28 Jun 2023, 10:07
އެކްޓަރު އަބިޝެކް ބައްޗަންއަށް ތަޖްރިބާކާރު ޑައިރެކްޓަރު ޝޫޖިތު ސަރްކާރުގެ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.
ފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން ގިނަ ފިލްމުތަކެއް ޑައިރެކްޓަކޮށްފައިވާ ޝޫޖިތުއަކީ، ދެ ފަހަރުމަތިން އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑްސް ހާސިލުކޮށްފައިވާ ފަރާތެކެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 23 އަހަރު ފުރުން ފާހަގަކުރަމުން އަންނަ އަބިޝެކްގެ ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ފެންނާނެކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އެގޮތުން ޑައިރެކްޓަރު ޝޫޖީ ސަރުކާރުގެ ކުރިޔަށް އޮތް ފިލްމުން ފުރުސަތު ލިބިފައިވާކަމަށާއި މިއަހަރުގެ އޮގަސްޓް މަހު ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ޑައިރެކްޓަރު ޝޫޖިތުގެ ފިލްމަކުން އަބިޝެކްއަށް ފުރުސަތު ލިބިފައިވާއިރު ކާމިޔާބު ޑައިރެކްޓަރު ވަނީ އެކްޓަރު އަމީތާބް ބައްޗަންއާއެކު ވެސް މީގެ ކުރިން މަސައްކަތް ކޮށްފައެވެ.
އަބިޝެކްގެ ބައްޕައާއެކު ޝޫޖިތު އުފެއްދި ފިލްމު "ޕީކޫ"އަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އަދި ބޮކްސް އޮފީހުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. މިފިލްމުގެ އިތުރުން "ޕިންކް" އަދި "ގުލާބޯ ސިތާބޯ"އަކީވެސް އަމީތާބް މުހިއްމު ރޯލްއިން ފެނުނު ޝޫޖިތުގެ ފިލްމުތަކެކެވެ. ހިންދީ ފިލްމުތަކުގެ އިތުރުން ޝޫޖިތުއަކީ ބެންގާލީ ފިލްމުތައް ވެސް އުފައްދާ ފަރާތެކެވެ. އެގޮތުން މިހާރު ވެސް ޝޫޖިތު އަންނަނީ ބެންގާލީ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.
ޝޫޖިތުގެ ފިލްމަކުން އަބިޝެކްއަށް ފުރުސަތު ލިބުމާއެކު މި ފިލްމަށް އިންތިޒާރު ކުރެވޭކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ. މި ފިލްމާ ބެހޭ ތަފްސީލު އެއްވެސް ފަރާތަކުން އަދި މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
އަބިޝެކް ފިލްމުގެ އެކްޓިންގްއަށް ގިނަ ބައެއްގެ ތަޢުރީފު ލިބުނު ފިލްމުތަކުގެތެރޭގައި މިދިޔައަހަރު ރިލީޒްވި ފިލްމު "ދާސްވީ"، "ދަ ބިގް ބުލް" އަދި "ލުޑޯ" ހިމެނެއެވެ. މީގެ އިތުރުން 2020ވަނަ އަހަރުން ފެށިގެން އެމޭޒަން ޕްރައިމްއިން ގެނެސްދެމުން އަންނަ ވެބް ސީރީސް "ބްރީތު"ގައި އެކްޓަރު ދައްކާފައިވާ އެކްޓިންގްއަށް ވެސް ގިނަ ބަޔަކު ވަނީ ތަޢުރީފުކޮށްފައެވެ.