28 Jun 2023, 10:11
ރިތިކް ރޯޝަންއާއި ދިޕިކާ ޕަދުކޯން ލީޑް ރޯލް ކުޅޭ ފިލްމު "ފައިޓާ"ގައި ރިތިކް ފެންނާނެގޮތުގެ ފޮޓޯއެއް އާއްމުކޮށްފިއެވެ.
މި ފިލްމަކީ، ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމު ކުންފުނި މާފްލިކްސް ޕިކްޗާސްއާއި ވިއަކޮމް18 ސްޓޫޑިއޯސްއާ ގުޅިގެން ގެނެސްދޭ އެކްޝަން ފިލްމެކެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކީ ވެސް ކުޅަދާނަ ޑައިރެކްޓަރު ސިދާތު އާނަންދުއެވެ.
މި ފިލްމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު ރިތިކް ރޯޝަން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ދައްކާލި ފޮޓޯއާއެކު ފިލްމު ތިއޭޓަރުތަކަށް އަންނާނީ ކުރިޔަށް އޮތް އަހަރުގެ ޖަނަވަރީ މަހުގެ 25ގައިކަމަށް ވަނީ ބުނެފައެވެ. އަދި މިއަދު ދައްކާލި ފޮޓޯއާއެކު ފިލްމުގެ ހާއްސަ ކައުންޓްޑައުންއެއް ފެށުނީ ކަމަށް ރިތިކް ރޯޝަން ވަނީ ބުނެފައެވެ.
މި ފިލްމަކީ، ދިޕިކާ ޕަދުކޯންއާއެކު ރިތިކް ފެންނާނެ ފުރަތަމަ ފިލްމެވެ. މީގެއިތުރުން ފިލްމުގެ ވަރަށް ހާއްސަ ރޯލްތަކުން އަނިލް ކަޕޫރު، ކަރަން ސިންގް ގްރޯވަ، އަކްޝޭ އޮބްރޯއި އަދި ބަތަލާ ސަންޖީދާ ޝެއިޚް ވެސް ފެންނާނެއެވެ. ފިލްމުގައި ކުޅޭ ރޯލްތަކަށް ފިޓުވުމުގެ ގޮތުން ރިތިކްއާއި ދިޕިކާ ވަނީ ހަށިގަނޑަށް ބަދަލުތަކެއް ގެނެސް އެ ކަމަށް ހާއްސަ ތަމްރީނުތަކެއް ކޮށްފައެވެ. އެގޮތުން ދެ ތަރިން ވަނީ ހާއްސަ މާޝަލް އާޓްސް ތަމްރީނުތަކެއްގައި ވެސް ބައިވެރިވެފައެވެ.
މީގެ ދެ އަހަރުކުރިން އެނައުންސްކުރެވުނު "ފައިޓާ" އެންމެ ފުރަތަމަ ރިލީޒްކުރުމަށް ތާވަލުކުރެވުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހަށެވެ. އެހެންނަމަވެސް ކޮވިޑް-19އިގެ ބަލިމަޑުކަމާއެކު ފިލްމުގެ މަސައްކަތްތައް ފަސްވުމުން ރިލީޒްކުރާ ދުވަސް އެކި ފަހަރުމަތިން ވަނީ ބަދަލުކޮށްފައެވެ.
އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާއިރު މި ފިލްމުގައި އިންޑިއަން އެއާފޯސްގައި މަސައްކަތްކުރާ ކެޑޭޓުން ވެސް ވަނީ މަސައްކަތް ކޮށްފައެވެ. ރިތިކް އެންމެފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްވި ރިތިކްގެ ފިލްމު "ވިކްރަމް ވެދާ"އިންނެވެ.