01 May 2012, 13:50
ރާއްޖޭގެ ހުރިހާ މަސައްކަތް ތެރިނަށް އެ މީހުންނަށް ދިރިއުޅެވޭނެ ވަރުގެ އާމުދަނީއެއް ލިބޭނެ ގޮތް ހަދައިދިނުމަށް ޓޫރިޒަމް އެމްޕުލޯޔާ އެސޯސިއޭޝަން އޮފް މޯލްޑިވެސް (ޓީމް) އިން ގޮވާލައިފި އެވެ.
އޭޝިއަން މައިގުރޭޓް ފޯކަސް އާއި އެމެރިކާގެ ސޮލިޑެރަޓީ ސެންޓަރާއި އަދި ޓީމާ ގުޅިގެން މިއަދު ނަލަހިޔާ ހޮޓަލުގައި ފެއްޓި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމާލަމުން ޓީމްގެ ޖެނެރަލް ސެކެރެޓަރީ މުހައްމަދު ޒާކިރު ވިދާޅުވީ މަސައްކަތްތެރިނަށް އެމީހުނަށް ލިބޭ އާންމުދަނީން ދިރިއުޅެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
"ލިބޭ އާމުދަނީއަކުން އުޅެވޭނެ އާމުދަނީއެއް ލިބޭނެ ގޮތާއި އައިއެލްއޯގެ ގަވައިދުތަކަށް އަމަލުކުރުމަށް މަޖިލީހަށް ހުށައެޅުމަށް އަޅުގަނޑު ސަރުކާރައް ގޮވާލަން" ޒާކިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ދޭތެރޭ ރަނގަޅަށް ކަންތައްތައް ނުކުރާ ނަމަ ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުން ދަތިކުރުމުގެ ފިޔަވަޅުއެޅުން ކައިރި ކަމަށެވެ.
އެ ބައްދަލުވުމުގައި އޭޝިއަން މައިގުރޭޝަން ފޯކަސްގެ ވިލިއަމް ގޮއިސް ވިދާޅުވީ ހުރިހާ ބިދޭސީންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުރިހާ އެންމެން ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެ ބައްދަލުވުމުގެ ސަބަބުން އެކަމަށް މަގުފަހިވެފައިވާ ކަމަށެވެ.
ބަގުލަދޭޝް ސަރުކާރުކާރުގެ ފަރާތުން ވާހަކަ ދައްކެވި ފާއުޒިއްޔާ ކަރީމް ވިދާޅުވީ އެ ގައުމުގެ ރައްޔިތުން ރާއްޖޭގައި އުޅެނީ ވަރަށް ނިކަމެތި ހާއްލެއްގައި ކަމަށާއި އެމީހުން ރާއްޖެ އަށް ގެންނަނީ ވަޒީފާ ދޭނެ ކަމަށް ބުނެފައި ކަމަށާއި ނަމަވެސް އެމީހުން މި ގައުމަށް ގެނެސް އެމީހުން މަގުމައްޗަށް ދޫކޮށްލާ ކަމަށެވެ.
"ކުޑަ ކޮޓަރިއެއްގައި އުޅެން ޖެހެނީ، އެތައް ބަޔަކަށް ނުލިބޭ ސާފު ފެނާއި ފާހާނާ ނިޒާމް ރަނގަޅަކަށް،" ފައުޒިއްޔާ ވިދާޅުވި އެވެ.
ފައުޒިއްޔާ ވިދާޅުވީ އެ ބައްދަލުވުމުގައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ޓަކައި މަޝްވަރާކޮށްފައިވާ ކަމަށެވެ.