ސައުދީ އަރަބިއާގެ އަލް ހިލާލަށް ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯ ގެންދިއުމަށް މަޝްވަރާކުރަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި މިސީޒަނަށްފަހު ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމުން އަލް ހިލާލަށް ފިރްމީނޯ ގެންދިއުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދެއެވެ.

އަލް ހިލާލުން ފިރްމީނޯ ގެންދިއުމަށް މަސައްކަތްކުރަނީ 2026 ގެ ނިޔަލަށް ކަމަށް ފަބްރީޒިއޯ ރިޕޯޓުކުރެއެވެ. އަދި އޭނާ މި ހަފުތާ ނިމުމުގެ ކުރިން އެ ކްލަބުގެ މެޑިކަލް ފުރިހަމަކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އުމުރުން 31 އަހަރުގެ ފިރްމީނޯ ވަނީ ލިވަޕޫލާއެކު އަށް ސީޒަން ހޭދަކޮށްފައެވެ. މިސީޒަނުގައި ވެސް ފިރްމީނޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވާ އިރު، އޭނާ ވަނީ 35 މެޗުން 13 ގޯލު ކާމިޔާބުކޮށްފައެވެ.

ލިވަޕޫލާއެކު ފިރްމީނޯ ވަނީ ޕްރިމިއާ ލީގަކާއި އެފްއޭ ކަޕެއް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ދެ ސީޒަނެއްގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލު ގެންގޮސްދިނުމުގައި ވެސް ފިރްމީނޯގެ ދައުރު ފާހަގަކޮށްލެވެއެވެ.