01 May 2012, 14:21
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީ ލަފާކުރި އަދަދަށް ވުރެ 15.5 ޕަސެންޓް ދަށްވެފައިވާ ކަމަށް މީރާ އިން އާންމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުން ދައްކައިފި އެވެ.
މީރާ އިން އިއްޔެ އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު (ޖެނުއަރީ، ފެބުރުއަރީ އަދި މާޗް)ގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 2.4 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ލިބިފައި ވަނީ 2 ބިލިއަން ރުފިޔާ އެވެ. އެއީ ލަފާ ކުރި އާމްދަނީ އަށް ވުރެ 15.5 ޕަސެންޓްގެ ދަށްވުމެކެވެ.
ލަފާކުރި އާމްދަނީ އަށް ވުރެ ލިބުނު އާމްދަނީ ދަށަށް ދިޔަ ސަބަބެއް ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ ރިސޯޓްތަކުގެ މުއްދަތު އިތުރުކުރަން ނަގާ ފައިސާ ގަނޑުކޮށް ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެކު އެ ފައިސާ ނުނެގުމުންނެވެ. މީރާ އިން ބުނީ ލަފާ ކުރާ ހިސާބުތައް ތައްޔާރުކޮށްފައި ވަނީ އެ ފައިސާ ގަނޑުކޮށް ނެގޭނެ ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް އެ ފައިސާ ނުނެގުމުން އެ ބައިން ލިބުނު އާމްދަނީ 76.1 ޕަސެންޓަށް ދަށްވި ކަމަށް ރިޕޯޓް ބުނެ އެވެ. އަދި ހަރުމުދާ ވިއްކައިގެން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ވެސް ވަނީ ލަފާކުރި ވަރަށް ވުރެ 70.6 ޕަސެންޓް ދަށަށްގޮސްފަ އެވެ. އަދި ޖެނެރަލް ޖީއެސްޓީ އިން ވަނީ ލަފާކުރި އަދަދަށް ވުރެ ލިބުނު އާމްދަނީ 14.8 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ރިސޯޓްތަކުގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ ލަފާކުރި އަދަދަށް ވުރެ 12.3 ޕަސެންޓް ދަށެވެ. އަދި ވެހިކަލް ފީގެ ގޮތުގައި ލިބުނު އެއްޗެއް ވެސް ވަނީ ހީކުރި އަދަދަށް ވުރެ ދަށްވެފަ އެވެ.
ރިޕޯޓްގައި ބުނެފައިވާ ގޮތުން ރިސޯޓްތަކުގެ މުއްދަތު އިތުރުކޮށްގެން މި އަހަރު ދެން އިތުރު ފައިސާއެއް ލިބޭނެ ކަމަށް ލަފައެއް ނުކުރެވެ އެވެ. އެހެންކަމުން މުޅި އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ދަށަށްދާނެ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ތިން މަސް ދުވަހުގެ ތެރޭގައި ޑޮލަރުން ލިބުނު ފައިސާގެ އަދަދު ވަނީ 80.8 މިލިއަން ޑޮލަރަށް އަރައިފަ އެވެ. އެހެންކަމުން ދައުލަތަށް ލިބުނު އާމްދަނީގެ 61.1 ޕަސެންޓް ލިބުނީ ޑޮލަރުގެ ގޮތުގަ އެވެ. މިދިޔަ ތިން މަސް ދުވަހު ލިބުނު އާމްދަނީ ލަފާކުރި އަދަދަށް ވުރެ ބޮޑުތަނުން މަދުވި ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާ އިރު މި ކުއާޓާގެ އާމްދަނީ ވަނީ 113.9 ޕަސެންޓް އިތުރުވެފަ އެވެ. އެއީ މި އަހަރުގެ ޖެނުއަރީގައި އަލަށް ނަގަން ފެށި ވިޔަފާރި ފައިދާގެ ޓެކްސް އާއި ޖެނެރަލް ޖީއެސްޓީ އަދި އެއާޕޯޓް ސާވިސް ޗާޖުން ރަނގަޅު އާމްދަނީއެއް ލިބުމުގެ ސަބަބުންނެވެ. އަދި މިދިޔަ އަހަރުގެ ފަހު ތިން މަސްދުވަހާއި އަޅާބަލާ އިރު މި ތިން މަހު ލިބުނު އާމްދަނީ ވެސް ވަނީ 76.2 ޕަސެންޓް އިތުރުވެފަ އެވެ.
މީރާ އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން 10 ފަރާތެއްގެ މައްސަލަ މީރާ އިން ވަނީ މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކޯޓަށް ވައްދައިފަ އެވެ. އޭގެ ތެރެއިން ތިން މައްސަލައެއްގައި ހުކުމްކޮށްފައިވާ އިރު ތިން މައްސަލައެއް ވަނީ ފައިސާ ދައްކައިގެން ކޯޓުން އަނބުރާ ނަގައިފަ އެވެ. އަދި ޖީއެސްޓީ އާ ގުޅުން ހުރި 42 އޯޑިޓެއް މީރާ އިން ވަނީކޮށްފަ އެވެ. އެ އޮޑިޓްތަކުން މީރާ އަށް އާމްދަނީގެ ގޮތުގައި 15989 ޑޮލަރު ލިބުނެވެ. އަދި ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން 21 މިލިއަން ރުފިޔާއެއް ވަނީ ދައުލަތަށް ލިބިފަ އެވެ.
މިދިޔަ ތިން މަހު މީރާ އަށް ވަނީ ވިޔަފާރީ ފައިދާގެ ޓެކްސްގެ ގޮތުގައި 428.1 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ޖީއެސްޓީގެ ގޮތުގައި 721.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓޫރިޒަމް ޓެކްސްގެ ގޮތުގައި ލިބުނީ 231.4 މިލިއަން ރުފިޔާ އެވެ. އެއީ ލިބޭނެ ކަމަށް ލަފާކުރި 239 މިލިއަން ރުފިޔާ އަށް ވުރެ 3.2 ޕަސެންޓް ދަށް އަދަދެކެވެ.