06 Aug 2010, 10:02
14:30
މާލޭގެ ހަތަރު ސަރަޙައްދެއް ރީޑިޒައިން ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އާދަވަގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި މާލޭގައި ރީޑިޒައިން ކުރުމަށް ހަމަޖައްސާފައިވާ މި ހަތަރު ސަރަޙައްދުގެ ތަފްޞީލު ދެއްވަމުން، އެއް ސަރަޙައްދަކީ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދު ކަމަށާއި، އެ ސަރަޙައްދު އަމާޒުކުރެވެނީ، ގިނަ ބުރިތަކަށް ޢިމާރާތް ކުރެވިފައި ހުންނަ ޞިނާޢީ ބޭނުންތަކަށް ބޭނުންކުރާ، ޒަމާނާ އެކަށީގެންވާ ރަނގަޅު ޢިމާރާތެއް ހެދުމަށް ކަމުގައި ވިދާޅުވި އެވެ. ހަމަ އެއާއެކު، ކާރު ޕާކްކުރުމާއި، ލޮރީ ޕާކް ކުރުމާއި، ގުދަން ކުރުމާއި، ވަޑާންގެ އާއި، ގަރާޖާއި، ވާކްޝޮޕާ، މިބާވަތުގެ މަސައްކަތްތައް ހިންގާ އެކި ތަންތަން އެސަރަޙައްދަށް ބަދަލުކުރެއްވުން ވެސް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެ ސަރަޙައްދުން ބިން ވިއްކެވުމަށް ނިންމަވާފައިވާ ނިންމެވުމަށް އިޝާރާތް ކުރައްވަމުން، ބިން ވިއްކެވުމަށް ނިންމެވި މައިގަނޑު ތިން ސަބަބެއް، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. މާލޭގައި މިހާރު ބިމުގެ އަގު ވަރަށް ބޮޑުވެފައި ވުމާއެކު، މާލޭގެ ބިމުގެ އަގު ހެޔޮކުރެއްވުމަށްޓަކައި ސަރުކާރުން ބިން ބާޒާރަށް ނެރުއްވުމަކީ ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މާލޭގެ އަނެއް ސަރަޙައްދުގެ ގޮތުގައި ސަރުކާރުން ފާހަގަކޮށްފައި ވަނީ، މާލޭ މާރުކޭޓް ކަމަށާއި، އެ ސަރަޙައްދުގައި ގިނަ ބުރިތަކަކަށް މައްޗަށް ހެދޭ މާރުކޭޓެއް ހެއްދެވުމަށް ވަނީ ނިންމަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހަމަ އެއާއެކު، އެ ސަރަޙައްދަށް ބޭނުންވާނެ އެކިއެކި ޚިދްމަތްތައް ލިބޭނެ ގޮތަށް، އެ ސަރަޙައްދު ޕްލޭންކޮށް، އެ ސަރަޙައްދު ބިނާކުރުން ވެސް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ތިން ވަނަ ސަރަޙައްދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ދަރުބާރުގެއިން ފެށިގެން ލޮނުޒިޔާރަތްކޮޅު މާލޭތިލައާ ހަމައަށް އޮތް ސަރަޙައްދެވެ. އެގޮތުން އެ ސަރަހައްދުގައި މުނިފޫހިފިލުވުމާއި، ކުޅިވަރާއި، ކަސްރަތާ، މިބާވަތުގެ ކަންކަމަށް ކަނޑައަޅައި، އެފަދަ ޚިދްމަތްތައް ލިބޭނެ ގޮތަކަށް ރީޑިޒައިން ކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސަރުކާރުން ރީޑިޒައިން ކުރެއްވުމަށް ނިންމަވާފައިވާ މާލޭގެ ހަތަރު ވަނަ ސަރަޙައްދަކީ، ސަރުކާރުގެ އޮފީސްތަކާއި، ރައްޔިތުންގެ މަޖިލީސްކުރާ ގެޔާއި އަދި މާލޭގެ ސަރުކާރުގެ އޮފީސް ސަރަޙައްދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ހުރަވީ ބިލްޑިން ހުސްކޮށް، އެތަނުގައި ކާރު ޕާކްކުރާނެ ތަންތަނާއި، އެނޫން ވެސް އެހެން ޖާގަ އޮންނާނެހެން ތަންތަން ހެދުމާއި، ކުރީގައި އެޓޮލްސް މިނިސްޓްރީ ހިންގަމުން ގެންދިޔަ ފާށަނާ ބިލްޑިން ތަޅާލައި، އެތަނުގައިވެސް އެހެނިހެން ޚިދްމަތްތަކަށް ޖާގަ ހުޅުވާލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މުޅި މާލޭގެ ތަރައްޤީގެ ޕްލޭން ހިންގުނީމާ، މާލެއަށް ކިތަންމެ ތަނެއް ލުއިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަހަރުގެ ތެރޭގައި އަތޮޅުތަކުގައި ވެސް ވަރަށް ގިނަ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ފަންސާހަށްވުރެ ގިނަ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް، މިއަހަރު ފެށޭނެ ކަމަށާއި، 10 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް، ރާއްޖޭގެ އަތޮޅުތަކުގެ އެކިތަންތަނުގައި ފަށައިގަނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ފަނަރަވަރަކަށް ރަށުގެ ބަނދަރު ހަދަން އަލަށް ފެށޭނެ ކަމާއި، 7 ރަށެއްގެ ބިން ބޮޑުކުރެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިޔޯ ޚިޠާބުގައި، މި ފެށޭ ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި އެވެ. އަދި ރޯދަމަހުގައި ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށް ސަރުކާރުން ވަރަށްބޮޑު މަސައްކަތެއް ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.