27 Jun 2023, 23:01
ރާއްޖޭގައި ހުރެ ވަގު ސެޓްފިކެޓް ހަދައި، ވިއްކަމުން ދިޔަ މައްސަލައިގައި ތުހުމަތުވާ ޓީޗަރު އިންޑިއާއަށް ދިޔަ ތަނުން ހައްޔަރުކޮށްފިއެވެ.
އަބިން ސީ ރާޖު ނަމަކަށް ކިޔާ އެ މީހާ ރާއްޖޭގައި އުޅުނީ ކަލާފާނު ސްކޫލުގެ ޓީޗަރެއްގެ ވަޒީފާގައެވެ. އެ މައްސަލަ ފެންމަތިވީ އިންޑިއާގެ ފުލުހުން އޭނާ ހޯދަން އިއުލާން ކުރުމުން އެ ގައުމުގެ ނޫސްތަކުން އެކަން ރިޕޯޓު ކުރުމުންނެވެ. އިންޑިއާގެ ފުލުހުން ވަނީ އޭނާ ހޯދުމަށް ބްލޫ ނޯޓިސް ނެރެފައެވެ.
މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު މިނިސްޓްރީން ބުނީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އެއަށްފަހު އޭނާގެ ވިސާ ކެންސަލްކޮށް ވަޒީފާއިން ކަނޑާލުމުން އެނބުރި އިންޑިއާއަށް ދިއުމުން، އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާއަކީ އެ ގައުމުގައި އެޑިއުކޭޝަން ކޮންސަލްޓަންސް އެޖެންސީއެއް ވެސް ހިންގާ މީހެކެވެ. އޭނާގެ މައްޗަށް ގިނަ އަދަދެއްގެ ވަގު ސެޓްފިކެޓް ހެދި ކަމުގެ ތުހުމަތު ކޮށްފައިވެއެވެ.
އެންމެފަހުން ފަޅާއެރީ އޭނާއާ އެކު ސްޓޫޑަންޓް ފެޑަރޭޝަން އޮފް އިންޑިއާ (އެސްއެފްއައި) ގައި މަސައްކަތްކުރި ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކަށް ދެ ލައްކަ ރުޕީސް (37،000 ރުފިޔާ)އަށް ފޭކް ސެޓްފިކެޓެއް ހަދައިދިން މައްސަލައެކެވެ.
އެ މައްސަލައިގެ ތަހުގީގުގައި ނިކިލް ވަނީ އޭނާއަށް ސެޓްފިކެޓް ހަދައިދިނީ ރާޖް ކަމަށް ފުލުހުންނަށް ކިޔައިދީފައެވެ.
ރާޖް އަކީ މީގެކުރިން ކެރިއާ ގައިޑެންސް އާއި ލައިފް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.