ސިއްހީ ހިދުމަތަށް އެއްވެސް އަގެއް ރައްޔިތުން އަތުން ނެގިގެން ނުވާނެ ކަމަށާއި އާސަންދަ އަށް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓަށް ތާއީދު ނުކުރާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.

ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީގެ ގެކޮޅު، މއ. ސީރާޒީގޭގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ތަސްމީނު ވިދާޅުވީ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާ ނެތިގެން ކަމަށް ބުނެ އާސަންދަ އަށް ބަދަލު ގެނައުމަށް ކޮމެޓީން ނިންމުމަކީ ގަބޫލު ކުރާ ކަމެއް ނޫން ކަމަށާއި އެކަމަށް ގޮތްތަކެއް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށެވެ.

އަދި ގައުމީ ހެލްތު އިންޝުއަރެންސްއަކީ ފައިސާ ނެގުމަކާ ނުލައި ދެވޭ ހިދުމަތަކަށް ވާން ޖެހޭނެ ކަމަށް ޑީއާރުޕީން ގަބޫލު ކުރާ ކަމަށް ތަސްމީނު ވިދާޅުވި އެވެ.

"ދައުލަތުގެ ބަޖެޓްގައި އާސަންދަ އަށް ހަރަދު ކުރަމުންދަނީ ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ކަމަށް ބުނޭ. މައްސަލަ ބައްލަވާފައި ގޮތްތަކެއް ކޮމެޓީން ކަނޑައަޅުއްވާފައި މިވަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ މައްސަލަ ހައްލު ކުރުމަށް ޓަކައި ސަރުކާރުން ގޮތްތަކެއް ކަނޑައަޅުއްވަން ޖެހޭ. މިހެން ދަންވާ އިރު ވެސް ދަންވާލަން ބޭނުންވޭ ޑީއާރުޕީން ގަބޫލު ކުރާގޮތުގައި ސިއްހީ ހިދުމަތް ދިނުމަކީ އަގެއް ނެގުމަކާ ނުލާ ދައުލަތުން އަދާކޮށްދޭން ޖެހޭނެ އެއްޗެއް. އެނޫން ގޮތަކަށް އެ ނިޒާމް ބައްޓަންވުމަކަށް ޑީއާރުޕީން ގަބޫލުކުރާނެ ކަމެއްނޫން،" ތަސްމީނު ވިދާޅުވި އެވެ.

މީގެ އިތުރުން އާސަންދަ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މާލިޔަތު ކޮމެޓީން ނިންމާފައިވީ ނަމަވެސް ސަރުކާރުން ގެންނަން ޖެހޭ ބަދަލުތައް މަޖިލީހުން ގެނައުމަކީ ސަރުކާރު ޒިންމާދާރު ކުރުމަށް އެޅިގެންދާ ހުރަހެއް ކަމަށް ވެސް ތަސްމީނު ވަނީ ވިދާޅުވެފަ އެވެ.

"މި ރިޕޯޓަށް ބަލާ އިރު ސަރުކާރުން ކަންތައް ކުރަންވީ ގޮތްތަކެއް މަޖިލީހުން ކަނޑައަޅާފައި އެ ރިޕޯޓުގައި އެބައޮތް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ މަޖިލީހުގެ ދައުރަކީ މިކަން ކަމުގައި ހިނގާ ނުހިނގާ ގޮތް ބެލުން. އެކަން ކުރަންވީ ގޮތްމަޖިލީހުގެ ކޮމެޓީއަކުން ކަނޑައެޅުން އެއީ ކޮމެޓީގެ ދައުރަކަށް ވެއްޖެނަމަ އޭގެ ސަބަބުން ސަރުކާރު ޖަވާބު ދާރީ ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާނެ،" ތަސްމީނު ވިދާޅުވި އެވެ.

ގައުމީ ހެލްތު އިންޝުއަރެންސް، އާސަންދައަށް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމެޓީން ނިންމާފައިވ ާގޮތައް ފާސްވިޔަ ނުދޭނެ ކަމަށް އެމްޑީޕީން ވެސް ވަނީ ބުނެފަ އެވެ.

ގައުމީ ހެލްތު އިންޝުއަރެން، އާސަންދައިން ހަރަދު ކުރަމުންދަނީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރުމަށް ހުއްދަކޮށްފައިވާ މިންވަރަށް ވުރެ، އިތުރަށް ހަރަދު ކުރަމުންދާތީ މާލިއްޔަތު ކޮމެޓީން ވަނީ އާސަންދަ ނިޒާމަށް ބަދަލުތަކެއް ނެގައުމަށް ނިންމާފަ އެވެ. އާސަންދަ މިހާރު ހިނގަމުންދާ ގޮތުން އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުން އާސަންދަ އަށް ކަނޑައަޅާފައިވާ ފައިސާ ހުސްވާނެ އެވެ. ކޮމެޓީން ނިންމާފައި ވަނީ ޕްރައިވެޓް ހޮސްޕިޓަލްތަކުން އާސަންދައިން ހިދުމަތް ދޭން ޖެހޭނީ އެޑްމިޓް ކުރާ ބަލިމީހުންނަށް އެކަނި ކަމަށެވެ.