28 Jun 2023, 10:16
ބަތަލާ ސޯނަމް ކަޕޫރުގެ ފިލްމު 'ބްލައިންޑް' ކުރިޔަށް އޮތް ޖުލައި 7ގައި ޖިއޯ ސިނަމާގައި ސްޓްރީމްކުރާގޮތަށް ނިންމައިފިއެވެ.
ފިލްމު "ބްލައިންޑް"އަކީ ސޯނަމް ފިލްމުތަކުން ނުފެންނަތާ ގިނަ ދުވަސްވުމަށްފަހު ބެލުންތެރިންނަށް ބަތަލާ ފެންނާނެ ފުރަތަމަ ފިލްމެވެ. ޓީޒާވެސް ބެލުންތެރިންނަށް ދައްކާލާފައިވާ މި ފިލްމަކީ، މިނަމުގައި 2011ވަނަ އަހަރު ރިލީޒްވި ކޮރެއާ ފިލްމުގެ އަސްލާ އެއްގޮތަށް ކުޅެފައިވާ ފިލްމެކެވެ.
މި ފިލްމަކީ، 2019ވަނަ އަހަރު ރިލީޒްވި ފިލްމު "ދަ ޒޯޔާ ފެކްޓާ"އަށްފަހު ސޯނަމް ލީޑްރޯލްއިން ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ. ޖޮއޯ ސްޓޫޑިއޯސްއާއި އިތުރު ތިން ފިލްމު ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ "ބްލައިންޑް"ގެ ޑައިރެކްޓަރަކީ، ޝޯމޭ މަކީޖާއެވެ. ޑައިރެކްޓަރު ޝޯމޭ މަކީޖާގެ ކާމިޔާބު ފިލްމުތަކުގެތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ކަހާނީ" އަދި "ބަދުލާ" ހިމެނެއެވެ.
ސޯނަމްގެ އިތުރުން މި ފިލްމުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭގައި، ޕޫރަބު ކޮލީ، ވިނޭ ޕަތަކު، ލިލިއެޓް ޑުބޭ އަދި ޝުބްހަމް ސަރަފް ހިމެނެއެވެ.
ކައިވެންޏަށްފަހު ފިލްމީ މަސައްކަތްތަކާ ދުރުގައި އުޅުމަށްފަހު ދަރިއަކު ލިބުމުން ސޯނަމް ބޭނުންވީ ދުވަސްކޮޅެއް ވަންދެން ފިލްމީ މަސައްކަތްތަކުން ދުރުހެލިވުމަށެވެ. އެހެންނަމަވެސް ބަތަލާ އޭރުވެސް ދިޔައީ ބައެއް ފިލްމީ އިވެންޓުތަކުގައި ބައިވެރިވި އެންޑޯސްމަންޓުތަކުގައި މަސައްކަތް ކުރަމުންނެވެ. ސޯނަމް ރަސްމީކޮށް ފިލްމީ މަސައްކަތްތަކަށް އެނބުރިއައުން މިފިލްމާއެކު ފާހަގަކުރާއިރު ދާދިފަހުން ބަތަލާ ވަނީ އިންޑިއާގެ އެންމެ ކާމިޔާބު ފިލްމުކުންފުނި ޔަޝް ރާޖް ފިލްމްސްއާ ގުޅިފައެވެ.
ސޯނަމް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2020ގައި ރިލީޒްވި ބައްޕަ އަނިލް ކަޕޫރުގެ ފިލްމު "އޭކޭ ވާސަސް އޭކޭ"ގެ ހާއްސަ ފެނިލުމަކުންނެވެ.