ބ. ދަރަވަންދޫއިން ޝާނިހާ ޝަރީފް--

މި އަހަރުގެ އަޟްހާ ޢީދު ކަވަރޭޖަށް އެސްއެސްޓީވީއިން ބ. ދަރަވަންދޫއަށް ކުރި ދަތުރުގައި އެ ރަށުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އެސްއެސްޓީވީގެ ކްރޫއިން މިއަދު ދަރަވަންދޫއަށް އައުމާއެކު ރަށު ކައުންސިލުން ވަނީ ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައެވެ.

"މަގޭ ޢީދު" ނަމުގައި މި އަހަރުގެ ބޮޑު ޢީދު ދަރަވަންދޫގައި ކުލަގަދަކޮށް ފާހަގަކުރުމަށް މިހާރު އޮތީ ތައްޔާރަށެވެ. ފޯރިގަދަ ސަގާފީ ކުޅިވަރުތަކާއި ވާދައިގެ މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރަށުގެ އާންމު ރައްޔިތުންނާއި ކައުންސިލާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ބޮޑު ޢީދަށް ވަމުން އަންނަ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ބ. ދަރަވަންދޫގައި މީގެ ކުރިން ޢީދު ފާހަގަކޮށްފައި--

ދަރަވަންދޫގެ ޢީދު ކުޅިވަރުތައް ބަލާލައި ޢީދުގައި ބައިވެރިވުމަށް ރަށުން ބޭރުންވެސް ގިނަ އަދަދެއްގެ މީހުން ވަނީ ރަށަށް އައިސްފައެވެ. ކައުންސިލުން ބުނި ގޮތުގައި މިހާރު ރަށުގެ ހުރިހާ ގެސްޓްހައުސެއް ވެސް ވަނީ އެއްކޮށް ފުރިފައެވެ.

ޒަމާނުއްސުރެވެސް ދަރަވަންދޫއަކީ ބޮޑު ޢީދު ފޯރިގަދަކޮށް ފާހަގަކުރަމުން އަންނަ ރަށެކެވެ.

1444 ވަނަ އަހަރުގެ އަޟްހާ ޢީދު ކަވަރޭޖަށް އެސްއެސްޓީވީގެ ކްރޫ ދަރަވަންދޫގައި-- ސަން ފޮޓޯ

ދަރަވަންދޫގެ "މަގޭ ޢީދު"ގެ ކުޅިވަރުތައް އެސްއެސްޓީވީ މެދުވެރިކޮށް ލައިވްކޮށާއި ރިކޯޑްކޮށްގެން ވެސް ދައްކާނެއެވެ. އަދި ޢީދާ ގުޅުން ހުރި ޚަބަރުތަށް ސަން އޮންލައިންގެ ވެބްސައިޓް މެދުވެރިކޮށް ގެނެސްދޭނެއެވެ.

އެސްއެސްނެޓްގެ ޗެނަލް ނަމްބަރު އެކަކުން އެސްއެސްޓީވީ ފެންނާނެއެވެ. އަދި ސަން އޮންލައިން ވެބްސައިޓް މެދުވެރިކޮށް ވެސް އެސްއެސްޓީވީގެ ލައިވް ފީޑް ބެލޭނެއެވެ.