27 Jun 2023, 08:09
"ސްޓިލް ސްލީޕީ؟..." ލަޔާލްގެ ކައިރީގައި އިށީންނަމުން ފިޒާލް އަހައިލިއެވެ.
"ނޫން..." ލަޔާލް އަވަސް އަވަހަށް ތެދުވެގެން ފާހާނާއާއި ދިމާއަށް ހިނގައިގަތެވެ.
********
ލަޔާލް ފެންވަރައިގެން ނުކުތްއިރު، ފިޒާލް އިނީ އެނދުގައި އިށީނދެލައިގެންނެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން އިންނަމަވެސް، ލަޔާލް ފެނުމުން، އޭނާ ތެދުވިއެވެ.
"ގެނޭ އަހަރެން އަތަށް..." ލަޔާލް އިސްތަށިގަނޑު ހިއްކަން އުޅުމުން، ފިޒާލް ތުވާލި އަތުލިއެވެ.
ލަޔާލް ހިތްއެދޭފަދަ ބައިވެރިއަކަށްވާން ފިޒާލް ބޭނުންވިއެވެ. އެކަމަށްޓަކައި، ފިޒާލްގެ އަގުހުރި ވަގުތުތައް ލަޔާލަށްޓަކައި ހުސްކުރަން އޭނާ ވަނީ ނިންމާފައެވެ. އަނބިމީހާއަށް ކަންކަން ކޮށްދިނުމަކީ، ފިޒާލަށްވެސް އުފާވެރިކަން ލިބޭ ކަމެކެވެ.
"މީ އަހަންނަށް އެންމެ ކަމުދިޔަ ހެދުން...." މަޑު ފެހިކުލައިގެ ހެދުމެއް ދައްކާލަމުން ފިޒާލް ބުންޏެވެ. "ފެންވަރައިގެން ނުކުންނަށްވާއިރަށް އިސްތިރިކޮށްލާފަ މިއޮތީ...."
"ކީއްވެ އިސްތިރިކުރީ؟..." ލަޔާލްގެ އަމިއްލަ ކަމެއް ފިޒާލް ކުރުމުން، ލަދުގަތެވެ. "އަހަރެން ނުކުންނަންދެން މަޑުކޮށްލިނަމަ..."
"އެއީ އެވަރުކަމެއްތަ ދޫންޏާ؟..." ފިޒާލް ވަރަށް ލޯބިން ލަޔާލްގެ ކޮލުގައި ހިފައިލިއެވެ. "އަހަންނަކީ އެއިރަކު ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެން އުޅޭ މީހެއް.... މިހާރު ހިތަށް އަރާދޯ ލަޔާ ހާދަ ނަސީބު ރަނގަޅޭ؟... އުފަލެއް ނުވޭތަ މިކަހަލަ ފިރިއަކު ލިބުނީމަ؟..." ފިޒާލްގެ ލާނެތްކަމުން ލަޔާލް ހެއްވާލާކަށް ގިނައިރެއް ނުނެގިއެވެ.
ފިޒާލް ލަޔާލްގެ އިސްތަށިގަނޑު ހިއްކަމުންދިޔައިރު، ލަޔާލަށް އިނދެވުނީ ދެލޯ މަރާލައިގެންނެވެ. އެ އަތުގެ ބީހުންތަކުން، ލަޔާލްގެ ބޮލަށް އަރާމުވިއެވެ. އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުންވަމުން ދިޔައެވެ. ސަކީނާ ފިޔަވައި އިތުރު މީހެއްގެ ފަރާތުން އެފަދަ އޯގާތެރިކަމެއް އިހުސާސްކުރަން ލިބިދާނެކަމަށް ލަޔާލް ހީވެސް ނުކުރެއެވެ. ފިޒާލްގެ އަދާތަކުން ލަޔާލަށް އުފާވެރިކަން ލިބެން ފެށީ ސަބަބެއް ނެތިއެއް ނޫނެވެ. ކުދިކުދި ސަމާސާތަކުންވެސް ލަޔާލްގެ ހިތަށް ހަމަޖެހުން ލިބެން ފެށިއެވެ. ކައިވެނީގެ ސަބަބުން އެހާ އުފާވެރިކަން ލިބިދާނެކަމަކަށް ލަޔާލް ހީވެސް ނުކުރެއެވެ.
ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނީ، ލަޔާލް ރީތިވެލައިގެން ތެދުވިތަނާއެވެ. ފިޒާލްއާއި ލަޔާލަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. ދޮރު ހުޅުވީ ފިޒާލެވެ.
"ތައްޔާރުވެގެންދޯ ތި ތިބީ؟..." ދޮރުމަތީގައި ހުރީ ސާމިޔާއެވެ. ލަޔާލް ފެނުމުން، ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. "ދެކުދިން އަވަހަށް އެއްޗެއް ކާން އުޅޭ... މަންމަ ހުންނާނެ ވަރަށް މީރު އެއްޗެއް ހަދާފަ...."
"މަންމަ ހަދާ ހުރިހާ އެއްޗެއްވެސް އެހާ މީރު..." ފިޒާލް ސަކީނާގެ އުނަގަނޑުގައި އަތް އަޅުވައިލިއެވެ. ދެމައިންގެ ގާތްކަން ފެނި ލަޔާލްގެ ހިތަށް ހަމަޖެހުން ލިބުނެވެ.
"ދަރިފުޅާ...." ލަޔާލްމެން ހިނގައިގަތުމުން، ސާމިޔާ ގޮވައިލިއެވެ. ”ދާއިރު އަކިއަލްއަށް ގޮވާލަބަލަ.... ބުނެބަލަ މަންމަ ބުންޏޭ އައިސްބަލާށޭ.... މަންމަ ކޮޓަރި ފާހާނާގެ އިސްކޫރުން އެއްގޮތަކަށްވެސް ފެނެއް ނާދޭ... މިގޭގަ ކަންކަން ކޮށްފަ ހުންނަގޮތުން އެއްކަމެއްވެސް ފަސޭހައިން ކޮށްލެވޭކަށް ނޯވޭ... އަކިއަލް ކައިރީވެސް ހަމަ ކަމެއްގެ ވާހަކަ ބުނާއިރަށް ބުނާނެ ތީ ކަރައެއް ފަޅާލުންހާ ފަސޭހަ ކަމެކޭ... އެކަމަކު ކަމެއް ރަނގަޅުކުރަންޖެހުނީމަ، އެހާ ގިނައިރުން ކޮށް ނިމޭނީ..."
ލަޔާލް ހުރީ ހުއްޓުން އަރާފައެވެ. ސާމިޔާ އެދުނު ކަންތައް އޭނާ ކުރާނީ ކިހިނެއް ހެއްޔެވެ؟ އަކިއަލްގެ ކުރިމައްޗަށް އަރާކަށް ލަޔާލް ބޭނުމެއް ނުވެއެވެ. ފަސޭހައެއްވެސް ނޫނެވެ. ނަމަވެސް ދެއްކޭނެ އިތުރު ބަހަނާއެއް ނެތްކަން އޭނާއަށް އެނގެއެވެ.
"ބުނެލާފަ އާދޭ..." ފިޒާލް ކާގެއާއި ދިމާއަށް ހިނގައިގަތީ، ސާމިޔާ އެދުނު ކަންތައް ކުރުމަށް ލަޔާލްގެ ކައިރީގައި ބުނުމަށްފަހުގައެވެ.
ޖެހިލުންވެފައިހުރެ ރޭގައި އަކިއަލް ގޮސް ވަން ކޮޓަރިއާއި ދިމާއަށް ލަޔާލް ހިނގައިގަތެވެ. ކޮޓަރިތެރޭގައި ބަޔަކު ވާހަކަ ދައްކާ އަޑު އިވޭތީ، ލަޔާލަށް ޓަކިޖަހާކަށް ނުކެރުނެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވާފައެވެ. އެ ކުޑަ ޖާގައިން ލަޔާލަށް އެތެރެ ބަލައިލެވުނީ، ލަޔާލްގެ ނަން ބުނިހެން ހީވެގެންނެވެ. އެއީ ފިޒާލްގެ ބައްޕަގެ އަޑުހެން ލަޔާލަށް ހީވިއެވެ. އެބަޔަކު ތިބިގޮތުން، އޭނާއަށް މޫނު ފެންނަވަރެއް ނުވިއެވެ.
ދޮރާއި ވީހާވެސް ބޮޑަށް ނިވާވެލުމަށްފަހު އެތެރެއިން ދައްކަމުންދިޔަ ވާހަކައަށް ލަޔާލް ސަމާލުކަން ދިނެވެ. އޭރު ލަޔާލްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ލަޔާލްގެ ވާހަކަ އެ ދެމީހުން ދައްކަންޖެހޭ އޮތީ އެންމެ ސަބަބެކެވެ. އެއީ ފިޒާލްގެ ބައްޕައަށް އަކިއަލްގެ ހަގީގަތް އެނގުނެވެ.
"ބައްޕަ އެކަމާ ހާސްނުވެބަލަ... އޭނަޔަކަށް ދެން ނާދެވޭނެ... ރަނގަޅަށް ހައްޔަރުކޮށްފަ ހުންނާނީ..." އަކިއަލްގެ އަޑުގައިވީ ބޮޑާކަމެވެ. އަމިއްލަ ނަފުސުގެ މައްޗަށް އޭނާ ފަހުރުވެރިވާ ކަހަލައެވެ.
”މިހާރު މާބޮޑަށްވެސް ވަގުތު ފާއިތުވެއްޖެ ތިކަން ކުރަން.... ދެން ތިކަންތައް ހުއްޓާލަން ބައްޕައަށް ފެންނަނީ... ދުނިޔޭން އަންހެނުން ހުސްވީކީ ނޫނެއްނު..." އެތެރެއިން އިވުނީ ފިޒާލްގެ ބައްޕަގެ އަޑުކަން ލަޔާލަށް ޔަގީންވީ ދެނެވެ. އެކަމަކު ދެމީހުން ދެއްކީ ކޮން ވާހަކައެއް ކަމެއް ލަޔާލަކަށް ނޭނގުނެވެ.
"ބައްޕަ އަނެއްކާވެސް ތިވާހަކަ... ބުނެފީމެއްނު ތީ ފަސޭހަކަމެއް ނޫނޭ... ބޭބެއަށްވުރެ ކުރިން އޭނަދެކެ ލޯބިވީ އަހަރެން.... އޭނަޔާ ދުރަށްދާންޖެހޭނީ ބޭބެ... އެކަން ހާސިލުކުރަން އަހަރެން ކުރި މަސައްކަތްވެސް ބައްޕައަށް އެނގޭނެ..." އަކިއަލްގެ ވާހަކައިން ލަޔާލްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. "އެ ހުރިހާ މަސައްކަތެއް ފެނަށް ދުއްވައެއް ނުލެވޭނެ..."
"ދަރިފުޅު އެއްފަހަރުވެސް ނަން ބުނެލިނަމަ... އޭރުން ކައިވެނީގެ ކުރިން ބައްޕައަށް ކޮންމެސް ގޮތެއް ހަދައިދެވުނީސް..." ފިޒާލްގެ ބައްޕަ ބުންޏެވެ.
އަކިއަލްއަކީ ހަމަ އެހާ ނުބައި އިންސާނެއްބާއޭ ލަޔާލްގެ ހިތަށް އެރިއެވެ. ލޯބި ހާސިލުކުރުމަށް އަމިއްލަ ބޭބެއާއި ދެކޮޅަށް ނުކުންނަން އެހުރީ ތައްޔާރަށެވެ. އަމިއްލަ ބައްޕައަށް ކުޑަވެސް ގަދަރެއް ނެތެވެ. އާއިލާ މުހިއްމެއް ނޫނެވެ. ފިޒާލްގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި، މަޑުމައިތިރިކަމެއް އަކިއަލްގެ ކިބައިގައި ކުޑަކޮށްވެސް ނެތެވެ. މައިންބަފައިންގެ ހޮވުން ގޯހެއް ނުވާނެއޭ މީހުން ބުނާތީ ލަޔާލް އަޑު އެހިއެވެ. އެބަހުގެ ތެދުކަން އިހުސާސްވުމުން ލަޔާލަށް ހިތުގެ އަޑިން ޝުކުރު ކުރެވުނެވެ. މަންމަމެންގެ އެދުމަށް ފިޒާލާއި ކައިވެނި ކުރެވުނީތީ، އޭނާ އުފާވީ، އަކިއަލްގެ މަޅިން ސަލާމަތްވެވުނީ އެގޮތުން ކަމުގައިވީތީއެވެ. ލަޔާލް ކަންބޮޑުވީ، އަކިއަލްގެ ނުބައި ރޭވުމުގައި އޭނާގެ ބައްޕަގެވެސް ބައިވެރިވުމެއް އޮތްކަމަށް ޝައްކު ކުރެވުމުންނެވެ.
ލަޔާލްގެ ހިތަށް އެރި އެއްޗަކުން ބިރުން މުޅިމީހާ ތުރުތުރުލާން ފެށިއެވެ. ބޮލުގައި ގަދަޔަށް ރިއްސަން ފެށުމުން އޭނާއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. މިއަދު އިތުބާރުކުރަންވީ ކާކަށް ކަމެއް ލަޔާލަކަށް ނޭނގެއެވެ.
"ސްވީޓް..." ފިޒާލް ގޮވައިލި އަޑު އިވުމުން، ލަޔާލް ދިޔައީ ސިއްސައިގެންނެވެ. "މާގިނައިރުވީމަ ހީކުރީ، ކަނޑުމަތި އަޅައިގެން އުޅެނީކަމަށް... ނޫނީ މިކުއްޖާގެ އިންޖީނު ހަލާކުވީ ކަމަށް..."
ފިޒާލްގެ ސަމާސާގައި ބައިވެރިވެވޭ ވަރަށްވުރެ ލަޔާލްގެ ސިކުނޑި ވަނީ ނުތަނަވަސްވެފައެވެ. މޫނުމަތީގައިވާ ހާސްކަން ފޮރުވުމަށް މަސައްކަތް ކުރި ނަމަވެސް ފިޒާލަށް އެކަމެއް ސިއްރެއް ނުވިއެވެ.
"ކިހިނެއްވީ؟....އަކިއަލް އެއްޗެއް ބުނީތަ؟...." ފިޒާލް ހާސްވެފައި ސުވާލުކުރިއެވެ.
ލަޔާލް އެއްޗެއް ނުބުނުމުން އަކިއަލްގެ ކޮޓަރިއާއި ދިމާއަށް ފިޒާލް ހިނގައިގަތެވެ. އެތެރެއިން ފިޒާލްގެ ބައްޕަ ނުކުތީ، ފިޒާލް ދޮރާއި ހަމަވީތަނާއެވެ.
"ބައްޕަވެސްތަ؟..." ފިޒާލް ޖަހައިލީ ލުއި ހިނިގަނޑެކެވެ. "މަންމަ އެންމެން ފޮނުވީދޯ އާލް ބަލާ..."
ފިޒާލްގެ ބައްޕަ ނިތްއަރުވާލުމަށްފަހު، އެތަނުން ދިޔައީ ލަޔާލާއި ދިމާއަށް ފާޑަކަށް ބަލައިލާފައެވެ. ލަޔާލްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ހަތަރުކަޅި ހަމަކުރަން ނުކެރިގެން އޭނާ އަވަހަށް އިސްޖަހައިލިއެވެ.
ފިޒާލް ކޮޓަރިއަށް ވަންއިރު، އަކިއަލް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ނިތްކުރިމަތީގައި އަތް ބާއްވާލައިގެން އޮތްގޮތުން ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮތްކަން ފިޒާލަށް އެނގުނެވެ.
"މަންމަ އެބަ ގޮވައޭ..." ޗޮކެއް ކަނޑައިލަމުން ފިޒާލް ބުންޏެވެ. "އަބަދު ކޮޓަރީގަ ނޯވެ ހިނގާބަލަ ދާން މަސައްކަތެއް ކޮށްލަން... ގެއަށް ފަހަރިއެއް ގެނައީމަވެސް ތިކޮޓަރިގަނޑުން ނުކުމެވޭކަމަކަށް ނުވޭ... އެކުއްޖާ ފޫހިވެގެން މިގެއިން ނުގޮއްސިއްޔާ ރަނގަޅު..." އަކިއަލްގެ އަތުގައި ހިފާ ނަގަމުން ފިޒާލް ވާހަކަ ދެއްކިއެވެ.
"މަށަކަށް ނޫނެއްނު ކޮޓަރިން ނުނުކުމެވިގެން މިއުޅެނީ..." އަކިއަލް ފިޒާލްގެ އަތް ފޮޅުވައިލިއެވެ. "ބަލާބަލަ ގަޑި.... މެރީކުރިފަހުން ފަހަރި ލޮލަށް ދައްކާނުލާ... ފަހަރިއެއް ގެނަޔަސް ސައުވީސް ގަޑިއިރު ގޮވައިގެން ކޮޓަރީގައި އޮތީމަ އޭގެން މަށަށް ކޮން ފައިދާއެއް އޮތީ؟...."
އަކިއަލްގެ އަޑުގައިވި ނުރައްކާތެރިކަން ފިޒާލަށް ކުޑަކޮށްވެސް ފަހުމެއް ނުވިއެވެ. ފިޒާލް ހީކުރީ، އަކިއަލް ސަމާސާއެއް ކުރީ ކަމަށެވެ. އެހެންވެ އޭނާ ކުރިއަށްވުރެ ބާރަށް ހީނގަތެވެ.
"ފަނި ނުހަދާ އާދޭ..." ސަމާސާ ރާގެއްގައި ފިޒާލް ބުންޏެވެ.
ރޭގަނޑުގެ ވަގުތެވެ. ލަޔާލްގެ ނުތަނަވަސްވެފައިވާ ސިކުނޑިއަށް ލުއިކަމެއް ހޯދުމަށް އޭނާ ބޭނުންވީ، ސަކީނާގެ ކައިރިއަށް ދާށެވެ. ހިތުގެ ނުތަނަވަސްކަން ފިޒާލާއި ހިއްސާކުރުމަށް ލަޔާލް ތައްޔާރެއް ނޫނެވެ.
ސާމިޔާގެ ކޮޓަރީގެ މަސައްކަތްތަކެއްގައި ފިޒާލް އުޅުނީ އަވަދިނެތިއެވެ. ލަޔާލް ގެއަށް ދާން ހުއްދައަށް އެދުމުން، ހުރިހާ ކަމެއް ބަހައްޓާފައި ލަޔާލް އެގެއަށް ލައިދޭން ދިޔައެވެ.
ދެނަމާދު ދޭތެރޭ ވަގުތުކަމުން، މަގެއްގެ މަތިން މީހަކު ފެންނާކަށް ނެތެވެ. ހަނދުވަރުދޭ ރެއެއް ނަމަވެސް، ގޭގޭގެ ގޯތިތެރޭގައި ހައްދާފައިވާ ބިޔަ ގަސްތަކުގެ ހިޔާ މަގުތަކަށް އެޅިފައިވުމުން، މަގުތައް ފެންނަނީ އަނދިރިކޮށެވެ.
"ވޯކް ނިންމާލާފަ އައިސް ގެއަށް ވަންނާނަން އިނގޭ... ދެރަވޭ ލަޔާ އެކަނިކޮށްލަންވީމަ... މަންމަ ކައިރީ ބުނައްޗޭ މީރު ޖޫސްތައްޓެއް ގިރާދެއްޗޭ އަންނަންވާއިރަށް..." ލަޔާލް ގެއަށް ވަންނަން ހިނގައިގަތުމުން ފިޒާލް ބުނެލިއެވެ.
ލަޔާލް ހިނިތުންވެލުމަށްފަހު، ގޯތިތެރެއަށް ވަނެވެ. ގޯތިތެރޭގައިވީ ފަޅުކަމެވެ. އެއްވެސް ބޮތްކެއް ދިއްލާފައެއް ނުވެއެވެ. އިރު އޮއްސުމަށްފަހު، ސަކީނާ އަބަދުވެސް ގޯތިތެރޭގައި ހުންނަ ބޮކިތައް ދިއްލައެވެ. އެކަމަކު، ގޭތެރެއިންވެސް އެއްވެސް އަލިކަލެއް ނުފެނެއެވެ.
"ގޭގަ މީހަކު ނެތީބާ؟..." ލަޔާލަށް ހިތާއިހިތުން ބުނެވުނެވެ.
ފިޒާލް ސައިކަލު ދުއްވާލި އަޑު އިވުމުން، ލަޔާލް އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ގޭގެ ދޮރާއި އަރާ ހަމަވީތަނާ، ކުއްލިއަކަށް ކޮންމެވެސް މީހަކު ލަޔާލްގެ ކުރިމައްޗަށް އެރިއެވެ. އެމީހަކު ހުރީ ފުރުސަތަކަށް ބަލާށެވެ.
"އަކިއަލް؟..." ލަޔާލްގެ ދެލޯ ބޮޑުވިއެވެ.
އަކިއަލްގެ ތޫނު ނަޒަރު ވަނީ ލަޔާލްގެ ހަށިގަނޑަށް ހުއްޓިފައެވެ. ކާމިޔާބީގެ ހިނިތުންވުމެއް އޭނާގެ ތުންފަތުގައިވާއިރު، ލަޔާލް އަންނާނެ އިރެއްގެ އިންތިޒާރުގައި ހުރި ކަހަލައެވެ.
"އަހަރެން ދާންވެއްޖެ... ތަން ދައްކާ..." ލަޔާލް ހިތްހަމަނުޖެހިފައި ބުންޏެވެ.
"މާ އަވަސްއަރުވާލާފަ ކޮންތާކަށް ނުދެވިގެން ތިއުޅެނީ.... ގޭގަ ނެތޭ މީހަކު..." އަކިއަލް ލަޔާލްއާއި ގާތަށް ޖެހެން ފެށިއެވެ.
އަކިއަލް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކަށް ލަޔާލް ފަހަތަށް ފިޔަވަޅެއް އަޅާލައެވެ. ރުޅިވެރިކަން ދައްކައިގެން ހުއްޓަސް، ލަޔާލްގެ ހިތަށް ބިރުވެރިކަން ވަނެވެ.
އަކިއަލްގެ ކައިރިން ސަލާމަތްވެގެން ލަޔާލް ގޮސް ގެއަށް ވަނެވެ. ދޮރު ލެއްޕުމަށް އޭނާ މަސައްކަތް ކުރިއެވެ. ލަޔާލް ދޮރު ލެއްޕުމުގެ ކުރިން އަކިއަލް އައިސް ދޮރުގައި ހިފެހެއްޓިއެވެ. އެތެރެއަށް ދެމިގަތުމަށްފަހު ދޮރު ލައްޕާ ތަޅުލިއެވެ.
އަކިއަލް ލަޔާލް ކޮށްޕައިލީ ސޯފާ މައްޗަށެވެ. ސޯފާގައި ޖެހުނުގޮތުން ލަޔާލްގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ލަޔާލް ބޮލުގައި ދެއަތުން ހިފަހައްޓައިގެން އޮއްވާ ސިންގާއެއް މަސްގަނޑަކަށް ޖެހިގަންނަ ފަދައިން އަކިއަލް އޭނާގެ ގައިމައްޗަށް ޖެހިގަތެވެ. އެއާއިއެކު ލަޔާލަށް އަޑުގެ ކޮޅަށް ރޮއެގަނެވުނެވެ. ލަޔާލަށް ކުރެވުނީ، އޭނާގެ ހަށިގަނޑުގައި ހުރި ހުރިހާ ކަށިތަކެއް ބިންދައިގެން ދިޔަ ފަދަ އިހުސާސެކެވެ.
"ޕްލީ..ޒް... ޕްލީޒް..." އަކިއަލްގެ ކިބައިން ސަލާމަތް ނުވެވޭނެ ކަން އެނގުނު ނަމަވެސް، މިންޖުވެވޭތޯ ލަޔާލް އެތައް ހިތްވަރެއް ކުރިއެވެ.
"ބުނެފީމެއްނު ތީ ހަމައެކަނި އަހަރެންގެ މީހެކޭ... މިއަދު މަ ބޭނުން ކަމެއް ކުރަން ޗާންސް ލިބުނީމަ ކިހިނެއް ތިބުނާހާ ފަސޭހައިން ދޫކުރާނީ... ދެން ނޭނގެ މިކަހަލަ ޗާންސެއް މަށަށް ލިބޭނެ ކަމެއް.... ފުރުސަތުގެ ބޭނުން ހެޔޮގޮތުގަ ހިފަމާ ދޯ؟..." އަކިއަލް ހީވަނީ މޮޔަވެފައިވާ މީހެއް ހެންނެވެ.
"މަންމާ....." ލަޔާލް ހަޅޭއްލަވައިގަތެވެ.
އަކިއަލް ލަޔާލްގެ އަނގަމަތީގައި އަތްއަޅައި ބާރުކޮށްލިއެވެ. ލަޔާލަށް ނޭވާވެސް ނުލެވުނެވެ. ސަލާމަތުން އޮތް އަތުން އަކިއަލްގެ ގައިގައި އަތުން ތަޅާ ވަކިއަޅަމުން ދިޔައިރު، ލަޔާލްގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ.
އަކިއަލް އޭނާ ލައިގެން ހުރި ޓީޝާޓު ހަށިގަނޑާއި ވަކިކޮށްލުމަށްފަހު ހޫރާލިއެވެ. ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑާއިއެކު ދޮރު ހުޅުވިގެން ދިޔައީ ވިދާލި ވިދުވަރެއް ފަދައިން މުޅި ތަން އަލިކޮށްލުމަށްފަހުގައެވެ.
(ނުނިމޭ)