ވަޒީފާގެ މާހައުލަކީ ހިތްހަމަޖެހޭ ފަދަ މާހައުލަކަށް ހައްދަވައި ދެއްވުމަށް ވެސް ގޮވާލައްވާ ކަމަށެވެ.

"މިއަދު ރާއްޖޭގެ ސިވިލްސާވިސް ދުވަސް އަދި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ސިވިލްސާވިސްގެ މުވައްޒަފުން ގައުމާއި ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގު ވަޒަންކޮށް މުސާރައާއި އިނާޔަތުގެ ހަމަހަމަކަން ގެނެވޭނެ މަގެއް ފަހިކޖޮށްދެއްވުމަށް ކަމާބެހޭ އެންމެފައި ފަރާތްތަކަށް ގޮވާލަން. އަދި ވަޒީފާގެ މާހައުލުގައި ހުންނަންޖެހޭ އަސާސީ އާލާތްތައް ފޯރުކޮށްދީ އަދި އެ މާހައުލަކީ ހިތްހަމަޖެހޭފަދަ މާހައުލަކަށް ހައްދަވައިދެއްވުމަށް ވެސް ގޮވާލަން،" ފަހުމީގެ ޚިތޯބުގައި ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ހުރިހާ މަސައްކަތްތެރީންނާއި ސިވިލްސާވިސްގެ ހުރިހާ މުވައްޒަފުންނަށް މަރުހަބާއާ މުބާރަކް ބާދީ ރައްދުކުރައްވަމުން ގައުމުގައި ހަރުދަނާ ޕްރޮފެޝަނަލް ސިވިލްސާވިސް އެއް އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ފަހުމީގެ ޚިތާބުގައި އަލިއަޅުވާލެއްވި އެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެސީގެ ތެރެއިން ގައުމު ދަތުރުކުރާއިރު އަންނަ އެކިއެކި ލޮޅުންތަކާއި ބަދަލުވުންތަކުން އަންނަ ހުސްކަމުން ގައުމަށް އަންނަ އުނިކަން ފޫބައްދާދެނީ ދާއިމަށް ދެމިއޮންނަ ސިވިލްސާވިސް އެއް އޮތުމުން ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ތަރައްގީގެ ނާރުތަކަށް ހަކަތަ ފޯރުކޮށްދޭ ނިޒާމަކީ ސިވިލްސާވިސް ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ސިވިލްސާވިސް މުވައްޒަފުން ޕްރޮފެޝަނަލައިޒް ކުރުމަށްޓަކައި ކޮމިޝަނުން ކުރިއަށްގެންދާ މަސައްކަތަކަށް އަލިއަޅުވާލައްވަމުން ފަހުމީ ވިދާޅުވީ މުވައްޒަފުން އިންސާވިސްއަށްޓަކައި ޓްރޭނިން އިންސްޓިޓިއުޓެއް ގާއިމްކޮށް އެތަނުން އެކި ގިންތީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދެނެގަނެ މޮޑިއުލްސް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. އަދި މާލެއާ އަތޮޅުތަކުން 7561 މުވައްޒަފުންނަށް ތަމްރީނު ޕޮރުގުރާމްތަކެއް ހިންގާފައިވާކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.