އަރަފާތުގެ ބިން (27 ޖޫން 2023): މިއަދަކީ ހިޖުރީގޮތުން 1444 ވަނަ އަހަރުގެ ޙައްޖު ދުވަހެވެ. ނުވަތަ އަރަފާތު ދުވަހެވެ.

އަރަފާތު ދުވަހަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ މިބިންމަތީގައި ލެއްވެވި އެންމެ މާތް ދުވަހެވެ. ޙައްޖުވެރިން ޙައްޖުގެ އެންމެ މަތިވެރި ރުކުންކަމަށްވާ އަރަފާތު ބިމުގައި ތިބޭ ދުވަހެވެ. އަރަފާތު ބިމަށް ގޮސް އެތާނގައި ތިބުމަކީ ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމަށްވުމުގެ އިތުރުން އެއީ އެއާ ނުލައި ޙައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވޭ ރުކުނެކެވެ. އަރަފާތު ބިމުގައި ޙައްޖުވެރިން ދުވަސް ހޭދަކުރާނީ ކީރިތި ގުރުއާން ކިޔެވުމާއި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުއާކުރުމާއި ޒިކުރު ކުރުމުގައެވެ.

މި ރުކުން އަދާ ކުރުމަށް ޓަކައި ރޭ ފަތިހުން ފެށިގެން ޙައްޖުވެރިން ވަނީ މިނާއިން އަރަފާތަށް ޖަމާވުމުގެ ދަތުރު ފަށައިފައެވެ. މިއަދު މެންދުރުކުރިން ޙައްޖުވެރިން މިނާދޫކޮށް ޢަރަފާތަށްގޮސް ނިމޭނެ ކަމަށް ޚަބަރުތައް ބުނެއެވެ. ޢަރަފާތު ބިމަށް ދިޔުމުގެ ކުރިން ޙައްޖުވެރިން ތިބޭނީ ކީރިތި ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އިޤްތިދާ ވުމުގެގޮތުން މިނާއަށްގޮސް މިނާގައެވެ. އެއީ ތަރްވިޔާގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

އަރަފާތުގައި ހުންނަ މަސްޖިދުއްނަމިރާ

އަރަފާތަކީ މައްކާއާ ގަތްގަނޑަކަށް 22 ކިލޯމީޓަރުގެ ދުރުގައިވާ ސަރަހައްދެކެވެ. އަރަފާތު ބިމުގައި ހުންނަ އެންމެ ތާރީޚީ ތަނަކީ ޖަބަލު އަރަފާތު ނުވަތަ ޖަބަލުއްރަޙްމާ އެވެ. މީގެ ސާދަ ގަރުނުގެ ކުރިން ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ކުރެއްވި މަޝްހޫރު ޙައްޖު ކަމަށްވާ ޙައްޖަތުލްވަދާއުގައި އެކަލޭގެފާނު ޚުތްބާ ދެއްވީ ޖަބަލުއްރަޙްމާ ނުވަތަ ޖަބަރު އަރަފާތުގެ ތިރީގައި ހުންނަވައިގެންނެވެ.

އިސްލާމް ދީނުގެ މާތް ރިސާލަތު ފުރިހަމަކޮށް ދެއްވިކަމުގެ އާޔަތް ބާއްވާލެއްވީ އެކަލޭގެފާނު މިފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ.

މިއާޔަތަކީ [الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا] [المائدة:3] އެވެ. މިއާޔަތް ބާއްވާލެއްވީ ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) އަރަފާތު ފަރުބަދައިގެ ތިރީގައި ހުންނަވަނިކޮށެވެ. މިހާރު އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ މަސްޖިދުއްނަމިރާގައި މެންދުރު ނަމާދަށްފަހުގައެވެ.

ޙައްޖު ދުވަހުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއްނަމިރާގައި ޚުތުބާ ދެނީ ކީރިތި ރަސޫލާ (ސައްލައްﷲ ޢަލައިހި ވަސައްލަމަ) ޙައްޖަތުލްވަދާއުގައި ދެއްވި ތާރީޚީ ޚުތުބާއަށް ތަބާވުމުގެ ގޮތުންނެވެ. އެކަލޭގެފާނުގެ މިމަތިވެރި ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ. މުސްލިމުން ޙައްޖުގެ އަޅުކަން ކުރަމުންގެންދަނީ ޙައްޖަތުލްވަދާޢުގައި އެއްލައްކަ މުސްލިމުންނާއެކު އެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާކުރެއްވި ގޮތަށެވެ.

އަރަފާތުގައި ހުންނަ ޖަބަލުއްރަޙްމާ

އަރަފާތުގެ ބިމުގައި ޙައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއުކޮށް (ޖަމްއު ތަގްދީމް) ކޮށެވެ. އެއީ ކީރިތި ރަސޫލާވެސް ޙައްޖަތުލްވަދާއުގައި އަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ.

ސަލާމްލެއްވި އިބްރާހީމްގެފާނު މައްކާގައި އުޅުއްވި ދުވަސްވަރު އެކަލޭގެފާނު ވަށައިގެން ސަލާމް ލެއްވި ޖިބްރީލުގެފާނު ތަވާފް ކުރައްވައި ޖިބްރީލްގެފާނަކީ ކޮންބޭފުޅެއްކަން އިބްރާހީމްގެފާނަށް ތައާރަފުވެ ވަޑައިގެންނެވި ކަމަށްވަނީ އަރަފާތުގެ ބިމުގައެވެ.

ޙައްޖުވެރިން މިއަދުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށްފަހު އިރު އޮއްސޭންފެށުމުން ޙައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މުޒްދަލިފާއަކީ މިނާއާއި އަރަފާތާ ދެމެދުގައިވާ ސަރަހައްދެކެވެ.

މިރެއަކީ ބަރަކާތްތެރި އަޟްޙާ ޢީދުވިލޭރެ އެވެ. މިރޭ ޙައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާއަށްގޮސް ޙައްޖުވެރިން މަޣްރިބް ނަމާދާއި އިޝާނަމާދު ކުރާނީ ގަސްރުކޮށް ޖަމްޢު (ޖަމްއު ތައުޚީރު) ކޮށެވެ. އެއްބަންގިއާއި ދެ ގަމަތް ދޭ ގޮތަށެވެ. އެއީ ކީރިތި ރަސޫލާ އަމަލުކުރެއްވި ގޮތެވެ.

މުޒްދަލިފާގައި ހުންނަ އަލްމަޝްޢަރުލް ހަރާމް މިސްކިތް

އެކަލޭގެފާނު އެގޮތަށް މުޒްދަލިފާގައި ނަމާދު ކުރެއްވީ މުޒްދަލިފާގައި އެދުވަސްވަރު ބިނާކުރެއްވި މަޝްއަރުލްހަރާމް މިސްކިތުގައެވެ. މިހާރު މަޝްއަރުލްހަރާމް މިސްކިތް ހުންނަނީ ވަރަށް ރީތިކޮށް ވަރަށް ބޮޑުކޮށް ބިނާކޮށްފައެވެ. ނަމަވެސް އެމިސްކިތުގައި ހުރިހާ ޙައްޖުވެރިން އެކުގައި ނަމާދުކުރެވޭ ވަރަށް ޖާގަ ނޯންނާތީ ޙައްޖުވެރިންގެ ގިނަ ބަޔަކު މަޣްރިބް ނަމާދާއި އިޝާނަމާދު ގަސްރުކޮށް ޖަމްޢުކޮށް ކުރާނީ ކުނާފަދަތަކެތި އަޅައިގެން މުޒްދަލިފާގެ އެތަންމިތަނުގައެވެ.

މަޣްރިބު ނަމާދާއި ޢިޝާނަމާދު މުޒްދަލިފާގައި ކުރުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. ރޭކުރުމަކީ ނިދާލުމެވެ. ނިދާލުމަށްފަހު ފަތިސްވުމުން ފަތިސްނަމާދުކުރާނީ މުޒްދަލިފާގައެވެ. ފަތިސްނަމާދު ކުރުމަށްފަހު މުޒްދަލިފާއިން ހިލަ ހޮވައިގެން މިރޭފަތިހު ޙައްޖުވެރިން ދާނީ އަނެއްކާވެސް މިނާއަށެވެ.

މުޒްދަލިފާއާއި މިނާއަކީ ވަރަށް ކައިރީގައިވާ ދެތަނެވެ. ދުރުމިނަކީ ފަސް ވަރަކަށް ކިލޯމީޓަރެވެ. އެހެންކަމުން މުޒްދަލިފާއިން މިނާއަށް ޙައްޖުވެރިން އާންމު ގޮތެއްގައި ދާނީ ހިނގާފައެވެ. ނަމަވެސް އުޒުރުވެރިން ދާނީ ވެހިކަލްތަކުގައެވެ.

ޙައްޖުގެ މަޝާއިރުތައް ކުރިޔަށްދަނީ މިނާއާއި އަރަފާތާ އަދި މުޒްދަލިފާގެ އިތުރުން މައްކާގެ ހަރަމްފުޅުގައެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި 2.3 ވަރަކަށް މިލިޔަން މުސްލިމުން ބައިވެރިވާކަމަށް ވެއެވެ. މިއީ ކޮވިޑް -19 ގެ ބަލިމަޑުކަމަށްފަހު އެންމެ ގިނަބަޔަކު ޙައްޖުގެ އަޅުކަން އަދާކުރާ ފަހަރުކަމަށް ސައޫދީ ކަމާބެހޭ އިދާރާތަކުންވަނީ ހާމަކޮށްފައެވެ.

މިއަދުގެ އިރު އޮއްސޭއިރު ޙައްޖުވެރިން އަރަފާތުން މުޒްދަލިފާއަށް ނަފްރާ ކޮށް އަދި ފަތިހު މުޒްދަލިފާއިން މިނާއަށް ނަފްރާކޮށް އީދު ދުވަހުގެ ހެނދުނު ޙައްޖުވެރިން އުޟްޙިޔާ ނުވަތަ ހަދްޔު ކަތިލާނެއެވެ. އުޟްޙިޔާ ކަތިލުމުގެ ކަންތައް ކުރިޔަށްގެންދާނީ ޙައްޖުވެރިން ފައިސާ ދެއްކުމުން ކަމާބެހޭ ސައޫދީ ކަމާބެހޭ މުއައްސަސާތަކުންނެވެ. ފައިސާ ދެއްކުމުގެ ކަންތައް އޮންނާނީ ޙައްޖަށް ދިޔުމުގެ ކުރިން ނިންމާފައެވެ.

މިނާގައި ޙައްޖުވެރިން ކުރާނެ ކަމަކީ ޖަމްރާތަކަށް ހިލަ އުކުމެވެ. ޖަމްރާތަކަށް ހިލަ އުކުމަށްޓަކައި ޙައްޖުވެރިން އީދު ދުވަހުގެ އިތުރުން އަދި ތިން ދުވަސްވަންދެން މިނާގައި މަޑުކުރާނެއެވެ. އެއީ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހެވެ. މިނާގައި ތިބޭ ތިން ދުވަހުގެ ތެރޭގައި ފިރިހެނުން ބޯބާލާނެއެވެ. ނުވަތަ ބޯ ކުރުކޮށް ކޮށާނެއެވެ. އަންހެނުން ބޮލުގެ އިސްތަށިގަނޑުން ތަންކޮޅެއް ބުރިކޮށްލާނެއެވެ.

އަވަހަށް ތަހައްލުލުވާން ބޭނުންވާ (ޙައްޖުގެ އަޅުކަން ނިންމާލަން ބޭނުންވާ) ޙައްޖުވެރިން ޖަމްރާތަކަށް ހިލައުކުމަށްޓަކައި މިނާގައި ތިބޭނީ އެއްދުވަހު ނުވަތަ ދެދުވަހުއެވެ. އެއަށްފަހު އަވަހަށް ތަހައްލުލުވާން ބޭނުންވާ މީހުން މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުން ޙައްޖުގެ އަޅުކަން ނިންމާލާނެއެވެ. މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކުރުމުން ޙައްޖުގެ އަޅުކަން ނިމުނީއެވެ.

ނަމަވެސް އަވަހަށް ތަހައްލުލުވާން ބޭނުންނުވާ އަދި އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު މިނާގައި މަޑުކޮށް ހިލައުކަން ބޭނުންވާ ޙައްޖުވެރިން އެތިންދުވަހުވެސް ތިބޭނީ މިނާގައެވެ. އަވަހަށް ތަހައްލުލުވާން ބޭނުންނުވާ ޙައްޖުވެރިން މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލް އިފާޟާކޮށް ސަޢްޔު ކޮށް ޙައްޖުގެ އަޅުކަން ނިންމާލާނީ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގެ ތެރެއިން އެންމެ ފަހު ދުވަހުއެވެ.